ކޮލިފިކޭޝަން ރިކޮގްނިޝަން ކޮންފަރެންސް ވަރަށް ކާމިޔާބުކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމްކިއުއޭ) އިން ބުނެފިއެވެ.
ރާއްޖެޓީވީގެ ފަލަސުރުޚީ ޕްރޮގްރާމްގައި ވާހަކަފުޅުދައްކަވަމުން އެމްކިއުއޭގެ ސީއީއޯ ޑރ އަބްދުލްހަންނާން ވަހީދު ވިދާޅުވީ އެފަދަ ޕްރޮގްރާމްތައް ހިންގުމަށްޓަކައި އެކުލަވާލާން ޖެހޭ އެޖެންޑާވެސް އެ އިދާރާއިން އެކުލަވާލައްވާފައިވާ ކަމަށެވެ. އަދި ބައެއް ޕްރޮގްރާމްތައް ވެބިނާގެ ގޮތުގައި ވެސް ކުރިއަށް ގެންދަވާފައިވާނެ ކަމަށެވެ. އެ މަސައްކަތްތައް މަޑުޖެހުނީ ކޮވިޑް-19އިގެ ސަބަބުން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. އެގޮތުން ދެތިން ޕްރޮގްރާމް މަޑުޖެހުނު ކަމަށް އޭނާ ވިދާޅުވިއެވެ.
އަދި އެމްކިއުއޭގެ މަސައްކަތުގައި ޕަބްލިކް އެންގޭޖްމެންޓް އިތުރުކުރަން ޖެހޭ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. މީގެ އިތުރުން ސަނަދު ޤަބޫލު ކުރުމާބެހޭ މައުލޫމާތުތައް ފޯރުކޮށްދިނުން ވެސް މުހިންމު ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ. މިދިޔަ ހޮނިހިރު ދުވަހު ކުރިއަށްދިޔަ ކޮލިފިކޭޝަން ރިކޮގްނިޝަން ކޮންފަރެންސްގައި ވަރަށް ގިނަ ސްޓޭކް ހޯލްޑަރުންނާއެކު މަަސައްކަތް ކުރެވުނު ކަމަށް އޭނާ ވަނީ ފާހަގަކުރައްވާފައެވެ.
އެމްކިއުއޭގެ މަސައްކަތްތަކާއި މައުލޫމާތު ދިނުމަށް އެފަދަ ކޮންފަރެންސްއެއް މުހިންމު ކަމަށް އޭނާ ވިދާޅުވިއެވެ. އެ ކޮންފަރެންސް އަށް ސްޓޫޑެންޓް ބޮޑީތަކަށް ވެސް ދައުވަތު ދިން ކަމަށާއި ވަޒީފާ ދޭ ފަރާތްތަކަށް ވެސް ދައުވަތު ދެއްވާފައިވާނެ ކަމަށް ހަންނާން ވިދާޅުވިއެވެ.