ކ. މާލެ
|
30 ޖުލައި 2023 | އާދީއްތަ 19:07
ރަންދާރާޅުގަނޑު އިވެންޓުގެ ތެރެއިން
ރަންދާރާޅުގަނޑު އިވެންޓުގެ ތެރެއިން
ސާފިން އެސޯސިއޭޝަން އޮފް މޯލްޑިވްސް
ދިވެހި ސާފް ލީގު
ރަންދާރާޅުގަނޑު: ތިން އިވެންޓުގެ ޗެމްޕިއަނުންވެސް ކުއާޓަރ ފައިނަލުން ޖާގަހޯދައިފި
ފިރިހެން އޯޕަންގެ ކުއާޓަރ ފައިނަލުގެ އިތުރުން ޖޫނިއާ ބައިގެ ސެމީ ފައިނަލްގެ ހީޓުތައް ކުރިޔަށް ދާނީ ހޯމަ ދުވަހު

މިހާރު ކުރިޔަށްދާ ދިވެހި ސާފް ލީގުގެ "ރަންދާ ރާޅުގަނޑު" އިވެންޓުގެ ކުއާޓަރ ފައިނަލުގައި ވާދަކުރާނެ ބައިވެރިން ކަށަވަރުވެއްޖެއެވެ.

ތުލުސްދޫގައި ކުރިޔަށްދާ މި މުބާރާތުގައި އާދިއްތަ ދުވަހު ކުރިޔަށް ގޮސްފައިވަނީ ފިރިހެން އޯޕަންސްގެ ހަތަރު ވަނަ ބުރާއި ފަސްވަނަ ބުރުގެ ހީޓުތަކުގެ އިތުރުން ޖޫނިއާ ބައިގެ ކުއާޓަރ ފައިނަލުގެ ހީޓުތަކެވެ.

ފަސްވަނަ ބުރަށް ގޮސްފައިވާ 12 ސާފަރުން ވަނީ ހަތަރު ހީޓަކަށް ބަހާލެވިފައެވެ. އޭގެތެރެއިން ކޮންމެ ހީޓެއްގެވެސް އެއްވަނަ އަދި ދެވަނަ ސާފަރަށް ވަނީ ކުއާޓަރ އިން ޖާގަ ހޯދާފައެވެ. 10.50 ގެ ނަތީޖާ އަކާއެކު ފުރަތަމަ ހީޓު ކާމިޔާބުކޮށްފައިވަނީ އިސްމާއިލް މިގްލާލް (ކުޑަ އިއްސެ) އެވެ. ފުރަތަމަ ހީޓުން ކުޑަ އިއްސެއާއެކު ކުއާޓަރ އަށް ގޮސްފައިވަނީ މިއަހަރުގެ ފުރަތަމަ އިވެންޓު ކާމިޔާބުކުރި ނަޖާހު މުހައްމަދު (ކަބޯ) އެވެ. އޭނާ ވަނީ 9.67 ގެ ސްކޯ އަކާއެކު ހީތުގެ ދެވަނަ ހޯދާފައެވެ.

ދެވަނަ ހީޓުގެ އެއްވަނަ ހޯދީ އިސްމާއިލް ރަޝީދު (ސްމައިލީ) އެވެ. އޭނާ އެއްވަނަ ހޯދީ 11.50 ގެ ނަތީޖާއަކާއެކުއެވެ. 5.43 ގެ ނަތީޖާއަކާއެކު ދެވަނަ ލިބުނީ ޒުވާން ސާފަރު، މުހައްމަދު ޒަޔާނަށެވެ. 14.33 ގެ ސްކޯ އަކާއެކު ތިންވަނަ ހީޓު ކާމިޔާބުކުރީ އެންމެ ފަހުން ބޭއްވި ގާމާދޫކޮޅު އިވެންޓުގެ ޗެމްޕިއަން ހުސައިން އަރީފް (އިބޫ) އެވެ. ތިންވަނަ ހީޓުން އިބޫ އާއެކު ކުއާޓަރގެ ޖާގަ ހޯދީ ހަސަން ނާސިހު (ޗިކާ) އެވެ.

ފަސްވަނަ ބުރުގައި އެންމެ މަތިން ސްކޯ ކުރީ މިއަހަރުގެ ދެވަނަ އިވެންޓު ކާމިޔާބުކުރި އަހުމަދު އާގިލް (އަންމަޑޭ) އެވެ. އަންމަޑޭ ވަނީ 18.67 ގެ ސްކޯ އަކާއެކު ހަތަރުވަނަ ހީޓު ކާމިޔާބުކޮށްފައެވެ. 8.83 ގެ ސްކޯ އަކާއެކު ދެވަނަ ހޯދީ ޒުވާން ސާފަރު، ސައްޔިދު ސަލާހުއްދީނެވެ.

ފިރިހެން އޯޕަންގެ ކުއާޓަރ ފައިނަލުގެ އިތުރުން ޖޫނިއާ ބައިގެ ސެމީ ފައިނަލްގެ ހީޓުތައް ކުރިޔަށް ދާނީ ހޯމަ ދުވަހުއެވެ. ޖޫނިއާ ސެމީގެ ފުރަތަމަ ހީޓުގައި ވާދަކުރާނީ ގާމާދޫކޮޅު އިވެންޓުގެ ޗެމްޕިއަން، ކަޔާން އަބްދުﷲ އަރީފް އާއި ސައްޔިދު ސަލާހުއްދީނެވެ. އަދި ދެވަނަ ހީޓުގައި ވާދަކުރާނީ މުހައްމަދު އިނާން އަބްދުލް ހަންނާން އާއި ޔޫސުފް ކަޔާން ހަމްދާން ޒަކީ އެވެ.

ދިވެހި ސާފް ލީގުގެ ތިން އިވެންޓް މިހާތަނަށް ނިމިފައިވާއިރު، 2470 ޕޮއިންޓާއެކު ތާވަލުގެ އެންމެ ކުރި ހޯދާފައިވަނީ އިބޫ އެވެ. ދެވަނައިގައި ހޫދު އަހުމަދު (ހޫބްޒް) އަށް ލިބިފައިވަނީ 2080 ޕޮއިންޓެވެ. އަދި ތިންވަނައިގައިވާ އަންމަޑޭ އަށް ލިބިފައިވަނީ 2060 ޕޮއިންޓެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
- ކޮމެންޓް