ސްޕެނިޝް ލީގުގައި ކާޑިޒްއާ ދެކޮޅަށް ކުޅުނު މެޗުން މޮޅުވެ، ޗެމްޕިއަން ބާސެލޯނާ އިން އައު ސީޒަންގެ ފުރަތަމަ މޮޅު ހޯދައިފި އެވެ.
އާދިއްތަ ދުވަހުގެ އޮލިމްޕިކޯ ލުއިސް ކޮމްޕެނީސް ސްޓޭޑިއަމްގައި ކުޅުނު މެޗު ބާސެލޯނާ އިން ކާމިޔާބު ކުރީ 2-0 އިންނެވެ. އޭގެ ކުރިން ލީގުގައި އަމިއްލަ ދަނޑުގައި ބާސެލޯނާ އިން ކުޅުނު މެޗު ނިމުނީ ލަނޑެއް ނުޖެހި އެއްވަރުވެގެންނެވެ. މެޗުގެ ފުރަތަމަ ހާފުގައި ވެސް ބާސެލޯނާ އިން ވަނީ ލަނޑު ޖަހައި ލީޑު ނެގުމަށް ގިނަ މަސައްކަތްތަކެއް ކޮށްފަ އެވެ. އެގޮތުން ބާސެލޯނާގެ ޒުވާން ކުޅުންތެރިޔާ ލަމިން ޔަމާލް ފޮނުވާލި ބޯޅަ ދިޔައީ ގޯލުގެ އަރިމަތީ ދަނޑި ކައިިރިން ބޭރަށެވެ. އޭގެ ފަހުން ޖޫލްސް ކޫންޑޭ ފޮނުވާލި ނުރައްކާތެރި ބޯޅަ ހުއްޓުވީ ކާޑިޒްގެ ގޯލް ކީޕަރެވެ. ފުރަތަމަ ހާފުގެ ފަހު ކޮޅު ކާޑިޒް އަށް ވެސް ވަނީ ލަނޑު ޖަހާނެ ރަނގަޅު ފުރުސަތެއް ލިބިފަ އެވެ. ބާސެލޯނާގެ ދެ ކުޅުންތެރިން ކައިރިން ނައްޓައި، ރޮޖާ މާޓީ ފޮނުވާލަން މަސައްކަތް ކުރި ބޯޅަ ސަލާމަތް ކުރީ ބާސެލޯނާގެ ގޯލް ކީޕަރެވެ.
މެޗުގައި ބާސެލޯނާ އިން ދެ ލަނޑު ވެސް ޖެހީ ފަހު ދިހަ މިނެޓުގަ އެވެ. އެގޮތުން ފުރަތަމަ ލަނޑު 82 ވަނަ މިނެޓުގައި ޒުވާން ކުޅުންތެރިޔާ ޕެޑްރީ ޖެހީ އިލްކާއި ގުންޑޮގާން ތަނަވަސްކޮށްދިން ފުރުސަތެއްގަ އެވެ. އޭނާ ފޮނުވާލި ބޯޅަ ގޯލަށް ވަނީ ކާޑިޒްގެ ގޯލް ކީޕަރުގެ ފައި ދަށުންނެވެ. ބާސެލޯނާފެ ފަހު ލަނޑު ފެރާން ޓޮރޭސް ޖެހީ މެޗުގެ ފުރިހަމަ ވަގުތު ހަމަވެ، އިތުރަށް ދެއްކި ވަގުތުގެ ތެރޭގަ އެވެ. އެއީ ޕޮލެންޑުގެ ފޯވާޑް ރޮބާޓް ލެވަންޑޯސްކީ ހުރަސްކޮށްދިން ބޯޅައެއް ގޯލަށް ވައްދާލައިގެންނެވެ.
މުހިންމު މޮޅާއެކު ބާސެލޯނާ އިން ވަނީ ކުޅުނު ދެ މެޗުން ހަތަރު ޕޮއިންޓު ހޯދައިގެން ފަސް ވަނަ އަށް ޖެހިލައިފަ އެވެ. އެއް ވަނައިގައި އޮތް ވާދަވެރި ރެއާލް މެޑްރިޑާއި، ދެ ވަނައިގައި އޮތް ވެލެންސިއާ އަށް ވެސް ލިބެނީ ހަ ޕޮއިންޓެވެ. ރެއާލުން ކުރި ހޯދަނީ ފައިދާ ލަނޑުންނެވެ. ލީގުގައި ދެން ބާސެލޯނާ އަށް އޮންނާނީ ރަށުން ބޭރުގައި ވިލަރެއާލާ ދެކޮޅަށް ކުޅޭ މެޗެވެ.