ލޭމާ ހަންޓް ޔޫއެސް އޯޕަން ކަޕްގެ ފައިނަލުން އިންޓަ މިއާމީ ޖާގަ ހޯދައިފި އެވެ.
މިއާމީ، ފައިނަލުން ޖާގަ ހޯދީ ބުރާސްފަތި ދުވަހުގެ ހެނދުނު ކުޅުނު ފުރަތަމަ ސެމީ ފައިނަލްގައި އެފްސީ ސިންސިނާޓީ ބަލިކޮށްގެންނެވެ. މިއާމީން މެޗު ކާމިޔާބު ކުރީ ޕެނަލްޓީ ޖަހައިގެންނެވެ. ސެމީ މެޗު ފަށައިގެން 18 ވަނަ މިނެޓުގައި ސިންސިނާޓީން ވަނީ ލަނޑު ޖަހައި މެޗުގެ ލީޑު ހޯދައިފަ އެވެ. އެ ޓީމަށް ލީޑު ނަގައިދިނީ އަކޮސްޓާ އެވެ. ދެ ވަނަ ހާފު ފަށައިގެން އަށް ވަނަ މިނެޓުގައި ސިންސިނާޓީން ވަނީ އެ ޓީމުގެ ދެ ވަނަ ލަނޑު ޖަހައި، މެޗުގެ ކޮންޓްރޯލް ހޯދައިފަ އެވެ. އެއީ ވަޒްކުއޭޒް ޖަހައިދިން ލަނޑުންނެވެ. ނަމަވެސް މިއާމީން ވަނީ ގާތް ގާތުގައި ލަނޑު ޖެހުމަށް ގިނަ ހަމަލާތަކެއް އުފައްދައިފަ އެވެ. ނަތީޖާއެއްގެ ގޮތުން މެޗުގެ 68 ވަނަ މިނެޓުގައި ކެޕްޓަން ލިއޮނަލް މެސީ ތަނަވަސްކޮށްދިން ފުރުސަތެއްގައި ލިއޯނާޑޯ ކަމްޕަނާ ވަނީ ލަނޑެއް ޖަހައި މިއާމީ އަށް އުންމީދު ހޯދައިދީފަ އެވެ. މެޗުގެ ފުރިހަމަ ވަގުތު ހަމަވެ އިތުރަށް ދެެެއްކި ވަގުތުގައި ކަމްޕަނާ ވަނީ އިތުރު ލަނޑެއް ޖަހައި މެޗުން މިއާމީ ސަލާމަތް ކޮށްދީފަ އެވެ.
ފުރިހަމަ ވަގުތު ހަމަވީއިރު ދެ ޓީމު 2-2 އިން އެއްވަރުވުމުން، 15 މިނެޓުގެ ދެ ހާފު ވަނީ ކުޅެފަ އެވެ. އޭގެ ތެރެއިން ފުރަތަމަ ކޮޅު މިއާމީން ވަނީ ލަނޑު ޖަހައި ފުރަތަމަ ފަހަރަށް މެޗުގައި ލީޑު ނަގައިފަ އެވެ. އެ ލަނޑު އެ ޓީމަށް ޖަހައިދިނީ ޖޯސެފް މާޓިނޭޒް އެވެ. ނަމަވެސް، ކޫބޯގެ ލަނޑާއެކު ސިންސިނާޓީން ވަނީ ނަތީޖާ ހަމަހަމަ ކޮށްފަ އެވެ. އިތުރު ވަގުތުގެ ދެ ހާފު ނިމުނުއިރު ވެސް ދެ ޓީމު އެއްވަރުވުމުން ނަތީޖާ ނެރުމަށް ޖެހީ ޕެނަލްޓީ އެވެ.
ޕެނަލްޓީގައި މިއާމީން ވަނީ އެ ޓީމުގެ ފަސް ޕެނަލްޓީ ވެސް ކާމިޔާބުކޮށްފަ އެވެ. ނަމަވެސް ސިންސިނާޓީ އަށް ކާމިޔާބު ކުރެވުނީ ހަތަރު ޕެނަލްޓީ އެވެ. އެ ޓީމުން ފޮނުވާލި ފަސް ވަނަ ޕެނަލްޓީ މިއާމީގެ ގޯލް ކީޕަރު ވަނީ މަތަކޮށްފަ އެވެ. ޔޫއެސް އޯޕަން ކަޕްގެ ފައިނަލް އޮންނާނީ ސެޕްޓެމްބަރު މަހުގެ 27 ވަނަ ދުވަހު އެވެ.