ކ. މާލެ
|
30 ޖުލައި 2023 | އާދީއްތަ 23:29
ޓުއަރިޒަމް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރ ޑރ.ނައުޝާދު މުހައްމަދު
ޓުއަރިޒަމް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރ ޑރ.ނައުޝާދު މުހައްމަދު
ކޮވިޑްގެ ހާލަތުން އަރައިގަތުން
ރާއްޖޭގެ ވެރިކަން ހަވާލުކުރަން ވާނީ ކޮވިޑް ފަދަ ކާރިސާތަކުގައި އެންމެ ރަނގަޅު ގޮތް ނިންމަން ކެރޭނެ ބޭފުޅަކާއި - ނައުޝާދު
ރާއްޖެ އަކީ ސިއްހީ ކާރިސާގެ ތަޖުރިބާ މަދު ޤައުމަކަށް ވުމާއި އެކު އޭރު ރާއްޖެ އޮތީ ނާޒުކު ހާލަތެއްގައި
ކޮވިޑްގެ ޓާސްކްފޯސް އަކީ މިހާތަނަށް އެކުލަވާލި އެފަދަ އެންމެ ބޮޑު ޓާސްކް ފޯސް
ނައުޝާދު ވަނީ ރައީސް ޞާލިހު ކޮވިޑްގެ ހާލަތުގައި އަމަލުކުރެއްވި ގޮތަށް ވަރަށް ބޮޑަށް ތައުރީފްކުރައްވާފަ

ރާއްޖޭގެ ވެރިކަން ހަވާލުކުރަން ވާނީ ކޮވިޑް ފަދަ ކާރިސާތަކުގައި ކަމާއި ބެހޭ ފަރާތްތަކާއި މަޝްވަރާކޮށް، ގޮތް ނިންމަން ކެރޭނެ ބޭފުޅަކާއި ކަމަށާއި އެ ބޭފުޅަކީ ރައީސް އިބްރާހިމް މުހައްމަދު ޞާލިހު ކަމަށް އަދާލަތު ޕާޓީގެ ނައިބު ރައީސް އަދި ޓުއަރިޒަމް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރ ޑރ.ނައުޝާދު މުހައްމަދު ވިދާޅުވެއްޖެއެވެ.

ފުވައްމުލައް ސިޓީގައި އާދިއްތަ ދުވަހުގެ ރޭ ބޭއްވި އުފާވެރި އަމާން ރާއްޖެ ކެމްޕެއިން ޖަލްސާގައި އޭނާ ވާހަކަދެއްކެވީ ކޮވިޑްގެ ހާލަތުަގައި ރައީސް އިބްރާހިމް މުހައްމަދު ޞާލިހު އަމަލުކުރެއްވި ގޮތުގެ މައްޗަށެވެ. ކޮވިޑްގެ ހާލަތު ދިމާވި އިރު ރާއްޖެ އަކީ ސިއްހީ ކާރިސާގެ ތަޖުރިބާ މަދު ޤައުމަކަށް ވުމާއި އެކު އޭރު ރާއްޖެ އޮތީ ނާޒުކު ހާލަތެއްގައި ކަަމަށް ނައުޝާދު ވިދާޅުވިއެވެ. އަދި އޭރު ރައީސް މަސައްކަތް ކުރެއްވީ ދާއިރާގެ ތަޖުރިބާކާރުންގެ ބަސް އައްސަވައިގެން ކަމަށާއި، ކޮވިޑާއި ގުޅިގެން އެކުލަވާލި ޓާސްކް ފޯސް އަކީ މިހާތަނަށް އެކުލަވާލި އެފަދަ އެންމެ ބޮޑު ޓާސްކް ފޯސް ކަމަށް ނައުޝާދު ވިދާޅުވިއެވެ. ސިއްހީ މާހިރުންގެ ލަފަޔާއި އެކު ބޯޑަރ ބަންދުކުރަން ނިންމެވި ކަން ނައުޝާދު ފާހަގަކުރެއްވިއެވެ. ބޯޑަރ ބަންދުކުރުން ލިބޭ ގެއްލުން ކުޑަ ކުރުމަށް ވެސް ރާއްޖޭގައި ފިޔަވަޅު އެޅިކަމަށް އޭނާ ވިދާޅުވިއެވެ.

އެއީ އަލުން އިގްތިޞާދު އާރާސްތުކުރަން އެޅި ވަރަށް މުހިންމު ފިޔަަވަޅެއް ކަަމަށް ނައުޝާދު ވަނީ ވިދާޅުވެފައެވެ. ސަރުކާރުން އޭރު ވިޔަފާރިތަކަށް ލޯނު ދީ، ވަޒީފާ ގެއްލުނު މީހުންނަށް ވެސް އެހީތެރިކަން ފޯރުކޮށްދީފައި ކަމަށް ނައުޝާދު ވަނީ ވިދާޅުވިއެވެ. އަދި ރާއްޖޭގައި އަލުން 2020ވަނަ އަހަރު ބޯޑަރ ހުޅުވަން ނިންމެވީ ވަރަށް ބޮޑަށް ވިސްނުން ބަހައްޓައިގެން ކަމަށް ވެސް ނައުޝާދު ވިދާޅުވިއެވެ. ކޮވިޑްގެ އަސަރު އެންމެ ބޮޑަށް ސައުތް އޭޝިއާ އިން ކުރާނީ ރާއްޖެ އަށް ކަމަށް ބެލެވުނު ނަމަވެސް ރާއްޖޭގެ އިގްތިސާދު ދަނީ ގޮންޖެހުންތަކާއި އެކު ވެސް އިއާދަވަމުންކަމަށް ނައުޝާދު ވަނީ ވިދާޅުވެފައެވެ.

ދުނިޔޭގެ ތަހުޒީބުވެފައިވާ ޤައުމުތަކަށް ކޮވިޑްގެ އަސަރު ވަރަށް ބޮޑަށް ކުރި ކަމަށާއި ރާއްޖޭގައި އެކަން އެގޮތަށް ނުހިނގި ސަބަބާއި މެދު ވިސްނާލަން ޖެހޭ ކަމަށް ނައުޝާދު ވިދާޅުވިއެވެ. ނައުޝާދު ވަނީ ރައީސް ޞާލިހު ކޮވިޑްގެ ހާލަތުގައި އަމަލުކުރެއްވި ގޮތަށް ވަރަށް ބޮޑަށް ތައުރީފްކުރައްވާފައެވެ.

- ކޮމެންޓް