ކ. މާލެ
|
29 ސެޕްޓެންބަރ 2023 | ހުކުރު 08:14
ރައީސް އިބްރާހީމް މުހައްމަދު ސާލިހު ސަޕޯޓަރުންނާއި ބައްދަލުކުރައްވަނީ
ރައީސް އިބްރާހީމް މުހައްމަދު ސާލިހު ސަޕޯޓަރުންނާއި ބައްދަލުކުރައްވަނީ
އެމްޑީޕީ
އެންޓި-ކެންޕޭން ކުރާ މައްސަލަ
މިސްއިންފޮމޭޝަން ކެންޕޭނެއް ހިންގައި އިންތިޚާބަށް ނުފޫޒު ފޯރުވުމަށް އިދިކޮޅު ފަރާތްތަކުން ދަނީ ރާވަމުން: އުފާވެރި އަމާންރާއްޖެ ކެންޕޭން ޓީމް
އިންތިޚާބުގެ ފުރަތަމަބުރުގައި ވެސް އިދިކޮޅު ފަރާތްތަކުން ރާވައިގެން ބޮޑެތި ދޮގުތައް ފަތުރާފައިވޭ
މިސްއިންފޮމޭޝަންގެ ކެންޕޭނުތަކުގެ ސަބަބުން ޑިމޮކްރެޓިކް ނިޒާމު ބަލިކަށިވޭ

ރިޔާސީ އިންތިޚާބަށް ވަގުތު ކުޑަތަންވެފައި ވަނިކޮށް މިސްއިންފޮމޭޝަން ކެންޕޭނެއް ހިންގައި ރައްޔިތުންގެ ހިތްތަކުގައި ނުތަނަވަސްކަމާއި ބިރުވެރިކަން އުފައްދައިގެން ރިޔާސީ އިންތިޚާބުގެ ނަތީޖާއަށް ނުފޫޒު ފޯރުވުމަށް އިދިކޮޅު ފަރާތްތަކުން ރާވަމުންދާ ކަމަށް އުފާވެރި އަމާންރާއްޖެ ކެންޕޭނު ޓީމުން ބުނެފިއެވެ.

ބުރާސްފަތި ދުވަހު އެޓީމުން ނެރުނު ބަޔާނެއްގައި ބުނީ ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގެ ވޯޓުލާ ވަގުތު ކުޑަތަންވެފައި ވަނިކޮށް މިސްއިންފޮމޭޝަން ކެންޕޭނެއް ހިންގައި އޭގެތެރެއިން އަސްލެއްނެތް ދޮގުތަކެއް ފަތުރައިގެން ރައްޔިތުންގެ ހިތްތަކުގައި ނުތަނަވަސްކަމާއި ބިރުވެރިކަން އުފައްދައިގެން ރިޔާސީ އިންތިޚާބުގެ ނަތީޖާއަށް ނުފޫޒު ފޯރުވުމަށް އިދިކޮޅު ފަރާތްތަކުން ރާވަމުންދާ ކަމަށެވެ.

މިއީ ކެންޕޭން ޓީމުގެ އިތުރުން އެމްޑީޕީއާއި އަދާލަތު ޕާޓީން އިންތިހާއަށް ކަންބޮޑުވާ ކަމެއް ކަމަށާއި، މިކަން ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމެއް ކަމަށް ބަޔާނުގައި ބުނެފައިވެއެވެ.

ކެންޕޭން ޓީމުން ބުނީ ރިޔާސީ އިންތިޚާބުގެ ފުރަތަމަބުރުގައި ވެސް އިދިކޮޅު ފަރާތްތަކުން ރާވައިގެން ބޮޑެތި ދޮގުތައް ފަތުރާގެން އެންޓިކެމްޕޭނުކޮށް ހަގީގަތް އޮޅުވާލައިގެން ވޯޓު ހޯދަން މަސައްކަތް ކޮށްފައިވާ ކަމަށެވެ. އަދި ގައުމުގެ މުސްތަގުބަލު ކަނޑައަޅާ މިފަދަ މުހިންމު ވަގުތެއްގައި ރާވައިގެން ހަގީގަތެއްނެތް ދޮގުފަތުރާ ދޮގުގެ ޒަރީއާއިން އިންތިޚާބު ވަގަށް ނަގަން މަސައްކަތް ކުރުމަކީ ވަރަށް ދަށު ދަރަޖައިގެ ފިނޑިއަމަލެއް ކަމަށް ބުނެފައިވެއެވެ.

މީގެ އިތުރުން ކެންޕޭން ޓީމުން ބުނީ ރާވާއިގެން ހިންގާ މިފަދަ މިސްއިންފޮމޭޝަންގެ ކެންޕޭނުތަކުގެ ސަބަބުން ޑިމޮކްރެޓިކް ނިޒާމު ބަލިކަށިވެ ރައްޔިތުންގެ ބާރުވެރިކަން ގެއްލި އަނދިރި ނުރައްކާތެރި ބާރުތަކުގެ މައްޗަށް ގައުމުގެ ލަގަން ފުރޮޅިގެން ހިނގައިދާނެ ކަމަށެވެ.

އެހެންކަމުން ރާވައިގެން ހިންގާ މިފަދަ ބޮޑެތި ދޮގުތަކާމެދު ރައްޔިތުން ހޭލާތިބުމަށާއި، މިފަދަ ދޮގުވެރި ވާހަކަތަކަށް ނުހެއްލުމަށް އުފާވެރި އަމާންރާއްޖެ ކެންޕޭނު ޓީމުން ވަނީ އިލްތިމާސްކޮށްފައެވެ.

- ކޮމެންޓް