އެމްޑީޕީ އިން ބޭއްވި ބޮޑު އެއްވުމުގެ ތެރެއިން ފުލުހުން ޕެޕަރ ސްޕްރޭ ޖެހުމުގެ ސަބަބުން ހާޓް އެޓޭކެއް ޖެހުނު އެމްޑީޕީގެ ހުޅުމާލެ މެދު ދާއިރާގެ ނައިބު ރައީސް މުހައްމަދު ރަސްލާން، އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) ގައި ފަރުވާ ދިނުމަށްފަހު ދޫކޮށްލައިފައެވެ.
ހޮސްޕިޓަލުން ދޫކޮށްލުމާ ގުޅިގެން ރަސްލާން އެކްސްގައި ކުރި ޕޯސްޓެއްގައި، އޭނާ ހޮސްޕިޓަލުގައި އޮތް ދުވަސްވަރު ހާލު ބަލާ އެހީތެރިވެދިން އެންމެހާ ފަރާތްތަކަށް ޝުކުރު އަދާކޮށްފައިވެއެވެ. ވަކިން ޚާއްޞަކޮށް އެމްޑީޕީގެ ލީޑަރޝިޕްގެ ބޭފުޅުންނާއި އާންމު މެންބަރުން އޭނާއާ ދޭތެރޭ ބެހެއްޓި ގާތްކަމާއި ފާޅުކުރި ހެޔޮ ދުޢާތަކަށް ޝުކުރުވެރިވެފައިވެއެވެ.
I sincerely thank you all for checking on me and for the support you extended during my time in the hospital. Your concern and kindness were truly comforting and greatly appreciated.
— Mohamed Raslaan 🇲🇻 (@Raxlaan) October 10, 2025
especially @MDPSecretariat leadership , members & and my awesome friends .@faya_i… pic.twitter.com/hRfasVINGC
މަންޒަރު ދުށް ފަރާތްތަކުން މަޢުލޫމާތު ދިން ގޮތުގައި، މުޒާހަރާގެ ތެރެއިން ފުލުހުން ރަސްލާންއަށް އަނިޔާކޮށް، އޭނާގެ މޫނަށް ޕެޕަރ ސްޕްރޭ ޖަހާފައިވެއެވެ. އޭނާގެ ވަކީލުން ފާހަގަކުރި ގޮތުގައި، މި ހާދިސާގައި ނޭވާ ހާސްވުމުގެ ސަބަބުން ރަސްލާންއަށް ހާޓް އެޓޭކް ޖެހުނީއެވެ. ރެޑް ކްރެސެންޓް ގެ އެހީގައި ފުރަތަމަ ސެނަހިޔާ ހޮސްޕިޓަލަށް ގެންދިއުމަށްފަހު، އިތުރު ފަރުވާއަށްޓަކައި ރަސްލާން އައިޖީއެމްއެޗަށް ބަދަލުކުރެވުނެވެ.
މި ހާދިސާއާ ގުޅިގެން އައިޖީއެމްއެޗުން ނެރުނު ބަޔާނުގައި، ޕެޕަރ ސްޕްރޭއަކީ ހާޓް އެޓޭކް ޖެހުމަށް މަގުފަހިވާ އެއްޗެއް ނޫން ކަމަށް ބުނެފައިވާއިރު، މި ބަޔާނަކީ ސިޔާސީ ނުފޫޒުން ފޯވެފައިވާ ބަޔާނެއްކަމަށް ބުނެ ގިނަ ބަޔަކު އެ ބަޔާނަށް ފާޑު ކިޔާފައިވެއެވެ.
މުޒާހަރާ ރޫޅާލުމުގައި ފުލުހުން ހާލަތާ ނުބައްދަލު ބާރުގެ ބޭނުންކޮށްފައިވާކަން ފާހަގަކުރެވެއެވެ. ޕެޕަރ ސްޕްރޭގެ އިތުރުން، އިންސާނުންގެ ނަފްސާނީ އަދި ޖިސްމާނީ ސިއްހަތައް ނުރައްކާކުރުވާ އަދި ނިއުރޮލޮޖިކަލް ގެއްލުންދޭ ލީތަލް ހަތިޔާރެއް ކަމަށްވާ ލޯންގް ރޭންޖް އެކޮސްޓިކް ޑިވައިސް (އެލްއާރްއޭޑީ) ވެސް މުޒާހަރާ ރޫޅާލުމަށް ފުލުހުން ބޭނުންކޮށްފައިވެއެވެ.
3 އޮކްޓޯބަރ 2025 ގައި މާލޭގައި ބޭއްވުނު ސުލްހަވެރި އިހްތިޖާޖުގައި މޯލްޑިވްސް ޕޮލިސް ސަރވިސް އިން ހާލަތާ ނުބައްދަލު ބާރުގެ ބޭނުން ކުރުމާއި، ލޯންގް ރޭންޖް އެކޮސްޓިކް ޑިވައިސް (އެލްއާރްއޭޑީ) ބޭނުން ކުރުން ކުށްވެރިކޮށް، އޭޝިއަން ފޯރަމް ފޯ ހިއުމަން ރައިޓްސް އެންޑް ޑިވެލޮޕްމަންޓް (ފޯރަމް-އޭޝިއާ) ގެ އިތުރުން 26 ޖަމްއިއްޔާ އަކުން ވަނީ ނޫސްބަޔާނެއް ނެރެފައެވެ. އެ ބަޔާނުގައި، އައިޖީއެމްއެޗް އިން 4 އޮކްޓޯބަރ 2025 ގައި ނެރުނު ބަޔާނުގައި ޕެޕަރ ސްޕްރޭ އާއި ހާޓް އެޓޭކާ ދެމެދު ސީދާ ގުޅުމެއް އޮތްކަމުގެ "ސައިންޓިފިކް ހެކި" ނެތް ކަމަށް ބުނި ނަމަވެސް، އޭގެ ސަބަބުން ހާސްވެ، ނުވަތަ ޖިސްމާނީ ބުރަ އިތުރުވެ، ކުރިން ހުރި ބަލިތައް އިތުރަށް ގޯސްވެދާނެ ކަމަށް ދެކޭ ކަމަށް ފާހަގަކޮށްފައިވެއެވެ.