ކ. މާލެ
|
29 ޖުލައި 2023 | ހޮނިހިރު 18:59
ރަންދާރާޅުގަނޑު އިވެންޓުގެ ތެރެއިން
ރަންދާރާޅުގަނޑު އިވެންޓުގެ ތެރެއިން
ސާފިން އެސޯސިއޭޝަން އޮފް މޯލްޑިވްސް
ދިވެހި ސާފް ލީގު
ރަންދާރާޅުގަނޑު: ފޯރިގަދަ ހީޓުތަކަށްފަހު، ހަތަރުވަނަ ބުރުގެ ޖާގަތައް ކަށަވަރުވެއްޖެ
ހަތަރުވަނަ ބުރު ކުރިޔަށްގެންދިޔުމަށް ހަމަޖެހިފައިވަނީ އާދިއްތަ ދުވަހު

ތުލުސްދޫގައި މިހާރު ކުރިޔަށްދާ ދިވެހި ސާފް ލީގުގެ "ރަންދާރާޅުގަނޑު" ގެ ހަތަރު ވަނަ ބުރުގެ ޖާގަތައް ކަށަވަރުވެއްޖެއެވެ.

ހަތަރުވަނަ ބުރުގެ ޖާގަ އެންމެ ފުރަތަމަ ކަށަރުކުރީ މުހައްމަދު ޒަޔާނާއި މުހައްމަދު ނުސްރަތެވެ. އެއީ ފުރަތަމަ ހީޓުގެ އެއްވަނައާއި ދެވަނައެވެ. ދެވަނަ ހީޓު ކާމިޔާބުކޮށްފައިވަނީ ޒުވާން ސަރފަރު، ކަޔާން އަބްދުﷲ އަރީފެވެ. މި ހީޓުން ދެވަނަ ހޯދީ އަޔާން ނޫރައްދީނެވެ. ތިންވަނަ ބުރުގެ އެންމެ މަތީ ސްކޯއާއެކު ތިންވަނަ ހީޓު ކާމިޔާބުކުރީ އިސްމާއީލް މިގްލާލް (ކުޑަ އިއްސެ)އެވެ. އޭނާ ވަނީ 13.33 ހޯދާފައެވެ. މި ހީޓުން ދެވަނަ ލިބުނީ މުހައްމަދު އިރުޝާދަށެވެ.

ހަތަރުވަނަ ހީޓު ހަސަން ނާސިހު (ޗިކާ) ކާމިޔާބުކޮށްފައި ވާއިރު، ދެވަނަ ލިބުނީ މުހައްމަދު އަތޫފަށެވެ. މިއަހަރުގެ ފުރަތަމަ އިވެންޓު ކާމިޔާބުކުރި ނަޖާހު މުހައްމަދު (ކަބޯ) ވަނީ ފަސްވަނަ ހީޓު ކާމިޔާބުކޮށްފައެވެ. މި ހީޓުން އޭނާއާއެކު ހަތަރުވަނަ ބުރުން ޖާގަ ހޯދީ މުހައްމަދު ފަޔާޒެވެ. ހަވަނަ ހީޓުގެ އެއްވަނަ ހޯދީ އިސްމާއީލް ރަޝީދު (ސްމައިލީ) އެވެ. މި ހީޓުގެ ދެވަނަ ހޯދީ ޒުވާން ސަރފަރު، ޝާނިފް ޝަފީގެވެ.

އެންމެ ފަހުން ބޭއްވި އިވެންޓުގެ ޗެމްޕިއަން ހުސައިން އަރީފް (އިބޫ) ވަނީ ހަތްވަނަ ހީޓު ކާމިޔާބުކޮށްފައެވެ. މި ހީޓުން ދެވަނަ ހޯދީ އަހުޒަމް އިބްރާހީމެވެ. އަށްވަނަ ހީޓުން ހަތަރުވަނަ ބުރަށް ދިޔައީ ސައްޔިދު ސަލާހުއްދީނާއި އިބްރާހީމް އައިމަން އާރިފެވެ. އަދި އެންމެ ފަހު ހީޓު ކާމިޔާބުކޮށް، މިއަހަރުގެ ދެވަނަ އިވެންޓު ކާމިޔާބުކުރި އަހުމަދު އާގިލް (އަންމަޑޭ) ވަނީ ހަތަރުވަނަ ބުރުން ޖާގަ ހޯދާފައެވެ. ހަތަރުވަނަ ބުރުގެ އެންމެ ފަހު ޖާގަ ލިބުނީ އައިހަމް އަދުނާނަށެވެ.

ހަތަރުވަނަ ބުރު ކުރިޔަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ އާދިއްތަ ދުވަހުއެވެ. މި ބުރުގައި ޖުމްލަ ހަ ހީޓު ކުރިޔަށްދާއިރު، ކޮންމެ ހީޓެއްގައި ތިން ސާފަރުން ވާދަކުރާނެއެވެ. ކޮންމެ ހީޓަކުން އެއްވަނަ އަދި ދެވަނައަށް ދާ ބައިވެރިން ފަސްވަނަ ބުރަށް ކޮލިފައި ވާނެއެވެ.

ރަންދާރާޅުގަނޑަކީ މިއަހަރުގެ ސަރފް ލީގުގެ ހަތަރުވަނަ އިވެންޓެވެ. އެންމެ ފަހު އިވެންޓަކީ އޮކްޓޫބަރު މަހު ބޭއްވުމަށް ހަމަޖެހިފައިވާ ރަންނަމާރި ޗެލެންޖެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
- ކޮމެންޓް