އައު ސީޒަނަށް ތައްޔާރުވުމުގެ ގޮތުން ކުޅުނު ރަހުމަތްތެރިކަމުގެ ފަހު މެޗުގައި ޔުވެންޓަސް އަތުން ވެސް ރެއާލް މެޑްރިޑު ބަލިވެއްޖެ އެވެ.
ބުރާސްފަތި ދުވަހު ކުޅުނު މެޗުން ޔުވެންޓަސް ރެއާލް ބަލި ކުރީ 3-1 އިންނެވެ. މެޗުގައި ފުރަތަމަ ލަނޑު ޖަހައި ކުރި ހޯދީ ވެސް ޔުވެންޓަސް އިންނެވެ. މެޗު ފަށައިގެން ފުރަތަމަ މިނެޓުގައި އެ ޓީމަށް ކުރި ހޯދައިދިނީ މޮއިސް ކީން އެވެ. އޭގެ ފަހުން މެޗުގެ 20 ވަނަ މިނެޓުގައި ޔުވެންޓަސްގެ ދެ ވަނަ ލަނޑު ޖަހައި އެ ޓީމަށް ލީޑު ފުޅާކޮށްދިނީ ޓިމޮތީ ވިއާ އެވެ. ފުރަތަމަ ހާފު ނިމުމުގެ ކުރިން ރެއާލުން ވަނީ ލަނޑެއް ޖަހައި ފަރަގު ކުޑަކޮށްފަ އެވެ. ފުރަތަމަ ހާފުގެ 38 ވަނަ މިނެޓުގައި ރެއާލްގެ ލަނޑު ޖެހީ ބްރެޒިލްގެ ވިނީޝިއަސް ޖޫނިއާ އެވެ. ޔުވެންޓަސްގެ ފަހު ލަނޑު ޑުސާން ވްލްހޮވިޗް ޖެހީ މެޗުގެ ފުރިހަމަ ވަގުތު ހަމަވެ އިތުރަށް ދެއްކި ވަގުތުގަ އެވެ.
އައު ސީޒަނަށް ތައްޔާރުވުމުގެ ގޮތުން ރެއާލުން ޖުމުލަ ހަތަރު މެޗެއް ކުޅުނެވެ. އޭގެ ތެރެއިން މޮޅުވީ އޭސީ މިލާން އާއި މެންޗެސްޓަރ ޔުނައިޓެޑު އަތުންނެވެ. ވާދަވެރި ބާސެލޯނާ އާއި ޔުވެންޓަސް އަތުން ވަނީ ބަލިވެފަ އެވެ. ޔުވެންޓަސް ވަނީ ކުޅުނު ދެ މެޗުން ވެސް މޮޅުވެފަ އެވެ.