ކ. މާލެ
|
28 ޖުލައި 2023 | ހުކުރު 20:58
އައިޖީއެމްއެޗްގައި ކުއްޖެއްގެ ޗެކްއަޕްހަދަނީ - ފައިލް ފޮޓޯ
އައިޖީއެމްއެޗްގައި ކުއްޖެއްގެ ޗެކްއަޕްހަދަނީ - ފައިލް ފޮޓޯ
igmh
ބަލި ފެތުރުން
ބަލި ފެތުރެނީ ކާއެއްޗެއްގެ ސަބަބުންނެއް ނޫން - އެޗްޕީއޭ
ބަލި ފެތުރެނީ ވައިރަހެއްގެ ސަބަބުން
ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށް ވަނީ އިލްތިމާސްކޮށްފައި

މިހާރުމިފެތުރޭ ބަލި ފެތުރެނީ ކާއެއްޗެއްގެ ސަބަބުން ނޫން ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.

އެޗްޕީއޭއިން މިފަދައިން ބުނެފައިވަނީ، ގިނަ އަދަދެއްގެ ހޮޑުލުމާއި ބޭރަށް ހިންގުމުގެ ކޭސްތައް އިތުރުވެފައިވަނީ މިނިވަންދުވަހާއި ގުޅިގެން ބޭއްވި ފުޅަނދު ބުރުގައި ބެހި މެޓައެއް ކައިގެން ކަމަށް ވާހަކަތައް ދެކެވެމުންދާ ދަނޑިވަޅެއްގައެވެ.

އެޗްޕީއޭއިން ބުނެފައިވަނީ އެކިއުޓް ގެސްޓްރޯއެންޓަރައިޓިސް (އޭޖީއީ؛ ޑައިރިއާ އަދި ބަނޑުގައި ރިއްސުން) ގެ ކޭސްތައް ފާއިތުވި 2 ހަފުތާގެ ތެރޭގައި އިތުރުވަމުން އަންނައިރު، އެހެން އަހަރުތަކުގައި ވެސް ޗުއްޓީ ދުވަސްތަކުގައި ވެސް މި ބަލި ފެނިފައިވާ ކަމަށެވެ. ނަމަވެސް ބުރާސްފަތި ދުވަހުގެ ރެއިން ފެށިގެން މާލެ ސަރަހައްދުގެ ހޮސްޕިޓަލްތަކުން އާދަޔާ ހިލާފަށް ބަލިވެގެން ޑޮކްޓަރަށް ދައްކަން ދިޔަ މީހުން އިތުރުވެފައިވާ ކަމަށެވެ.

އެޗްޕީއޭއިން ބުނީ އިބްތިދާއީ އެޕިޑެމިއޮލޮޖިކަލް ތަހުލީލުތަކުން ފެންނަ ގޮތުގައި ކުއްލިއަކަށް މި އުދަނގޫ އުފެދުނީ ވައިރަހެއްގެ ސަބަބުންނެވެ. އެއީ ވަކި ކާނާއަކުން ފެތުރޭ އެއްޗެއް ކަމަށް ނުފެންނަ ކަމަށެވެ. ވަކި ސަބަބެއް ދެނެގަތުމަށް މަސައްކަތް ކުރާއިރު، އާންމުން ސަމާލުވުމަށް އެޗްޕީއޭއިން ވަނީ އިލްތިމާސްކޮށްފައެވެ.

އޭޖީއީ (ޑައިރިއާ އަދި ބަނޑުގައި ރިއްސުން) އިން ރައްކާތެރިވުމަށް އަޅަންޖެހޭ ރައްކާތެރިކަމުގެ ފިޔަވަޅުތަކުގެ ތެރޭގައި

  • ބަލީގެ އަލާމާތްތައް ފެނިއްޖެނަމަ ގޭގައި ތިބުން
  • ބަލީގެ އަލާމާތްތައް ފެންނަތާ 24 ގަޑިއިރު ވަންދެން ކާއެއްޗެހި ނުކެއުން ނުވަތަ ސާވް ނުކުރުން
  • ގިނަގިނައިން އަތް ދޮވުން
  • މީހަކު ބަނޑުބޮޑުވެފައިވާ ނުވަތަ ޑައިރިއާ ޖެހިފައިވާ ތަންތަން ސާފުކޮށް ޑިސްއިންފެކްޓް ކުރުން
  • މީހުން އެއްވެ އުޅޭ ތަންތަނުން ދުރުހެލިވުން

އޭ.ޖީ.އީ.ގެ އަލާމާތްތައް ކަމުގައިވާ ބޭރަށް ހިންގުމާއި އަދި ބަނޑުގައި ރިއްސުމުގެ އަލާމާތް ފެނިއްޖެނަމަ، ބޭސްފަރުވާ ހޯދުމަށް ބާރަށް ނިކުންނަ ވަގުތު ފިޔަވައި ގޭގައި ތިބުން، މީހުން އެއްވެ އުޅޭ ތަންތަނަށް ނުދިއުން، ދިޔާތަކެތި ބޭނުން ނުކުރެވި، ނުވަތަ މަދުން ކުޑަކަމުދާނަމަ ނުވަތަ ވަރުބަލިވުން ނުވަތަ ބޮލުގައި ރިއްސާނަމަ ވަގުތުން ފަރުވާ ހޯދުމާއި، އޯއާރުއެސް (ލޮނު ޕެކެޓް) ބޭނުންކުރުން، އަދި ގާތުން ކިރުދޭ ކުދިންނަށް ގިނައިން ކިރުދިނުމަށް ވަނީ އިރުޝާދު ދީފައެވެ.

- ކޮމެންޓް