ބައިނަލްއަޤުވާމީ ރަޙުމަތްތެރިކަމުގައި ޖަރުމަނާ ދެކޮޅަށް ކުޅުނު މެޗު ޖަޕާން އިން ކާމިޔާބުކޮށްފި އެވެ.
މިއީ މިދިޔަ އަހަރު ޤަތަރުގައި ކުރިއަށް ދިޔަ ފީފާ ވޯލްޑް ކަޕަށްފަހު، މި ދެ ޓީމު ބައްދަލު ކުރި ފުރަތަމަ ފަހަރެވެ. ވޯލްޑް ކަޕްގެ ގްރޫޕް ސްޓޭޖުގައި ޖަރުމަނާ ދެކޮޅަށް ކުޅުނު މެޗު ވެސް ޖަޕާން އިން ވަނީ ކާމިޔާބުކޮށްފަ އެވެ.
ހޮނިހިރު ދުވަހުގެ ރޭ ކުޅުނު މެޗު ޖަޕާން އިން ކާމިޔާބު ކުރީ 4-1 އިންނެވެ. މެޗު ފަށައިގެން 11 ވަނަ މިނެޓުގައި ޖަޕާނުން ވަނީ ލަނޑު ޖަހައި ލީޑު ނަގައިފަ އެވެ. ޔުކިނާރީ ސުގަވަރާ ތަނަވަސްކޮށްދިން ފުރުސަތެއްގައި އެ ޓީމަށް ލީޑު ނަގައިދިނީ ޖުންޔާ އިޓޯ އެވެ. އޭގެ އަށް މިނެޓު ފަހުން ޖަރުމަނުން ވަނީ ލަނޑު ޖަހައި ނަތީޖާ ހަމަހަމަ ކޮށްފަ އެވެ. 19 ވަނަ މިނެޓުގައި ޖަރުމަނަށް ނަތީޖާ ހަމަހަމަ ކޮށްދިނީ ލެރޯއީ ސާނޭ އެވެ. ނަމަވެސް އޭގެ ތިން މިނެޓު ފަހުން ދެ ވަނަ ފަހަރަށް ޖަޕާނަށް ލީޑު ނަގައިދިނީ އަޔާސޭ އުއެޑާ އެވެ. ޖަޕާންގެ އަނެއް ދެ ލަނޑު އެ ޓީމުން ޖެހީ މެޗުގެ ފަހު ވަގުތުގެ ތެރޭގަ އެވެ. 90 ވަނަ މިނެޓުގައި އެ ޓީމުގެ ތިން ވަނަ ލަނޑު ޖެހީ ޓަކުމޯ އަސާނޯ އެވެ. މެޗުގެ ފުރިހަމަ ވަގުތު ހަމަވެ، އިތުރަށް ދެއްކި ވަގުތުގެ ތެރޭގައި އެ ޓީމުގެ ހަތަރު ވަނަ ލަނޑު ޖެހީ އޯ ޓަނަކާ އެވެ.
ބައިނަލްއަޤުވާމީ ރަޙުމަތްތެރިކަމުގައި ޖަރުމަނުން ދެން ނުކުންނާނީ ފްރާންސާ ދެކޮޅަށެވެ. ޖަޕާން ނުކުންނާނީ ތުރުކީއާ ދެކޮޅަށެވެ.