ނ. މިލަދޫ ކައުންސިލްގެ ފުލް މެޖޯރިޓީ ވެރިކަން ކުރާ މައި ޕާޓީ، މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އަށް ލިބިއްޖެއެވެ.
އެ ރަށު ކައުންސިލްގެ މެޖޯރިޓީ އެމްޑީޕީއަށް ލިބުނީ އެ ކައުންސިލްގައި ހިމެނިވަޑައިގަންނަވާ ޕީޕީއެމްގެ ދެ މެންބަރުން އާދީއްތަ ދުވަހު އެ ޕާޓީއަށް ސޮއިކުރެއްވުމާއެކުގައެވެ. އެ ދެ މެންބަރުން ވަނީ އެމްޑީޕީއަށް ސޮއިކުރައްވައި ފޯމުތައް ރައީސުލްޖުމްހޫރިއްޔާ އަދި އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް އިބްރާހީމް މުޙައްމަދު ޞާލިހާ ހަވާލުކުރައްވާފައެވެ.
އެމްޑީޕީއާ ގުޅިވަޑައިގަތީ ޕީޕީއެމްގެ މެންބަރުން ކަމަށްވާ މުޙައްމަދު މައުރޫފު އާއި އާއިޝަތު ނީމް މޫސާއެވެ. އެ ދެ ބޭފުޅުންގެ އިތުރުން ވެސް އެ ރަށުން ގިނަ ބަޔަކު ވަނީ އާދީއްތަ ދުވަހު އެމްޑީޕީއާ ގުޅިފައެވެ.
މިލަދޫގައި ކުރިއަށްދިޔަ ބަނދަރު ބައްދަލުވުމުގައި އެ ރަށު ކައުންސިލް މެންބަރު މުޙައްމަދު މައުރޫފު ވިދާޅުވީ އޭނާ އެމްޑީޕީއާ ގުޅިވަޑައިގެންނެވީ ރަށަށް ހެޔޮ އެދިވަޑައިގަންނަވާތީ ކަމަށެވެ. އެގޮތުން، ރަށަށް މިހާތަނަށް ކަންކަން ކޮށްދީފައިވަނީ މި ސަރުކާރުން ކަމަށާއި އެހެންވެ އެންމެ އެދެވޭ ގޮތެއްގައި ސަރުކާރާއެކު މަސައްކަތް ކުރަން ބޭނުންވާކަމަށް އޭނާ ވިދާޅުވިއެވެ.
މީގެ އިތުރުން ކުރިއަށްއޮތްތަނުގައި ވެސް މިލަދުއަށް ބޭނުންވާ ތަރައްގީ ގެނުވޭނީ ރައީސް ޞާލިހަށް ކަމަށް ގަބޫލުކުރައްވާ ކަމަށާއި އެހެންވެ އެ މަނިކުފާނަށް ދެވަނަ ދައުރެއް ދޭން ބޭނުންވާކަން ވެސް އޭނާ ފާހަގަކުރެއްވިއެވެ.
ރައީސް ޞާލިހު މިލަދޫއަށް ވަޑައިގަތުމުން އެ ރަށުން އެމަނިކުފާނަށް ވަނީ ހޫނު މަރުހަބާއެއް ދަންނަވާފައެވެ. އެ ރަށަކީ ކުރީ ސަރުކާރުތަކުން ބާކީ ކޮށްފައިވާ ރަށަކަށްވާއިރު މި ސަރުކާރުން އެކަން ބަދަލުކޮށް ގިނަ ކަންކަން ކޮށްދެމުން އަންނަކަން އެ ރަށު ރައްޔިތުން ވެސް ފާހަގަކުރެއެވެ.
ކުރިއަށް އޮތް ރިޔާސީ އިންތިޚާބަށް ރައީސް އެކި އަތޮޅުތަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުތަކުގައި ގިނަ އަދަދެއްގެ ރައްޔިތުން ދަނީ އެމްޑީޕީއާ ގުޅެމުންނެވެ.