ކ. މާލެ
|
25 އޯގަސްޓް 2023 | ހުކުރު 22:33
އަލީ ނިޔާޒް
އަލީ ނިޔާޒް
ހުޅުމާލޭގައި ދިރިއުޅޭ މީހުންގެ ވޯޓު
ހުޅުމާލެ ފޭސް 2 އިން ވެސް ރައީސް ޞާލިހަށް ގިނަ ވޯޓު ލިބޭ މަންޒަރު ފެނޭ - ނިޔާޒް
ބޮޑުތަނުން ރައީސް ޞާލިހަށް އިންތިޚާބު ކާމިޔާބުކޮށްދެއްވުމަށް ވެސް މަސައްކަތް ކުރުމަށް ކެމްޕެއިން ޓީމްތަކަށް ނިޔާޒް ގޮވާލެއްވި
ނިޔާޒް ވަނީ ހުޅުމާލޭ ފޮށްޓަށް ވޯޓުލާ އާބާދީ އަށް ބަލާއިރު ހުޅުމާލޭ ފޭސް ދޭއްގައި ތިބީ 190 މީހުން ކަމަށް ވެސް ވިދާޅުވެފަ
ފޭސް 2ގައި މި ސަރުކާރުން ކުރި މަސައްކަތްތައް މަދު ނުވާނެ ކަމަށް ނިޔާޒް ވަނީ ވިދާޅުވެފަ

ހުޅުމާލެ ފޭސް 2 އިން ވަރަށް ގިނަ ވޯޓު ލިބިވަޑައިގަންނަވާ މަންޒަރު މިހާރު ވެސް ފެނިވަޑައިގަންނަވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލޭ ދާއިރާގެ މެމްބަރު އަލީ ނިޔާޒް ވިދާޅުވެއްޖެއެވެ.

އޭނާ މިފަދައިން ވިދާޅުވީ ހުޅުމާލޭގައި ހުކުރު ދުވަހުގެ ރޭ ބޭއްވި އެމްޑީޕީގެ ޖަލްސާގައި ވާހަކަދައްކަވަމުންނެވެ. ނިޔާޒް ވަނީ ހުޅުމާލޭގެ ފޭސް ދޭއްގެ ތަރައްޤީ ގެންނަވާފައި ވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ކަަމަށާ އެހެންކަމުން ފޭސް ދޭއްގެ ރައްޔިތުންގެ ވޯޓު މި ސަރުކާރަށް ނުލިބޭނެ ކަމަށް ބުނެ އިދިކޮޅު ފަރާތްތަކުން ދައްކަމުންދާ ވަާހަތަކަށް ރައްދުދެއްވާފައެވެ. ނިިޔާޒް ވިދާޅުވީ ހުޅުމާލޭގެ ފޭސް ދޭއްްގައި 190 އެއްހާ މީހުން ފިޔަވާ ދެން އުޅެނީ މުޅިން ރާއްޖޭގެ އެކި ހިސާބުތަކަށް ނިސްބަތްވާ މީހުން ކަމަށެވެ. އޭގެ ތެރެއިން ގިނަ މީހުން އެތަނުގައި އުޅެނީ ކުއްޔަށް ކަމަށް ނިޔާޒް ވިދާޅުވިއެވެ. އެހެންކަމުން އެ މީހުން އެތަނުގައި އުޅެނީ އުފަލުން ނޫންކަން ދައްކާ ވާހަކަތަކުން އެނގޭ ކަމަށް ނިޔާޒް ވިދާޅުވިއެވެ.

މީގެ އިތުރުން ހިޔާ ފްލެޓްގެ މަސައްކަތް ފެށީ ކުރީ ސަރުކާރުން ކަމަށް ވީ ނަމަވެސް އެ މަަސައްކަތް ނިންމީ މި ސަރުކާރުން ކަމަށާއި އެތަނުގައި މި ސަރުކާރުން ކުރި މަސައްކަތްތައް މަދު ނުވާނެ ކަމަށް ނިޔާޒް ވަނީ ވިދާޅުވެފައެވެ. އެގޮތުން ސަރުކާރުން ކުރި ކަންކަމުގެ ތެރޭގައި ފޭސް 2ގެ މިސްކިތްތަކާއި، ސްކޫލާއި މަގުތަކުގެ މަސައްކަތް ހިމެނޭ ކަމަަށް އޭނާ ވިދާޅުވިއެވެ. އެހެންކަމުން ފޭސް ދޭގައި ދިރިއުޅޭ މީހުން ވެސް ސަރުކާރަކުން ކުރާ ރަނގަޅު ކަންކަން ބަލައިގަންނާނެ ކަމަށް ނިޔާޒް ވަނީ ވިދާޅުވެފައެެވެ.

މީގެ އިތުރުން މި ސަރުކާރުން ގާއިމް ކުރި ފްލެޓްތަކުގައި މި ދައުރު ނިމުމުގެ ކުރިން މީހުން ދިރިއުޅެން ފަށާނެ ކަން ފާހަގަކުރައްވާ ނިޔާޒް ވަނީ އެއީ މިހާތަނަށް އެއްވެސް ސަރުކާރަކަށް ނުކުރެވުނު ކަމެއް ކަމަށް ވިދާޅުވެފައެވެ.

ނިޔާޒް ވަނީ ހުޅުމާލޭ ފޮށްޓަށް ވޯޓުލާ އާބާދީ އަށް ބަލާއިރު ހުޅުމާލޭ ފޭސް ދޭއްގައި ތިބީ 190 މީހުން ކަމަށް ވެސް ވިދާޅުވެފައެވެ. އެހެންކަމުން ހުޅުމާލޭ ފޭސް ދޭއްގައި މަސައްކަތް ކޮށްފި ނަމަ ރައީސް ޞާލިހު އަށް ބޮޑު ތާއީދެއް ލިބޭނެ ކަމަށް ޤަބޫލުކުރައްވާ ކަމަށް އޭނާ ވިދާޅުވިއެވެ. ކުރިއަށް އޮތް އިންތިޚާބުގައި ވަރަށް ވިސްނުންތެރިކަމާއި އެކު ވޯޓު ލުމަށް އޭނާ އެދިލެއްވިއެވެ. އަދި ކުރިއަށް އޮތް އިންތިޚާބުގައި ބޮޑުތަނުން ރައީސް ޞާލިހަށް އިންތިޚާބު ކާމިޔާބުކޮށްދެއްވުމަށް ވެސް މަސައްކަތް ކުރުމަށް ކެމްޕެއިން ޓީމްތަކަށް ގޮވާލެއްވިއެވެ.

- ކޮމެންޓް