ކ. މާލެ
|
14 ސެޕްޓެންބަރ 2023 | ބުރާސްފަތި 08:09
ކަންމަތީ ބައްދަލުވުމުގައި މޫސަ ވާހަކަދައްކަވަނީ
ކަންމަތީ ބައްދަލުވުމުގައި މޫސަ ވާހަކަދައްކަވަނީ
ރާއްޖޭގެ އިސްތިޤްލާލު
ތަނަކުން ފޮއްޓެއް ހިފައިގެން ސިފައިންގެ މީހަކު އަރާ ކޮންމެ ފަހަރަކު ގައުމުގެ އިސްތިޤްލާލެއް ނުގެއްލޭނެ - މޫސަ
މޫސަ ވިދާޅުވީ އެފަދަ ވާހަކަތައް ދައްކަމުން ދަނީ އިދިކޮޅު ބައެއް ފަރާތްތަކާއި މަދު ނޫސްވެރިންތަކެއް ކަަމަށް
ރާއްޖެ އަކީ ކިތަންމެ ކުޑަ ޤައުމަކަށް ވިޔަސް ރާއްޖެ އޮތީ ހިމާޔަތުގެ ތެރޭގައި ކަަމަށް މޫސަ ވިދާޅުވި

ރާއްޖެ އަކީ ތަނަކުން ފޮއްޓެއް ހިފައިގެން ސިފައިންގެ މީހަކު އަރާ ކޮންމެ ފަހަރަކު ގައުމުގެ އިސްތިޤުލާލު ދާގޮތަށް އޮތް ޤައުމެއް ނޫން ކަމަށް އެމްޑީޕީގެ ކުރީގެ ޗެއާޕަރސަން ރީކޯ މޫސާ މަނިކު ވިދާޅުވެއްޖެއެވެ.

މޫސަ އެފަދައިން ވިދާޅުވީ ބުދަ ދުވަހުގެ ރޭ އެމްޑީޕީގެ ކަންމަތީ ބައްދަލުވުން ޖަލްސާގައި ވާހަކަފުޅު ދައްކަަވަމުންނެވެ. ރާއްޖޭގައި އިންޑިއާ ސިފައިން ތިބި ކަމަށާއި އެކަމުގެ ސަބަބުން ރާއްޖޭގެ މިނިވަންކަމަށް އަސަރު ކުރާ ކަމަށް އިދިކޮޅު ފަރާތްތަކުން ދަނީ ބުނަމުންނެވެ. ބުދަ ދުވަހުގެ ރޭގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން މޫސަ ވިދާޅުވީ އެފަދަ ވާހަކަތައް ދައްކަމުން ދަނީ އިދިކޮޅު ބައެއް ފަރާތްތަކާއި މަދު ނޫސްވެރިންތަކެއް ކަަމަށެވެ.

ރާއްޖެ އަކީ ކުޑަ ޤައުމަކަށް ވީ ނަމަވެސް ރާއްޖެއަކީ ބައިނަލްއަޤުވާމީ ޤަވާއިދުތަކައި މުއާހަދާތަކައި އެއްގޮތަށް ރާއްޖޭގެ ޤާނޫނު ހަދާ މަޖިލީހުން ގަރާރުތައް ފާސްކޮށްފައިވާ ޤައުމެއް ކަމަށް މޫސަ ވިދާޅުވިއެވެ. އެ ކަންކަމަކީ ޔުނައިޓެޑް ނޭޝަންސްގެ ތެރޭގައި ވެސް ބަލައިގަންނަ ކަންކަން ކަމަށް މޫސަ ވިދާޅުވިއެވެ. އެހެންކަމުން ރާއްޖޭގެ އިސްތިޤްލާލަކީ ފަސޭހައިން ގެއްލޭ ގޮތަށް އޮތް ލުއި އިސްތިޤްލާލެއް ނޫން ކަމަށް މޫސަ ވިދާޅުވިއެވެ. ރާއްޖެ އަކީ ކިތަންމެ ކުޑަ ޤައުމަކަށް ވިޔަސް ރާއްޖެ އޮތީ ހިމާޔަތުގެ ތެރޭގައި ކަަމަށާއި އެފަދަ ކަންކަމާއި މެދު ދޮގު ފެތުރުން ހުއްޓާލަން ޖެހޭ ކަމަށް މޫސަ ވިދާޅުވިއެވެ.

ބޭރުގެ ސިފައިން ރާއްޖެ އަށް ގެނެވޭނީ މަޖިލީހުން ވެސް ހުއްދަ ލިބިގެން ކަމަށް އޭނާ ވިދާޅުވިއެވެ. އެހެންނަމަވެސް ރާއްޖޭގައި އިންޑިއާ ސިފައިން ތިބި ކަމަށް ބުނެ ދައްކާ ވާހަކަތަކުން މުޅި ރާއްޖެ ފަސާދަކޮށްފައިވާ ކަމަށް މޫސަ ވިދާޅުވިއެވެ.

އިންޑިއާ ސިފައިންނޭ ކިޔައިގެން ދައްކަނީ ކަނޑައެޅިގެން ދޮގެއް. އަަޅުގަނޑު ޗެލެންޖުކޮށްފަ މި ދަންނަވަނީ. ވަޑައިގަންނަވާ އެ ބޭފުޅުން އަޅުގަނޑާއި އެކު. އަޅުގަނޑުމީ ކޮންތަނެއްގައި ކީއްކޮށްފައި ހުރި މީހެއްކަން ތިބޭފުޅުންނަށް އެނގޭނަމަ، މާ މަތީ މީހަކަށް ވެގެނެއް ނޫން. އެކަމަކު ދިވެހި ރާއްޖޭގައި އިންޑިއާ މީހަކަށް ކީއްކުރަން އެއްވެސް މީހަކަށް ތަނެއް ނުދެވޭނެ އިނގޭތޯ.
މޫސާ މަނިކު / އެމްޑީޕީގެ ކުރީގެ ޗެއާޕަރސަން
- ކޮމެންޓް