Advertisement
ކ. މާލެ
|
25 ސެޕްޓެންބަރ 2024 | ބުދަ 15:04
ޑރ މުއިއްޒު އިންޑިއާ އައުޓް ކެމްޕޭންގައި
ޑރ މުއިއްޒު އިންޑިއާ އައުޓް ކެމްޕޭންގައި
ގޫގުލް
އިންޑިއާގެ އަސްކަރިއްޔާ
އިންޑިއާ އަސްކަރިއްޔާ ބޭރުކުރަން ވޯޓު ހޯދައިގެން އައިސް އިންޑިއާގެ އުނގަށް ވެއްޓުމަކީ ހިޔާނާތެއް - އުމަރު
އިންޑިއާގެ ދެ ހެލިކޮޕްޓަރާއި މަތިންދާބޯޓަކާއި ރާޑަ ސްޓޭޝަންތައް އޮޕަރޭޓްކުރަން ތިބީ އިންޑިއާގެ މިނިސްޓްރީ އޮފް ޑިފެންސްގެ މުވައްޒަފުން
އެމީހުންގެ ހެދުން ބަދަލުކޮށްފައި އެމީހުންނަށް އެހެން ނަމެއް ކިޔަސް އެމީހުންނަކީ އެއްބައެއް
ވެރިކަމަށް އައިސްފައި އޭގެ ސީދާ އަނެއްކޮޅަށް މަސައްކަތް ކުރުމަށްވުރެ ބޮޑު ހިޔާނާތެއް ނޯންނާނެ

އިންޑިއާ އަސްކަރިއްޔާ ބޭރުކުރަން ވޯޓު ހޯދައިގެން އައިސް އިންޑިއާގެ އުނގަށް ވެއްޓުމަކީ ހިޔާނާތެއް ކަމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީގެ ސުވާލަކީ ޕްރޮގްރާމުގައި ވާހަކަދައްކަވަމުން އުމަރު ވިދާޅުވީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރު އައީ އިންޑިއާ ސިފައިން ބާލާކަށް ނޫން ކަމަށެވެ. ސަރުކާރު ވެރިކަމަށް އައީ އިންޑިއާގެ އަސްކަރިއްޔާ ބާލަން ކަމަށާއި، މަގުތަކުގައި ޖަހާފައި ހުރި ހޮޅިދަނޑީގައި އަދިވެސް ހަރުކުރި ޕޯސްޓަރުތައް އެބަހުރިކަމަށް އުމަރު ވިދާޅުވިއެވެ. އުމަރު ވިދާޅުވީ އޭގައި އޮތީ އިންޑިއާ ސިފައިން ބާލާ ވާހަކައެއް ނޫން ކަމަށާއި، އޭގައި އޮތީ އިންޑިއާގެ އަސްކަރިއްޔާ ބާލާ ވާހަކަ ކަމަށެވެ.

Advertisement

އުމަރު ވިދާޅުވީ އިންޑިއާގެ އަސްކަރިއްޔާ ކުރިންވެސް އޮތް ގޮތަށް އަދިވެސް ރާއްޖޭގައި އެބައޮތް ކަމަށާއި، އިންޑިއާގެ ދެ ހެލިކޮޕްޓަރާއި މަތިންދާބޯޓަކާއި ރާޑަ ސްޓޭޝަންތައް އޮޕަރޭޓްކުރަން ތިބީ އިންޑިއާގެ މިނިސްޓްރީ އޮފް ޑިފެންސްގެ މުވައްޒަފުން ކަމަށެވެ. އަދި އެއީ އިންޑިއާގެ އަސްކަރިއްޔާގެ މީހެއްކަމުގައި ވިޔަސް އެމީހުންނަނީ އިންޑިއާގެ އަސްކަރިއްޔާގެ ހަތިޔާރު އޮަޕަރޭޓްކުރާ މީހުން ކަމަށެވެ.

އެމީހުންގެ ހެދުން ބަދަލުކޮށްފައި އެމީހުންނަށް އެހެން ނަމެއް ކިޔަސް އެމީހުންނަކީ އެއްބައެއް. ރާއްޖޭގައި އިންޑިއާގެ އަސްކަރިއްޔާ އެބައޮތް. މި މީހުން އައީ ވަރަށް ބޮޑު އުއްމީދުގައި އަދި އެކަމުގެ ވަރަށް ބޮޑު ޕްރޮމިސްގައި. ވޯޓުދިން ގިނަ މީހުންނަކީ އިންޑިއާގެ އަސްކަރިއްޔާ ފޮނުވާލުމަށްޓަކައި ވޯޓުދިން މީހުން. އެއްގޮތަކަށްވެސް މުއިއްޒު މޮޅުފުޅުވެގެން ޕީއެންސީގެ ބޭފުޅުން މޮޅުވެގެން ދިން އެއްޗެއް ނޫން. މިއީ މިނިވަންކަމާއި އިންޑިއާގެ އަސްކަރިއްޔާ ފުރުވާލާނެކަމުގެ ޔަގީންކަމާއެކު ދިން ވޯޓެއް. އެ ވޯޓުގައި އެހާ ބޮޑުކޮށް ޕްރޮމިސްކޮށްފައި އައިސް ކޮމްޕްލީޓް ޔޫޓާންއެއް ނަގާފައި ގޮސް އިބްރާހިމް މުހައްމަދު ޞާލިހުގެ ސަރުކާރުން އިންޑިއާއާއި ގުޅުން ގާއިމްކުރިވަރަށް ވުރު ބޮޑުކޮށް އުނގަށް އަރައި އިށީންދެ ގުޅުން ގާއިމްކޮށްގެން މިތިބީ.
ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު

އުމަރު ވިދާޅުވީ މި ސަރުކާރު ގެންނަށް ވޯޓު ދިން މީހުންނަށް މި ސަރުކާރުން ހިޔާނާތްވެއްޖެ ކަމަށެވެ. ޕީއެންސީގެ ވަރަށް ގާތް ބޭފުޅުން ތިބޭނެ ކަމަށާއި، އެ ބޭފުޅުންނަށް ދަންނަވަން ބޭނުންވަނީ އެއީ ވަރަށް ބޮޑު ހިޔާނާތެއް ކަމަށް އުމަރު ވިދާޅުވިއެވެ.

ސަބަބަކީ ރައްޔިތުންނަށް އެވަރުގެ ބޮޑު ވައުދެއް ވެފައި، ޓީވީތަކާއި ބަހުސްތަކާއި ކޮންމެ ރަށަކަށް އަރައި ޕޯޑިއަމް ބަހައްޓާގައި ވައުދުވެފައި މިއަދު ވެރިކަމަށް އައިސްފައި އޭގެ ސީދާ އަނެއްކޮޅަށް މަސައްކަތް ކުރުމަށްވުރެ ބޮޑު ހިޔާނާތެއް ނޯންނާނެ. މިއަދުވެސް އިންޑިއާގެ އަސްކަރިއްޔާ ރާއްޖޭގައި ކުރިން ތިބިގޮތަށް އެބަތިބި. ހަމަ އެމީހުން ތިބި މަސައްކަތް ކުރަމުންދަނީ. އެމީހުންގެ މަސައްކަތަކީ އަޅުގަނޑުމެންނަށް ފާރަލުމެއް ނޫން. އެމީހުންގެ މަސައްކަތަކީ ޗައިނާއާއި ރަޝިއާއަށް ފާރަލުން. އެކަން ކުރަމުން ގެންދޭ ބަރާބަރަށް.
ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު

އުމަރު ވިދާޅުވީ އިންޑިއާގެ އަސްކަރިއްޔާ ރާއްޖޭގައި ތިބުމަކީ މިނިވަންކަމުގެ ނުރައްކަލެއް ކަމަށެވެ. އަދި އެމީހުން ދިވެހިންނާއި ދެކޮޅަށް ތެދުވާނީ ކޮންދުވަހަކު ކަމެއް ނޭނގޭ ކަމަށާއި، މިނިކާވަގެއް އޮޅުވެއްޖެކަމަށް ހީކޮށް ގޭތެރޭގައި ނިންދަވަން ނުވާނެ ކަަމަށް އުމަރު ވިދާޅުވިއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ގަޑިއިރު ކުރި
ރިވިއު ކުރީ: މަރިޔަމް އުހާމަތު
- ކޮމެންޓް