އައު ސީޒަންގެ ސްޕެނިޝް ލީގުގަައި ކުޅުނު ފުރަތަމަ މެޗުގައި ގްރަނާޑާ ބަލިކޮށް އެތުލެޓިކޯ މެޑްރިޑުން ރަނގަޅު ފެށުމެއް ހޯދައިފި އެވެ.
ހޯމަ ދުވަހުގެ ރޭ އެތުލެޓިކޯގެ އަމިއްލަ ދަނޑުގައި ކުޅުނު މެޗު އެ ޓީމުން ކާމިޔާބު ކުރީ 3-1 އިންނެވެ. މެޗުގައި އެތުލެޓިކޯ އިން ފުރަތަމަ ލަނޑު ޖެހީ ފުރަތަމަ ހާފުގަ އެވެ. އެ ޓީމުގެ އަނެއް ދެ ލަނޑު ޖެހީ ދެ ވަނަ ހާފުގަ އެވެ. މެޗުގެ ފުރަތަމަ ހާފުގެ އިތުރު ވަގުތުގެ ހަތަރު ވަނަ މިނެޓުގައި އެތުލެޓިކޯ އަށް ލީޑު ނަގައިދިނީ އަލްވާރޯ މޮރާޓާ އެވެ. ނަމަވެސް ދެ ވަނަ ހާފުގެ ކުރީކޮޅު ސަމޫ އޮމޮރޮއްދީން ވަނީ ގްރަނާޑާ އަށް ލަނޑެއް ޖަހައި ނަތީޖާ ހަމަހަމަ ކޮށްދީފަ އެވެ. އޭގެ ފަސް މިނެޓު ފަހުން އެތުލެޓިކޯ އަށް ދެ ވަނަ ފަހަރަށް ލީޑު ނަގައިިދިނީ މެމްޕިސް ޑިޕާއީ އެވެ. އެއީ ޔަނިކް ކަރެސްކޯ ތަނަވަސްކޮށްދިން ފުރުސަތެއްގައި އޭނާ ޖެހި ލަނޑެކެވެ. އެތުލެޓިކޯގެ ފަހު ލަނޑު އިތުރު ވަގުތުގައި ޖެހީ މާކޮސް ލޮރެންޓޭ އެވެ.
އެތުލެޓިކޯ އިން މިދިޔަ ސީޒަންގެ ލީގު ނިންމާލީ ބާސެލޯނާ އަދި ރެއާލް މެޑްރިޑުގެ ފަހަތުން ތިން ވަނައިގަ އެވެ. ލީގުގައި އެ ޓީމަށް ދެން އޮންނާނީ އޯގަސްޓު މަހުގެ 21 ވަނަ ދުވަހު ރަށުން ބޭރުގައި ރެއާލް ބެޓިސްއާ ދެކޮޅަށް ކުޅޭ މެޗެވެ.