ކ. މާލެ
|
31 އޯގަސްޓް 2022 | ބުދަ 08:42
ޓިކްޓޮކްގައި ފާޅުކަން ބޮޑުކޮށް ހަށިވިއްކުން ވަނީ އާއްމުވާން ފަށާފައި
ޓިކްޓޮކްގައި ފާޅުކަން ބޮޑުކޮށް ހަށިވިއްކުން ވަނީ އާއްމުވާން ފަށާފައި
ރާއްޖެއެމްވީ
މީސްމީޑިއާގެ ބޭނުން ނޭދެވޭ ގޮތުގައި ކުރުން
ޓިކްޓޮކްގައި ފާޅުކަން ބޮޑުކޮށް ހަށިވިއްކުން އާއްމުވަނީ! ހުއްޓުވޭނެ ގޮތެއް ނެތް؟
 
އެ ފަދަ މައްސަލަތައް ފުލުހުންނަށް އަވަހަށް ރިޕޯޓްކުރުން މުހިންމު
 
ހަށިވިއްކާ މީހުން އެކަން ކުރަނީ ގިނައިން މަސާޖުކުރުމުގެ ނަމުގައި

ތެދެކެވެ! ދިވެހިންގެ ތެރޭގައި ވެސް ނޭއްގާނި ކަންކަން ނުހިނގާ ދުވަސްވަރެއް ނުދެއެވެ. ދިވެހިންގެ ތެރޭގައި ވެސް ވިޔާނުދާ މީހުން ވެސް ނެތެކޭ ނޫނެވެ. އަދި މި މުޖުތަމައުގައި ދިރިއުޅޭ އެންމެންނަކީ ހުރިހާ ކަމެއް ފުރިހަމަ އުނިކަމެއް ނެތް ބައެކޭ ވެސް ނޫނެވެ. އިޖުތިމާއީ ފޭރާން ބަލިކަށިވުމުގެ މައްސަލަ އަކީ އިއްޔެ އަކު މިއަދަކު ދިވެހިންނަށް ދިމާވެގެން އުޅޭކަމެއް ނޫނެވެ. އެެހެނަސް، ސައްތައިން ސައްތަ މުސްލިމް ޤައުމެއްގެ ހައިސިއްޔަތުން އަހަރުމެން ދިވެހިން ހިފަހައްޓަމުން އަންނަ އިޖުތިމާއީ މިންގަނޑުތަކެއް އެބަހުއްޓެވެ. ގަބޫލުކުރާ އަހުލާގީ މިންގަނޑުތަކަކާއި، ސުލޫކީ ހަމަތަކެއް އެބަހުއްޓެވެ. ހެދުން އެޅުމުން ފެށިގެން އުޅޭ އުޅުމުގައި ވެސް އާއްމުކޮށް ދިވެހި މުޖުތަމައުގައި ބަލާ ތަރަހަތަކެއް އެބަހުއްޓެވެ.

އެކަމަކު މިއަދު އެހެންތޯއެވެ؟ ދިވެހި މުޖުތަމައުގައި ދިރިއުޅޭ އާބާދީގެ ބޮޑު އިންސައްތައެއް ބިދޭސީން ހޭދަކުރާ އިރު އެ މީހުން އުޅޭ ނޫޅޭ އުޅުމާއި އެ މީހުންގެ ހަސީލަތަކީ އެ މީހުންގެ އަމިއްލަ ކަމެއް ކަަމަށް ބުނުމަށް ފަހު ދޫކޮށްލެވޭކަށް ނެތެވެ. އެ މީހުންނަކީ ޣައިރު ދީންތަކުގެ، ދޭސީ އާދަކާތަކާއި އުޅުމުގެ ވެރިބަޔަކަށް ވިއެއް ކަަމަކު އަހަރުމެންގެ މި ދިވެހި ގައުމުގައި އުޅެންވާނީ އަހަރުމެން ދޭސީންނަށް ތުރާލަކަށް ނުވާހެންނެވެ. އަހަރުމެންނަށް ތަކުލީފަކަށް ނުވާހެންނެވެ.

ދިވެހި މުޖުތަމައުގައި ދިމާވާ އިޖުތިމާއީ މައްސަލަތަކުގެ ވާހަކަ ދައްކަން ބަލާލާއިރު ފަހަކަށް އައިސް އެ ފަދަ ގިނަ ކަންކަމުގެ މޫލައިގެން އަންނަނީ އެއް ދިމާލަކުންނެވެ. ބަދުއަހުލާގީ އަމަލުތަކުގެ ވާހަކަ ދެއްކުން އާއްމުވުމާއި، ނިވާކަން ކުޑަހެދުން އެޅުން ފަދަ އެތައް ކަމެއް ގޮސް ނިމެނީ އެއް ޕްލެޓްފޯމަކާއި ހަމައަށެވެ. އެ ޕްލެޓްފޯމަކީ ޓިކްޓޮކެވެ.

ފަހަކަށް އައިސް ޓިކްޓޮކްގައި ބިދޭސީ އަންހެނުން ފާޅުކަންބޮޑުކޮށް ހަށިވިއްކާ މައްސަލަ އަކީ ގިނަ ދިވެހިން އެ ކަމަކާ މެދު ކަންބޮޑުވާ ޙައްސާސް މައްސަލައެކެވެ. ނިވާކަން ކުޑަ ހެދުމުގައި އާއި އިޖުތިމާއީ މިންގަނޑަށް ނުފެތޭ މަންޒަރު ފެންނަ ވީޑިއޯތަކާއި ފޮޓޯތަކާއި އެކު ނަމްބަރާއި އެޑްރެހަށް ދާންދެން އިޝްތިހާރުކުރަމުންދާ އިރު މިކަން ހުއްޓުވާނެ މީހެއް ނެތްތޯ މިއީ ގިނަ ބަޔަކު ކުރަމުންދާ ސުވާލެވެ. ނޫނީ މިކަން ފެންނަ މުޢައްސަސާއެއް ކަމާއި ބެހޭ އިދާރާއެއް ވެސް ނެތީތޯ އާއްމުން ތަކުރާރުކޮށް ސުވާލުކުރެއެވެ. ގިނަ ފަހަރު މިފަދަ އަމަލުތައް ހިންގަނީ މަސާޖުގެ ނިވާފަތްގަނޑުގައެވެ. އެހެންނަމަވެސް އާއްމުން ދިރިއުޅޭ ތަންތަނުގައި މަސާޖުކުރުމުގެ ޚިދުމަތް ނުދެވޭނެ ކަމާއި، އަމުދުން ވަކި ފަރުދުންނަށް، ޚާއްސަކޮށް ބިދޭސީންނަށް އެކަމުގެ ހުއްދަ ނުލިބޭނެކަން އެއްވެސް ބަޔަަަކަށް އޮޅިފައި ހުންނާނެހެނެއް ހިއެއް ނުވެއެވެ.

މިފަދަ މައްސަލަތައް ފުލުހުންނަށް ހުށަހެޅި އެފަދަ މައްސަލަތައް ބަލަމުންދާކަން ފުލުހުންގެ ބަހުންނާއި، ތަފާސް ހިސާބުތަކުން އެނގެއެވެ. އެހެންނަމަވެސް އެ މަސައްކަތް އެންމެ އެކަށީގެންވާގޮތުގައި ކުރެވޭ ކަމަކަށް، ހަމަ ގައިމުވެސް އާންމުގެ ތެރެއިން ގިނަ ބަޔަކު ގަބޫލެއް ނުކުރެއެވެ. ކުރެވޭ ނަމަ މިފަދަ މައްސަލަތަކުގެ އުދާސްތައް މީސްމީޑިއާ އަށް ބަންޑުންކޮށްލަން ނުޖެހުނީހެވެ. އެކަމަކު ސަރުކާރާއި ފުލުހުންނަށް ބަވާފައި މިކަން ނިންމާލެވޭކަށް ނެތެވެ.

މުޖުތަމައުއެއްގެ ހައިސިއްޔަތުން އެފަދަ ކަންކަން ހުއްޓުވަން އަހަރުމެންނަށް ކުރެވިދާނެ ކަންކަން ވެސް މަދެއް ނޫނެވެ. އެފަދަ ކަންކަން ފުލުހުންނަށް ރިޕޯޓްކުރުމަކީ އަހަރުމެންގެ އިޖުތިމާއީ ޒިންމާއެކެވެ. އަދި އެފަދަ މީހުންގެ އައިޑީ ރިޕޯޓްކުރުމަކީ އެކަން ހުއްޓުވުމަށް އެޅޭ ފިޔަވަޅެކެވެ. އަދި ހަމައެއާ އެކު އަހަރުމެން ވިސްނާލަން ޖެހޭ ކަމެއް އެބަ އޮތެވެ. މިހާ ފާޅުކަން ބޮޑުކޮށް އެފަދަ އަމަލުތަކަށް ދައުވަތު ދޭން ކެރެނީ އެކަމަށް ވާގިވެރިވާ ބަޔަކު ވެސް ތިބީމައެވެ. ހަށިވިއްކާ އަންހެނުންގެ ޕޯސްޓުތަކުން ދިވެހިންގެ ކޮމެންޓުތައް އޮބިނޯންނަ ވަރަށް ފެންނަ އިރު އޭގެ ތެރޭގައި އެ އަންހެނުންނަށް ތައުރީފާއި ހުޝާމަތުކޮށްފައި ހުރި ކޮމެންޓުތައް އިންތިހާއެވެ. ނުވިތާކަށް އެ މީހުންނާއި ބައްދަލުކުރަން ބޭނުންވާ ވާހަކަ ބުނެފައިވެސް އެބަހުއްޓެވެ. އެހެންވީމަ ކުރުކޮށް ދަންނަވަން އޮތީ މިފަދަ ކަންކަން ހިންގަން ލިބޭ އެންމެ ބޮޑު ފުރުސަތަކީ އަހަރުމެންގެ ތެރެއިން އެއްބައެއްގެ އުޅުން ހުރި ގޮތެވެ. އެކަންކަމަށް ހިއްވަރު ލިބެނީ އަހަރުމެންގެ ތެރެއިން ބަޔަކު އެކަމުން މަންފާ ލިބިގަންނަން ތިބީމައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާ ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
38%
13%
31%
0%
19%
ކޮމެންޓް
31 އޯގަސްޓް 2022 | ބުދަ 08:53
ޖުމާ
އެމީހުން ފާހިސްކަމަކަށް ނުގޮވާ. މަސާޖު ކުރުމަކީ ނަފްސަށް ލުއިލިބޭ ރަނގަޅުފަރުވާއެއް. މަސާޖުތެރަޕިސްތުންގެ އަގުވެއްޓޭގޮތަށް އެއީ ހަށިވިއްކާބައެއްގޮތަށް ލިޔުމަކީ ދެރަކަމެއް.