ޓިކްޓޮކްގައި ދާދިފަހުން ލުބްނާންގެ ޝެފް އަބީރު އަލް ސާގިރު ރާއްޖޭގެ ކެއުމެއް ތައްޔާރުކުރާ ވީޑިއޯއެއް އަޕްލޯޑްކުރުމުން އެކަމަށް ވަރަށް ގިނަ ބައެއްގެ ސަމާލުކަން ލިބިގެން ދިޔައެވެ. އަދި ވަރަށް ގިނަ ދިވެހިން ވަނީ އެ ވީޑިއޯއަށް ލައިކްދީ ޝެއަރ ވެސް ކޮށްފައެވެ. އެވީޑިއޯއިން ފެންނަނީ ލުބްނާންގެ އެ އަންހެން ކުއްޖާ ގަރުދިޔަ ކައްކާ މަންޒަރެވެ. އަދި ބަތް ވެސް ކައްކައެވެ. ވީޑިއޯ ނިމޭއިރު ފެންނަނީ ބަތާއި ގަރުދިޔައިގެ އިތުރުން މަސް ތެލުލާފައި ހުއްޓައެވެ.
ޓިކްޓޮކްގައި ދުނިޔޭގެ އެކި ގައުމުތަކުގެ ކެއުން ކެއްކުމަށް ފަހު ވީޑިއޯ އަޕްލޯޑު ކުރާ އަބީރު އަކީ 24 އަހަރުގެ ޒުވާން ޝެފެކެވެ. ޓިކްޓޮކްގައި ޖުމްލަ 23 މިލިއަނަށް ވުރެ ގިނަ ފޮލޯވަރުން ތިބޭ އަބީރަށް ވަނީ ޖޯއީ އެވޯޑު މިއަހަރު ލިބިފައެވެ. އެ އެވޯޑު އޭނާ އަށް ލިބުނު ކެޓަގަރީ އަކީ އެންމެ ކަމުދާ އަންހެން އިންފްލުއެންސާގެ ކެޓަގަރީ އިންނެވެ. އަބީރުގެ ވީޑިއޯތަކުން އެންމެ ފާހަގަ ކޮށްލެވޭ ކަމަކީ ކޮންމެ ގައުމެއްގެ ކެއްކުން ކައްކާއިރު އެގައުމެއްގެ ސަގާފީ ހެދުމާއި ދިދަ އަދި އެގައުމެއްގެ ލަވަ ބޭނުންކޮށް ވީޑިއޯ އަޕްލޯޑު ކުރުމެވެ.
ދިވެހިންގެ ސަމާލުކަން އަބިރު އަޕްލޯޑްކުރި ވީޑިއޯ އެންމެ ބޮޑަށް ހުއްޓިގެން ދިޔައީ ދިވެހިން ކައްކާ ގޮތަށް ގަރުދިޔަ ކެއްކުމުންނެވެ. ފިޔާ ވެސް ގަރުދިޔަ ކެއްކިއިރު އެޅިއެވެ. އަދި ދިވެހިން ކެއުމުގައި ބޭނުންކުރާ ފަދައިން ލުނބޯ އަދި މިރުވެސް ތަށީގައި އަތުރާލާފައި ހުއްޓެވެ. ދިވެހިން ވަނީ އެވީޑިއޯއަށް ކޮމެންޓްކޮށް ޝުކުރު ވެސް އަދާކޮށްފައެވެ. އަދި ވީޑިއޯ އަޕްލޯޑްކުރި އިރު އެ ޝެފް ވަނީ ދިވެހި ލަވައެއް ވެސް ބޭނުންކޮށްފައެވެ. އަދި ތަށި ރީތިކުރިއިރު ދިވެހި ދިދައެއް ވެސް ބޭނުންކުރިއެވެ. މި ވީޑިއޯއަށް އެތައް ހާސް ބަޔަކު ލައިކް ދީފައިވާއިރު 3102 މީހަކު ވަނީ ކޮމެންޓުވެސް ކޮށްފައެވެ. އަދި 9000ށްވުރެން ގިނަ މީޙުން ވަނީ ވީޑިއޯ ޝެއަރ ކޮށްފައެވެ. ރާއްޖެއިން ބޭރުގެ ކައްކާއަކު ދިވެހިންގެ ކެއުމެއް އުފެއްދުމުން، އެކަން ދިވެހިން ބަލައިގަތީ ހިތުގެ އަޑިންނެވެ. އަދި މިއީ ދިވެހިން ފަޚުރުވެރިވި ކަމެއްކަން ވެސް ޔަޤީނެވެ.
މިވީޑިއޯއަށް މިފަދައިން ދިވެހިންގެ ގިނަ ލައިކްތަކެއް ލިބިފައިވާއިރު ޓިކްޓޮކްގައި ދިވެހި ކެއުންތައް ކައްކާ، ވީޑިއޯ އަޕްލޯޑްކުރާ މީހުން ވެސް އުޅެއެވެ. އެހެންނަމަވެސް މިފަދަ ދިވެހިންގެ ވީޑިއޯތަކަށް ލައިކް ދެނީ މަދުބަޔެކެވެ. ބައެއްފަހަރު ލައިކް ގިނައިން ލިބިފައި ހުއްޓަސް ކޮމެންޓް ކުރަނީ މަދުބަޔެކެވެ. ފަހަރުގައި އެ ދިވެހި މީހާ އަޕްލޯޑްކުރާ ވީޑިއޯ އެހާ ރީތި ނުވެދާނެއެވެ. އެހެންނަމަވެސް އެފަދަ މީހުން ވެސް އަޕްލޯޑް ކުރާ ވީޑިއޯތަކުން ފެންނަނީ ހަމަ ދިވެހި ކެއުންތަކެވެ. ތަފާތު އެތައް ވީޑިއޯތަކެއް ހުރެއެވެ. ހިތުގައި އުފެދޭ ސުވާލަކީ ދިވެހިން މިފަދައިން އަޕްލޯޑް ކުރާ ވީޑިއޯތަކަށް ދިވެހިންގެ ފަރާތުން ބޮޑު ތަރުހީބެއް ލިބިގެން ނުދަނީ ކީއްވެގެންތޯއެވެ. ލުބްނާންގެ ޝެފް އަޕްލޯޑްކުރި ވީޑިއޯއަށް ދިވެހިންގެ ފަރާތުން ތަރުހީބު ލިބިގެންދިޔުމުން އެކަން ގޯހަކަށް ވަނީއެއް ނޫނެވެ. އެހެންނަމަވެސް ދިވެހިން އަޕްލޯޑްކުރާ ކައްކާ ވީޑިއޯތަކަށް ދިވެހިންގެ ފަރާތުން އެއްބާރުލުން ލިބޭނަމަ، ދިވެހިން ވެސް އެފަދަ މީހުންނެކޭ އެއްފަދައިން ކުރިއަރައިގެންދާނެކަން ޔަޤީނެވެ.