ކ. މާލެ
|
31 ޖުލައި 2023 | ހޯމަ 17:00
ހުސައިން އަރީފް (އިބޫ)
ހުސައިން އަރީފް (އިބޫ)
ސިޑިބަރި
ދިވެހި ސާފް ލީގު
ރަންދާރާޅުގަނޑު: ޗެމްޕިއަންކަން މިފަހަރުވެސް އިބޫއަށް
ފައިނަލުގައި އިބޫ އާ ވާދަކުރީ އިސްމާއިލް މިގްލާލް

ދިވެހި ސާފް ލީގުގެ ރަންދާރާޅުގަނޑު އިވެންޓުގެ ފައިނަލުގައި އިސްމާއިލް މިގްލާލް (ކުޑަ އިއްސެ) ބަލިކޮށް ޗެމްޕިއަންކަން އަނެއްކާވެސް ހުސައިން އަރީފް (އިބޫ) ހޯދައިފިއެވެ.

އެންމެ ފަހުން ބޭއްވި ގާމާދޫކޮޅު އިވެންޓުގެ ޗެމްޕިއަނަކީވެސް އިބޫ އެވެ. އަދި ދިވެހި ސާފް ލީގުގެ އެއްވަނައިގައި އުޅެނީވެސް އިބޫ އެވެ. އޭނާ ފައިނަލުން ޖާގަ ހޯދީ ސެމީ ފައިނަލްގެ ދެވަނަ ހީޓުގައި، މިދިޔަ އަހަރުގެ ލީގު ޗެމްޕިއަން އަހުމަދު އާގިލް (އަންމަޑޭ) ބަލިކުރުމަށްފަހުއެވެ. އިބޫ 9.90 ސްކޯ ކޮށްފައިވާއިރު، އަންމަޑޭއަށް ލިބުނީ 6.03 ޕޮއިންޓެވެ.

ފައިނަލުގެ ޖާގަ ކުޑަ އިއްސެ ހޯދީ ސެމީގެ ފުރަތަމަ ހީޓު 13.66 ގެ ނަތީޖާއަކާއެކު ކާމިޔާބު ކުރުމަށްފަހުއެވެ. އެ ހީޓުގައި ވާދަކުރި އިސްމާއިލް ރަޝީދު (ސްމައިލީ) އަށް ލިބުނީ 8.84 ޕޮއިންޓެވެ.

އިބޫ އާއި ކުޑަ އިއްސެ ވާދަކުރި ފައިނަލް ވެގެންދިޔައީ ފޯރިގަދަ ފައިނަލަކަށެވެ. ކުޑަ އިއްސެ ވަނީ ފުރަތަމަ ރާޅުން ހަތް ޕޮއިންޓު، އަދި ދެވަނަ ރާޅުން އަށް ޕޮއިންޓު ހޯދާ، ޖުމްލަ 15 ޕޮއިންޓު ހޯދާފައެވެ. އެއާ ޚިލާފަށް، އިބޫގެ ފެށުން ރަނގަޅެއް ނޫނެވެ. ފުރަތަމަ ދެ ރާޅުން އެދެވޭ ނަތީޖާއެއް ނުނެރެވެއެވެ. ނަމަވެސް އޭނާ ވަނީ ތިންވަނަ ރާޅުން 7.33 އަދި ހަތަރު ވަނަ ރާޅުން ހަތް ޕޮއިންޓު ސްކޯ ކޮށްފައެވެ. ފައިނަލުގައި އިބޫ ވަނީ ޖުމްލަ އަށް ރާޅާ އަޅާފައެވެ. އޭނާގެ ސްކޯ އަކީ 16.83 ޕޮއިންޓެވެ.

މި މޮޅާއެކު އިބޫ ވަނީ މިއަހަރުގެ ލީގު ކާމިޔާބުކުރުމާ ގާތަށް ޖެހިލާފައެވެ. އެއްވަނައިގައި އިބޫއަށް ލިބިފައިވަނީ 3470 ޕޮއިންޓެވެ. ސެމީ ފައިނަލުން ބަލިވި އަންމަޑޭ ވަނީ 2790 ޕޮއިންޓާއެކު ދެވަނައަށް ޖެހިލާފައެވެ.

- ކޮމެންޓް