ކ. މާލެ
|
23 އޯގަސްޓް 2023 | ބުދަ 09:08
މެންޗެސްޓަރ ޔުނައިޓެޑަށް ކުޅުނު ގްރީންވުޑް
މެންޗެސްޓަރ ޔުނައިޓެޑަށް ކުޅުނު ގްރީންވުޑް
ރޮއިޓާރސް
އަލް އިއްތިފާގު
އަލް އިއްތިފާގުން ގްރީންވުޑް ހޯދަން އުޅޭ ވާހަކަ ދޮގުކޮށްފި
ޖެރާޑް ބުނީ މިހާތަނަށް އައިއިރު، އެ ކުލަބުން ގްރީންވުޑް ހޯދުމަށް އެއްވެސް މަސައްކަތެއް ކޮށްފައި ނުވާނެ ކަމަށް

މެންޗެސްޓަރ ޔުނައިޓެޑު ދޫކޮށްލަން ނިންމާފައިވާ އިންގްލެންޑުގެ ފޯވާޑް މޭސަން ގްރީންވުޑް ހޯދަން އުޅޭ ކަމަށް ދެކެވޭ ވާހަކަތައް އަލް އިއްތިފާގު ދޮގުކޮށްފި އެވެ.

ދެ ފަރާތް އެއްބަސްވެވުނު ގޮތުގެ މަތިން ގްރީންވުޑް ދޫކޮށްލުމަށް ޔުނައިޓެޑުން ވަނީ އެއްބަސްވެފަ އެވެ. މިދިޔަ އަހަރުގެ ޖެނުއަރީ މަހު ގްރީންވުޑް ހައްޔަރުކޮށްފައި ވަނީ އޮންލައިންކޮށް ދައުރުވި ފޮޓޯއާއި ވީޑިއޯތަކަކާ ގުޅޭގޮތުން ކުރެވުނު ތުހުމަތުތަކާ ގުޅިގެންނެވެ. އުމުރުން 21 އަހަރުގެ ކުޅުންތެރިޔާގެ މައްޗަށް އުފުލާފައިވާ ދައުވާތަކުގެ ތެރޭގައި ރޭޕްކުރަން އުޅުމާއި, މާރާމާރީ ހިންގުމުގެ ދައުވާތައް ހިމެނެ އެވެ. އޭނާގެ މައްޗަށް އުފުލާފައިވާ ދައުވާތައް ބާތިލްކުރީ މިއަހަރުގެ ފެބްރުވަރީ މަހުގެ ދެ ވަނަ ދުވަހު އެވެ. އެހެން ނަމަވެސް، ޔުނައިޓެޑުން ވަނީ ހަ މަސް ދުވަހުގެ ތަހުގީގެއް ކުރިޔަށް ގެންގޮސްފަ އެވެ.

ގްރީންވުޑް ޔުނައިޓެޑު ދޫކޮށްލުމާއެކު، އޭނާ ހޯދުމުގެ ޝައުޤުވެރިކަން ސައުދީ ޕްރޯ ލީގުގެ އަލް އިއްތިފާގުން ގެންގުޅޭ ކަމަށް މީޑިއާތަކުން ވަނީ ބުނެފަ އެވެ. އެ ވާހަކަތައް ދައުރުވަމުން ދަނިކޮށް، އެކަން ދޮގު ކުރީ އަލް އިއްތިފާގުގެ ކޯޗު ސްޓީވަން ޖެރާޑް އެވެ. ޖެރާޑް ބުނީ މިހާތަނަށް އައިއިރު، އެ ކުލަބުން ގްރީންވުޑް ހޯދުމަށް އެއްވެސް މަސައްކަތެއް ކޮށްފައި ނުވާނެ ކަމަށާއި، މީޑިއާތަކުގައި ދައުރުވަމުން ދަނީ ކަނޑައެޅިގެން ދޮގު ވާހަކައެއް ކަމަށެވެ. އޭނާ ބުނީ ޓީމަށް ކުޅުންތެރިން ގެންނާނީ އޭނާގެ އިރުޝާދާއި، ލަފާގެ މަތިން ކަމަށާއި، މީޑިއާތަކުގައި ދައުރުވަމުންދާ ފަދަ ކަމެއް ހިނގަން ނޫޅޭ ކަމަށެވެ.

އުމުރުން ހަތް އަހަރުގައި ގްރީންވުޑް ވަނީ ޔުނައިޓެޑުގެ އެކަޑަމީއާ ގުޅިފަ އެވެ. ޔުނައިޓެޑުގެ ސީނިއާ ޓީމުން އޭނާއަށް ފުރުސަތު ލިބުނީ 2018 ވަނަ އަހަރު އެވެ. އެއަށްފަހު، އޭނާ ވަނީ ޔުނައިޓެޑަށް 83 މެޗު ކުޅެދީ، 22 ލަނޑު ޖަހާފަ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް