ކ. މާލެ
|
18 ނޮވެންބަރ 2024 | ހޯމަ 13:00
ތަވާތުރު ޕްރޮގްރާމްގައި ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވާހަކަދައްކަވަނީ
ތަވާތުރު ޕްރޮގްރާމްގައި ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވާހަކަދައްކަވަނީ
ރާއްޖެއެމްވީ
ރަނގަޅު މުޖުތަމައެއް ބިނާކުރުން
ރަނގަޅު މުޖުތަމައެއް ބިނާ ކުރުމަށް އަތުލާފައިވާ ބާރުތައް މައިންބަފައިންނާއި، މުދައްރިސުންނަށް އަނބުރާ ދޭން ޖެހޭ: އުމަރު
ކުޑަކުދިންނާބެހޭ ގާނޫނުގައި މައިންބަފައިންނާއި، މުދައްރިސުންގެ އަތުން ބާރުތައް ވަނީ އަތުލެވިފައި
މިހާރު ސްކޫލުގައި ދަރިވަރަކު ބަސް ނޭހިނަމަ ވެސް ނަސޭހަތް ދިނުން ފިޔަވަައި، ފިޔަވަޅު އެޅޭނެ ގޮތެއް ނެތް
ރާއްޖޭގެ މުޖުތަމައު ހުޅަނގުގެ އުސޫލާ އެއްގޮތަށް ބައްޓަން ކުރާކަށް ނުޖެހޭ

ދިވެހިރާއްޖޭގައި ރަނގަޅު މުޖުތަމައެއް ބިނާ ކުރުމަށް އަތުލާފައިވާ ބާރުތައް މައިންބަފައިންނާއި، މުދައްރިސުންނަށް ގާނޫނު އަސާސީން އަނބުރާ ދޭންޖެހޭ ކަމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެއެވެ.

އާދިއްތަ ދުވަހުގެ ރޭ ކުރިއަށް ގެންދިޔަ ތަވާތުރު ޕްރޮގްރާމްގައި އުމަރު ވިދާޅުވީ ރާއްޖޭގެ މުޖުތަމައުގައި މިހާރު އަހުލާގު ވަރަށް ބޮޑަށް ދަށްވެފައިވާ ކަމަށާއި، މިއީ ހައްލު ބޭނުންވާ ކަމެއް ކަމަށެވެ.

އަހުލާގު ދަށްވުމުގައި ގިނަ ސަބަބުތަކެއްވާކަން ފާހަގަކުރައްވައި އުމަރު ވިދާޅުވީ ތައުލީމީ ނިޒާމުގައި ހުރި މައްސަލަތަކާއި، ގޯތިގެދޮރުގައި ހުރި މައްސަލަތަކާއި، އެކިކަހަލަ އިޖްތިމާއީ ވަރަށް ގިނަ މައްސަލަތައް އެބަހުރި ކަމަށެވެ. އަދި ބައެއް ގާނޫނުތައް ހަދައި، ތަންފީޒުކޮށްފައިވާއިރު، ކުޑަކުދިންނާބެހޭ ގާނޫނުގައި މައިންބަފައިންނާއި، މުދައްރިސުންގެ އަތުން ބާރުތައް އަތުލެވިފައިވާ ކަމަށެވެ.

އޭގެ ނަތީޖާއެއް ގޮތުން މި ޖީލުގެ އަހުލާގު ދަށް ކަމަށް އުމަރު ވިދާޅުވިއެވެ.

މީގެ އިތުރުން އުމަރު ވިދާޅުވީ މިހާރު ސްކޫލުގައި ދަރިވަރަކު ބަސް ނޭހިނަމަ ވެސް ނަސޭހަތް ދިނުން ފިޔަވަައި، ފިޔަވަޅު އެޅޭނެ ގޮތެއް ނެތް ކަމަށް އުމަރު ވިދާޅުވިއެވެ. މައިންބަފައިންނާއި، މުދައްރިސުންނަށް ބާރުތައް ދީފިނަމަ އަނިޔާކުރާނެ ކަމަށް ބައެއް މީހުން ބުނަމުންދާތީ އެކަމަށް ރައްދު ދެއްވައި އުމަރު ވިދާޅުވީ އޭރުން ވެސް އުސޫލުގެ ތެރެއިން މައްސަލަ ބަލައި ފިޔަވަޅު އަޅާނެ ކަމަށާއި، ދަރިންނަށް އަނިޔާ ނުކުރެވޭ ކަމަށެވެ.

ބައެއް ގާނޫނުތައް އަޅުގަނޑުމެން ހެދިއިރުގައި މިސާލަކަށް ކުޑަކުދިންނާބެހޭ ގާނޫނު ބައެއް ގާނޫނުތައް އަޅުގަނޑުމެން ހެދިއިރުގައި މައިންބަފައިންގެ އަތުން ބާރުތައް އަތުލެވި، އެބާރުތައް ކުދިންނާ ހަމައަށް ނުވަތަ އެހެން ބަޔާކާ ހަމައަށް ފޯރުކޮށްދެވިފައި އެބަހުރި އަޅުގަނޑުމެންނަށް. ޓީޗަރުންގެ އަތުން އެމީހުންގެ ބާރުތައް އަތުލެވިފައި އެބަހުރި. މިއީ މިސާލަކަށް ސޮސައިޓީއަށް އަހުލާގު ބައްޓަން ކުރާ މައިގަނޑު ދެބައެއް މިއޮންނަނީ. އެއީ މައިންބަފައިންނާއި، ޓީޗަރުންނާ އެނގޭތޯ. މައިންބަފައިންގެ އަތަށް އަޅުގަނޑުމެން ޖެހޭނެ އެކަށީގެންވާ ބާރު ދޭން. އަޅުގަނޑުމެން ޖެހޭނެ ޓީޗަރުންނަށް އެކަށީގެންވާ ބާރުދޭން އަޅުގަނޑުމެން އަހުލާގު ރަނގަޅު ޖެނަރޭޝަނެއް އަޅުގަނޑުމެން ބޭނުންވަންޏާ.
ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު

އުމަރު ވިދާޅުވީ ރާއްޖެއަކީ މުސްލިމް ގައުމަކަށްވާއިރު، މި މުޖުތަމައު ބައްޓަންކުރަން ޖެހޭނީ އިސްލާމީ ގޮތަށް ކަމަށެވެ. ރާއްޖޭގެ މުޖުތަމައު ހުޅަނގުގެ އުސޫލާ އެއްގޮތަށް ބައްޓަން ކުރުމަށް އެގައުމުތަކުގެ އެކިއެކި ޖަމިއްޔާތަކުން މަސައްކަތް ކުރާ ކަމަށާއި، ރާއްޖެއިން އެކަމުގައި ރަނގަޅަށް ޖެހިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. ނަމަވެސް ރަނގަޅު މުޖުތަމައެއް ބިނާ ކުރުމަށް ހުޅަނގުގެ އުސޫލުތައް ދޫކޮށްލަންޖެހޭ ކަމަށް އުމަރު ވިދާޅުވިއެވެ.

އުމަރު ވިދާޅުވީ އިސްލާމީ އުސޫލުގެ ތެރެއިން މުޖުތަމައު ބައްޓަންކުރާނަމަ، މިހާރު އެކަކު އަނެކަކަށް ގެއްލިފައިވާ އިހުތިރާމް އަލުން އަނބުރާ އިޔާދަވާނެ ކަމަށާއި، ބާރުތައް މައިންބަފައިންނާއި، މުދައްރިސުންނަށް ދިނުމަށްފަހު ފުރަތަމަ މަސައްކަތް ކުރަންޖެހޭނީ މަދަރުސާތަކުން ކަމަށެވެ. އަދި ގައުމުގެ ވެރިން ވެސް މިކަމަށް ވިސްނައި ފިޔަވަޅު އެޅުމަށް އުމަރު ގޮވާލެއްވިއެވެ.

- ކޮމެންޓް