ރައްޔިތުންނަށް އިގްތިސާދީ މަންފާ ކުރާނީ ސިޔާސީ ހަމަޖެހުން ޤައުމުގައި އޮވެގެން ކަމަށާއި މި ސަރުކާރުން މަސައްކަތް ކުރަމުންދަނީ އެގޮތަށް ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހު ވިދާޅުވެއްޖެއެވެ.
ބުދަ ދުވަހުގެ ރޭ ހދ. ހަނިމާދޫގައި ބޭއްވި އުފާވެރި އަމާން ރާއްޖެ ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ ބޮޑުތިލަދުންމައްޗަށް އަދުގެ ސަރުކާރުން ބޮޑު ބަދަލެއް ގެންނައިރު ހަނިމާދޫއަކީ ބޮޑުތިލަދުންމަތީގެ އިގްތިސާދުގެ މައި ދޮރާށި ކަމަށެވެ. އެހެންވެ އެ ރަށުގައި ބޮޑު ބަނދަރެއް ހަދައި, މަގުތައް ހަދައި ބައިނަލްއަގުވާމީ ފެންވަރަށް އެއަރޕޯޓު ތަރައްގީކުރެވެމުންދާކަން ރައީސް ފާހަގަކުރެއްވިއެވެ.
ރައީސް ވިދާޅުވީ ކުރީ ސަރުކާރުތަކުން ރަށްރަށުގެ ތަރައްގީއަށް ކުރަން ޖެހޭ ކަންކަން ނުކޮށް ހުރުމުގެ ސަބަބުން ހުރިހާ ރަށަކަށް މި ސަރުކާރުން ޚަރަދު ކުރަން ޖެހުނު ކަމަށެވެ. ރައްޔިތުންނަށް ލުއި ހޯދައިދޭން ސަރުކާރަށް މަޖުބޫރުވި ކަމަށާއި އެއްފަހަރާ ގިނަ އަދަދެއްގެ މަޝްރޫއުތައް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހިންގަން ޖެހުނީ ކުރީ ސަރުކާރުތަކުން އެކަމަށް އަޅާނުލުމުގެ ސަބަބުން ކަމަށް ވިދާޅުވިއެވެ.
ކުރީ ސަރުކާރުން ރާއްޖޭގައި ހިންގި ސިޔާސީ ހަމަނުޖެހުންތަކަށް ރިއާޔަތް ކުރައްވައި ރައީސް ވިދާޅުވީ އެގޮތަށް ކަންކަން ކޮށްގެން ރައްޔިތުންނަށް އިގްތިސާދީ މަންފާއެއް ނުގެނެވޭނެ ކަމަށެވެ. އެ މަންފާ ހޯދައިދިނުމަށް މި ސަރުކާރުން މަސައްކަތްކުރަމުން އަންނަ ކަމަށާއި ފާއިތުވި ހަތަރު އަހަރުގެ ތެރޭގައި އެ ބަދަލު ފެނިގެންގޮސްފައިވާ ކަމަށެވެ.
މިއަހަރުގެ ރިޔާސީ އިންތިޚާބުގައި ވޯޓުލާއިރު ސަރުކާރުތަކުގެ ސިޔާސަތުތަކަށް ބަލަން ޖެހޭކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ ކުރީގެ ރައީސް އަބްދުالله ޔާމީންގެ ވެރިކަމުގައި މުޅި ހދ. އަތޮޅުގައި ހިންގުނީ އެންމެ 79 މަޝްރޫއު ކަމަށެވެ. ނަމަވެސް މި ދައުރުގައި މިހާތަނަށް 235 މަޝްރޫއު ކުރިއަށްގެންދާ ކަމަށާއި ހަނިމާދުއަށް އެކަނި 510 މިލިއަން ރުފިޔާ ޚަރަދު ކުރެވިފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ސަރުކާރަށް ދެވަނަ ދައުރެއް ބޭނުންވަނީ ފަށާފައިވާ މަޝްރޫއުތައް ހުއްޓުނަނުދިނުމަށާއި އެ މަސައްކަތް ނިންމުމަށް ކަމަށެވެ. އެހެން ބޭފުޅަކު ވެރިކަމަށް ވަޑައިގެންފި ނަމަ މިހާރު ކުރިއަށްދާ މަޝްރޫއުތައް ހުއްޓުވާނެ ކަމުގެ ޔަގީންކަންއެބައޮތް ކަމަށާއި އެ ބޭފުޅުން ގެންގުޅޭ ސިޔާސަތަކީ ބާރުތައް ޖަމާކުރުމުގެ ސިޔާސަތުތަކެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ހަނިމާދޫގެ ތަރައްގީއާ ގުޅޭގޮތުން ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ 1991 ވަނަ އަހަރު ހުޅުވުނު އެއަރޕޯޓުގެ ނަން ބޯޑުގައި އިންޓަރނޭޝަނަލް ޖެހުން ނޫން ކަމެއް މިހާތަނަށް ކުރެވިފައި ނުވާ ކަމަށާއި ނަމަވެސް މިހާރު ތަރައްގީ ކުރެވެމުން އަންނަ އެއަރޕޯޓާއެކު އަހަރަކު 1.5 މިލިއަން ފަތުރުވެރިންނަށް އެ އެއަރޕޯޓުން މަރުހަބާ ކިޔޭނެ ކަމަށެވެ. އަދި އެ އެއަރޕޯޓަށް ވައިޑް ބޮޑީ ފްލައިޓުތައް ވެސް ޖައްސާނެ ކަމަށާއި ފަތުރުވެރިން އިތުރުވުމުން ހަނިމާދޫ އާއި ބޮޑުތިލަދުންމަތީގެ އިގްތިސާދަށް ވެސް އޭގެ ހެޔޮ އަސަރު ކުރާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
އަދިވެސް ހަނިމާދޫއަށް ކޮށްދޭން ޖެހޭ ކަންކަން ހުރިކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ އެމަނިކުފާނުގެ ދެވަނަ ދައުރެއްގައި އެ ރަށުގައި މިހާރު ނުހެދި ހުރި މަގުތައް ދެވަނަ ފިޔަވަހީގެ ދަށުން ހަދައިދެއްވާނެ ކަމަށެވެ. އަދި އެ ރަށުގައި އެކި ކުޅިވަރު ކުޅެވޭގޮތަށް ސްޕޯޓްސް ކޮމްޕްލެކްސްއެއް އަޅުއްވައިދެއްވާނެ ކަމަށާއި ޒުވާނުން ބޭނުންވާ ގޮތަށް ފުޓުބޯޅަ ދަނޑަށް ވެސް ބަދަލު ގެންނަވާނެ ކަމަށެވެ.
މީގެ އިތުރުން ހަނިމާދޫގައި ސަރުކާރުން އަޅަން ނިންމާފައިވާ 100 ހައުސިންގ ޔުނިޓުގެ މައްސަލަ ކޯޓަށް ހުށަހެޅުމުން މަޑުޖެހިފައި އޮތް ނަމަވެސް އެކަން ހައްލު ކުރުމަށް މަސައްކަތް ކުރައްވާ ކަމަށާއި އެކަން ހައްލު ނުކުރެވިއްޖެނަމަ ބޯހިޔާވަހިކަމުގެ އިތުރު މަޝްރޫއެއް އެ ރަށުގައި ކުރިއަށްގެންދަވާނެ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.
ބޮޑުތިލަދުންމައްޗަށް އަދިވެސް ބޮޑު ބަދަލެއް ގެނެސްދެއްވޭނީ އެމަނިކުފާނަށްކަން ފާހަގަކުރައްވައި ރައީސް ވަނީ ރައްޔިތުން ޓެސްޓުކޮށް ނިންމާފައި އޮތް މި ސަރުކާރަށް ވޯޓު ދެއްވުމަށް އެދިވަޑައިގެންފައެވެ.