މިދިޔަ ދައުރުގައި ފެނުނީ ތިން ބާރުގެ ތެރެއިން ވެރިކަން ކުރާ ބާރު ނޫން އަނެއް ދެ ބާރަށް އުދުވާނީ ހަމަލާ ދިން މަންޒަރު ކަމަށް ރައްޔިތުންގެ މަޖިލީހުގެ ފުވައްމުލަކު އުތުރު ދައިރާގެ މެމްބަރު މުހައްމަދު ރަޝީދު ވިދާޅުވެއްޖެއެވެ.
އޭނާ އެފަދައިން ވިދާޅުވީ ފުވައްމުލައް ސިޓީގައި ބޭއްވި އުފާވެރި އަމާން ޖަލްސާގައި ވާހަކަދައްކަވަމުންނެވެ. އޭނާ ވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމްގެ ވެރިކަމުގައި އޮތީ އަނިޔާވެރިކަން ކަމަށް ވިދާޅުވެފައެވެ.
އޭރު މަޖިލީހުގެ މެމްބަރުން ކަންނެލިތަކެއްހެން މަޖިލީސް ފާރުގެ މަތިން ނަގާ އުކި މަންޒަރު ފެނުނު ކަމަށާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނަށް ވެސް ބިރުވެރިކަމާއި ކުރިމަތިވި ކަަމަށް އޭނާ ވިދާޅުވިއެވެ. އެފަދަ އެއްވެސް ކަމެއް މިއަދު ނުހިނގާ ކަމަށް އޭނާ ވިދާޅުވިއެވެ. މިއަދު އެއާއި ޚިލާފަށް ކެބިނެޓްގައި ވެސް ވާދަވެރިންނަށް ފުރުސަތު ދޭ ކަމަށާއި އެކަމުން އެނގެނީ ރައީސް އިބްރާހިމް މުހައްމަދު ޞާލިހަކީ އިޚުލާސްތެރިކަމާއި އެކު ވައުދު ފުއްދަވާ ބޭފުޅެއްކަން ކަަމަށް އޭނާ ވިދާޅުވިއެވެ.
މިދިޔަ ދައުރުގައި އަނިޔާވެރިކަން ތަހައްމަލްކުރި މީހުން މިއަދު އެކަންކަން ހަނދާން އެބަހުރިތޯ އޭނާ ވަނީ ސުވާލު ކުރައްވާފައެވެ. އޭރު ބައެއް މީޑިއާތައް އުވާލަން ޖެހުނު ކަމަށާއި އޭރު ބައެއް މީޑިއާތަކުގައި ރޯކުރި މަންޒަރު ފެނުނު ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ. އަދި ނޫސްވެރިން ގެއްލުމާއި، ނޫސްވެރިން މަރުވުމަކީ އޭރު ތަހައްމަލްކުރަން ޖެހުނު ކަންކަމަަށް އޭނާ ވިދާޅުވިއެވެ. އަދި ވިޔަފާރިތައް ބަނގުރޫޓުވުމާއި ސިޔާސީ މީހުންގެ އިތުރުން ސިޔާސީ މީހުންގެ އާއިލާ މީހުން ވެސް އޭރު ތިބެން ޖެހުނީ ޖަލުގައި ކަމަށް އޭނާ ވިދާޅުވިއެވެ.