ކ. މާލެ
|
3 ސެޕްޓެންބަރ 2023 | އާދީއްތަ 06:47
އިންޑިޔާ
އިންޑިޔާ
އައި އެސް އާރ އޯ
އިންޑިޔާގެ ސަން މިޝަން
އިރާބެހޭ ކަންކަން ބަލައި ދިރާސާކުރާނެ ސެޓަލައިޓެއް އުފުލާ ޖައްވީ އުޅަނދެއް އިންޑިޔާއިން ލޯންޗްކޮށްފި
ބިމުން ފެށިގެން 1.5 މިލިއަން ކިލޯމީޓަރަކީ އިރާ ދުނިޔެއާ ދެމެދު ހުންނަ ދުރުމިނުގެ އެކެއް އިންސައްތަ

އިރާ ބެހޭކަންކަން ބަލައި ދިރާސާކުރާނެ ޚާއްސަ ސެޓަލައިޓެއް އުފުލާ ޖައްވީ އުޅަނދެއް އިންޑިޔާއިން އުދުއްސާލައިފިއެވެ. އަދިތުޔާ އެލް-ވަންގެ ނަމުން ނަންދީފައިވާ ރޮކެޓް އުދުއްސާލާފައިވަނީ ހޮނިހިރު ދުވަހު އެގައުމުގެ ގަޑިން 11:50ގައެވެ.

އަލަށް އުދުއްސާލި ރޮކެޓް 1.5 މިލިއަން ކިލޯމީޓަރަށް ދަތުރުކޮށް، "ޕާކިން ސްޕޮޓް"ގެ ގޮތުގައި ކަނޑައަޅާފައިވާ ހިސާބުގައި ސެޓަލައިޓް ބަހައްޓާނެއެވެ. ނުވަތަ އެހިސާބަށް ދޫކުރާނެއެވެ. މިއީ އިރާ އެންމެ ކައިރިވެވޭ، އިރުގެ ގްރެވިޓީއަށްވެސް އަދި ދުނިޔޭގެ ގްރެވިޓީއަށްވެސް ނުދަމާގޮތަށް ސެޓަލައިޓް ދޫކުރެވޭ ހިސާބު ކަމަށް ވެއެވެ.

ބިމުން ފެށިގެން 1.5 މިލިއަން ކިލޯމީޓަރަކީ އިރާ ދުނިޔެއާ ދެމެދު ހުންނަ ދުރުމިނުގެ އެކެއް އިންސައްތައެވެ. އިންޑިޔާގެ ސްޕޭސް ރިސަރޗް އޭޖެންސީން ދޫކުރި ރޮކެޓް އެހިސާބަށް ދަތުރުކުރުމަށް ހަތަރު މަސްދުވަސް ނަގާނެއެވެ. އަދިތުޔާ އެލްވަން އޭގެ މަންޒިލަށް ފޯރުމުން، ދޫކުރާ ސެޓަލައިޓް އިރުގެ ވަށައި ބުރުޖަހާނީ ދުނިޔެއާ އެއް ރޭޓެއްގައި ކަމަށް ވެއެވެ. މިހެން ވުމުން ސެޓަލައިޓް އިރުގެ ވަށައި ޖަހާ ބުރު ޖެހުމަށް މާބޮޑު ދަތިކަމެއް ނާންނާނެ ކަމަށް ވެއެވެ.    

އަދިތުޔާ އެލްވަން އޭގެ މަންޒިލަށް ފޯރުމުން އޭގެ ފައިދާކުރާނީ ހަމައެކަނި އިންޑިޔާއަށް ނޫން ކަމަށާއި މުޅި ދުނިޔޭގެ ސައިންޓިފިކް ކޮމިޔުނިޓީއަށް އެކަމުގެ ފައިދާ ކުރާނެ ކަމަށް ޕްރޮޖެކްޓް ޑައިރެކްޓަރ ވިދާޅުވެފައި ވެއެވެ.

ހޮނިހިރު ދުވަހު ރޮކެޓް އުދުއްސާލި ތަން ބަލައިލުމަށް އައިއެސްއާރުއޯގެ ލޯންޗް ސައިޓަށް އެތައްހާސް ބަޔަކުވަނީ އެއްވެފައެވެ.

އިންޑިޔާއިން ދާދި ފަހުން ވަނީ ހަނދަށް ވެސް ލޭންޑަރެއް ފޮނުވާ ކާމިޔާބު ކަމާއެކީ ހަނދުގައި ޖައްސާފައެވެ. އަދި ލޭންޑަރުން ބޭލި ރޯވަރއެއް ދަނީ ހަނދުގެ އެކިތަންތަން ފޮޓޯ ނަގަމުންނެވެ.

- ކޮމެންޓް