ކ. މާލެ
|
23 އޭޕްރިލް 2022 | ހޮނިހިރު 12:26
ނަމެއް ނެތް މި ގްރޫޕު މިއަދު މިވަނީ ގިނަ ދިވެހިންގެ ހިތްތަކުން ޖާގަ ހޯދާފައި
ނަމެއް ނެތް މި ގްރޫޕު މިއަދު މިވަނީ ގިނަ ދިވެހިންގެ ހިތްތަކުން ޖާގަ ހޯދާފައި
ރާއްޖެއެމްވީ
ޓިކްޓޮކް ގްރޫޕު
މިއީ ނަމެއްނެތް، އެންމެ ހިޓް ގްރޫޕް؟
 
މީހުންގެ ފަރާތުން ލިބެންފެށި ލޯތްބާއި ސަޕޯޓަށް އެ ގްރޫޕުގެ ބައިވެރިންވެސް ޝުކުރުއަދާކުރޭ
 
ކޮންމެ ވީޑިއޯއަކަށްވެސް ދެލައްކައާ ގާތްކުރާ އަދަދަކަށް ވިއުސް ލިބޭ
 
އެންމެންވެސް އުޅެނީ ތ. އަތޮޅު ކޮމޯ މާލިފުށި ރިސޯޓުގެ އެކި ވަޒީފާތަކުގައި

އެއްބަޔަކު އެމީހުންނަށް ކިޔަނީ "ޓޮއިލެޓް ބޯއީސް"އެވެ. އަނެއް ބަޔަކު ކިޔާ އުޅެނީ "މޮޕް ބޯއީ"އެވެ. ޓިކްޓޮކްގައި ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ބޮޑު މަގުބޫލުކަމެއް ހޯދައި، ދިވެހިންގެ ހިތްތަކުން ޖާގަ ހޯދާފައިވާ މި ޒުވާނުންތަކަކީ މިއަދު އެންމެން ދަންނަ މޫނުތަކަކަށް މިވަނީ ވެފައެވެ.

އުމުރުން 19 އަހަރުގެ އިބްރާހިމް ލޫތު ޔާސިރާއި، އޭނާއާ އެއް އުމުރެއްގެ ނާއިލް ނާހިދާއި، އަހުމަދު ބައްޝާރު ހަނީފުގެ އިތުރުން، 20 އަހަރުގެ ރަޒާން ރަމްޒީއަކީ ތ. ގުރައިދޫއަށް ނިސްބަތްވާ އެކުވެރިންތަކެކެވެ. އެއް ކްލާހެއްގައި ކިޔެވި ކުދިންތަކެކެވެ.

ސްކޫލް ނިންމުމަށްފަހު މިހާރު އެ އެންމެންވެސް އުޅެނީ ތ އަތޮޅު ކޮމޯ މާލިފުށި ރިސޯޓުގެ އެކި ވަޒީފާތަކުގައެވެ.

ޓިކްޓޮކްގައި "ރަޒާން" އެކައުންޓުން މި ގްރޫޕުގެ ވީޑިއޯތައް ޕޯސްޓުކުރާއިރު، ކޮންމެ ވީޑިއޯއަކަށްވެސް ދެލައްކައާ ގާތްކުރާ އަދަދަކަށް ވިއުސް ލިބެއެވެ. މި ގްރޫޕުގެ ވީޑިއޯތަކުގައި ފެންނަނީ މަޝްހޫރު އެކި ލަވަތަކުގެ ކްރިއޯގްރަފީއާ ދާދި އެއްގޮތަކަށް، އެހެންނަމަވެސް، އާދަޔާ ޚިލާފަށް މޮޅު ވީޑިއޯތަކެކެވެ. އެގޮތުން މި ގްރޫޕުގެ ވީޑިއޯތަކުގައި ބޭނުންކުރަނީ އެއިރަކު އެންމެ ގާތުން ފެންނަން ހުންނަ ސާމާނު ކަމަށް ރާއްޖެއެމްވީއާ ވާހަކަ ދައްކަމުން ގްރޫޕުގެ ބައިވެރިން ކިޔައިދިނެވެ.

މި ވީޑިއޯތައް މީހުންގެ ސަމާލުކަމަށް އެހާ ބޮޑަށް އައީ އޭގެ އަސްލު ލަވައިގައި ފެންނަ ކްރިއޯގްރަފީއާ ވީޑިއޯގްރަފީއާ ހުންނަ އެއްގޮތް ކަމެއްގެ ސަބަބުންނެވެ. ކޮމޯ މާލިފުށި ރިސޯޓުގެ ސްޓާފް ފާޚާނާ ތެރޭގައި މި ވީޑިއޯތައް ޝޫޓްކުރިނަމަވެސް، އަސްލު ލަވަތަކުގައި ފެންނަ އޭންގަލްތަކުން ވީޑިއޯތައް ޝޫޓް ކޮށްލާފައި ހުންނަނީ ނިކަން މޮޅަށެވެ.

ގްރޫޕުގެ ބައިވެރިން ބުނިގޮތުގައި, ވީޑިއޯ ކޮށްދޭ ކުއްޖާއަކީ އަދި ސިއްރެކެވެ. އޭނާ ވަރަށް އަވަހަށް ވީޑިއޯއެއްގައި ފެނިގެންދާނެކަމަށް ގްރޫޕުގެ ބައިވެރިން ބުނެއެވެ.

ނަމެއް ނެތް މި ގްރޫޕު މިއަދު މިވަނީ ގިނަ ދިވެހިންގެ ހިތްތަކުން ޖާގަ ހޯދާފައި - ރާއްޖެއެމްވީ

މަޝްހޫރު ލަވަތައް ކަމަށްވާ "ލައިސްލާ ބޮނީތާ"، "ވަކާ ވަކާ"، "ބާޒިގަރް"، "އޯމް ޝާންތީ އޯމް"ގެ އަސްލު ލަވައިން ފެންނަ ކޮންމެ ސްޓެޕަކަށް، ކޮންމެ އޭންގަލްއަކަށް އަދި ކޮންމެ އުކުޅަކަށް އުކުޅެއް މި ގްރޫޕުގެ ޓިކްޓޮކްގައިވެސް ފެނެއެވެ. ވަކިން ޚާއްސަކޮށް ގްރޫޕުގެ މެއިން ކެރެކްޓަރ ނުވަތަ "މޮޕް ބޯއީ" ގޮތުގައި މަޝްހޫރުވަމުން އަންނަ ލޫތުއަށް ކޮންމެ ވީޑިއޯއެއްގައި އެތައް ބައެއްގެ ތައުރީފު އޮހިގެން ދެއެވެ.

ގްރޫޕުގެ ބައިވެރިން ބުނާގޮތުގައި މިއީ ޑިއުޓީ ގަޑިއަަށްފަހު ހުސްވަގުތުގައި ފެށި ކަމެކެވެ. ނަމަވެސް ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި މީހުންގެ ފަރާތުން ލިބެންފެށި ލޯތްބާއި ސަޕޯޓަށް އެ ގްރޫޕުގެ ބައިވެރިންވެސް ޝުކުރުއަދާކުރެއެވެ. އާއިލާއިންނާއި، ވަޒީފާ އަދާކުރާ ތަނުގެ ފަރާތުންވެސް ނުހަނު އެއްބާރުލުން ލިބޭކަން ގްރޫޕުގެ ބައިވެރިން ފާހަގަކުރެއެވެ.

ބައިވެރިން ބުނާގޮތުގައި ވީޑިއޯތައް ޝޫޓުކުރުމަކީ ނުހަނު މަޖާ ވަގުތުތަކެއް ހޭދަވެގެންދާ ކަމެކެވެ. ވަކިން ޚާއްސަކޮށް ބާޒީގަރް ލަވައިގައި މޮޕް ބޯއީގެ ކޮސްޓިއުމްއަކީ މިހާތަނަށް އެންމެ މަޖާވި އެއް ކަންތައް ކަމަށް ބައިވެރިން ބުނެއެވެ.

ކޮންމެއަކަސް، ނަމެއް ނެތް މި ގްރޫޕު މިއަދު މިވަނީ ގިނަ ދިވެހިންގެ ހިތްތަކުން ޖާގަ ހޯދާފައެވެ. އެންމެންވެސް އިންތިޒާރު ކުރަނީ މި ގްރޫޕުގެ އައު ފެނިލުމަކަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
8%
62%
4%
8%
1%
15%
ކޮމެންޓް
24 އޭޕްރިލް 2022 | އާދީއްތަ 12:48
އާދަނު
ރާއްޖޭގަ ބަލާލަން ކެރޭރޭ ޓިކްޓޮކެއް ހަދަނީ މިގުރޫޕުން