ސައުދީ ޕްރޯ ލީގުގައި އަލް ތާއީއާ ދެކޮޅަށް ކުޅުނު މެޗުން ވެސް އަލް އިއްތިފާގު އެއްވަރުވެއްޖެ އެވެ.
ހުކުރު ދުވަހުގެ ރޭ ކުޅުނު މެޗު ނިމުނީ ދެ ޓީމު 1-1 އިން އެއްވަރުވެގެންނެވެ. މެޗުގައި ފުރަތަމަ ލަނޑު ޖަހައި ކުރި ހޯދީ ވެސް އަލް އިއްތިފާގުންނެވެ. ނަމަވެސް މި ވަގުތު ސައުދީ ލީގުގެ ރެލިގޭޝަން ޒޯނުގައި އޮތް އަލް ތާއީ އިން ވަނީ ފަހަތުން އަރައި ނަތީޖާ ހަމަހަމަ ކޮށްފަ އެވެ.
މެޗު ފަށައިގެން 18 ވަނަ މިނެޓުގައި އަލް އިއްތިފާގުން ވަނީ ލަނޑު ޖަހައި ލީޑު ނަގައިފަ އެވެ. އެ ޓީމަށް ލީޑު ނަގައިދިނީ ކާލް ޓޮކޯ އަކަމްބީ އެވެ. ނަމަވެސް ފުރަތަމަ ހާފު ނިމުމުގެ ކުރިން އަލް ތާއީ އިން ނަތީޖާ ހަމަހަމަ ކުރި އެވެ. ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި އެ ޓީމަށް ނަތީޖާ ހަމަހަމަ ކޮށްދިނީ ވާޖިލް މިސިޖާން އެވެ. މެޗުގެ ފުރިހަމަ ވަގުތު ހަމަވެ އިތުރަށް ދެއްކި ވަގުތުގައި އަލް އިއްތިފާގުގެ ޑެމަރާއީ ގްރޭ އަށް ވަނީ ސީދާ ރަތް ކާޑު ދައްކައި ދަނޑުން ފޮނުވާާލައިފަ އެވެ.
މެޗު އެއްވަރުވެ އަލް އިއްތިފާގު އޮތީ ލީގު ތާވަލްގެ ހަ ވަނައިގަ އެވެ. އެއީ މިހާތަނަށް ލީގުގައި ކުޅުނު 24 މެޗުން 35 ޕޮއިންޓާއެކު އެވެ. އަލް ތާއީ އޮތީ 24 މެޗުން 22 ޕޮއިންޓާއެކު 16 ވަނައިގަ އެވެ.