Advertisement
ކ. މާލެ
|
5 އޮކްޓޯބަރ 2025 | އާދީއްތަ 12:07
އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލް
އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލް
ރާއްޖެއެމްވީ
އައިޖީއެމްއެޗް ސިޔާސީވުން
ޕެޕަރ ސްޕްރޭގެ ސަބަބުން ހަރޓް އެޓޭކް ޖެހުނު މައްސަލަ: އައިޖީއެމްއެޗުން ނެރުނީ ސިޔާސީ ބަޔާނެއް، ގިނަ ބައެއްގެ ނުރުހުން
ޕެޕަރ ސްޕްރޭއަކީ ސީދާ ހާޓް އެޓޭކް ޖެހޭ އެއްޗެއް ނޫން ކަމަށް އައިޖީއެމްއެޗުން ބުނޭ
ޕެޕަރ ސްޕްރޭއިން ހާޓް އެޓޭކް ޖެހެން މެދުވެރިވާކަން ދިރާސާތަކުން ފެންނަން އެބަހުރި ގިނަ އާއްމުން ބުނެފައިވޭ
އައިޖީއެމްއެޗްގެ ސީއީއޯ އިބްރާހީމް އަބްދުއްރައްޒާގު ހަލީމްގެ އިސްތިއުފާއަށް ވެސް ގޮވާލާފައިވޭ

މުޒާހަރާގައި ޕެޕަރ ސްޕްްރޭ ޖެހުމުން މީހަކަށް ހަރޓް އެޓޭކް ޖެހި، ހާލު ސިރިއަސްވި މައްސަލައާ ގުޅިގެން އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) އިން ސިޔާސީ ބަޔާނެއް ނެރިފައިވާ ކަމަށް ބުނެ، ގިނަ ބައެއްގެ ފާޑު ކިޔުން އަމާޒުވެއްޖެއެވެ.

ހޮނިހިރު ދުވަހުގެ ރޭ އައިޖީއެމްއެޗުން ނެރުނު ބަޔާނެއްގައި ބުނީ، މިދިޔަ ހުކުރު ދުވަހުގެ ރޭ މާލޭގައި ބޭއްވި އެއްވުމުގެ ބައިވެރިއަކު މޭގައި ރިއްސައި އެކިއުޓް މަޔޯކަރޑަލް އިންފާކްޝަން (އެމް.އައި. ނުވަތަ ހާޓް އެޓޭކް) އެއް ޖެހުނު ހާދިސާއާ ގުޅޭގޮތުން އާއްމުންގެ ހުރި ކަންބޮޑުވުންތައް ހޮސްޕިޓަލްގެ ސަމާލުކަމަށް އައިސްފައިވާ ކަމަށެވެ.

ބަޔާނުގައި ބުނީ، ހާޓް އެޓޭކެއް އާއްމު ގޮތެއްގައި ޖެހެނީ ސިއްހީ ކޮންމެވެސް ސަބަބަކާ ހެދި ހިތުގެ ލޭހޮޅިތައް ނުވަތަ ލޭހޮޅިއެއް ބެދި ހިތުން ބަޔަކަށް ލޭ ފޮނުވުމަށް އަންނަ ހުއްޓުމަކާ ގުޅިގެން ކަމަށެވެ. މިހެން އާއްމުކޮށް ދިމާވަނީ ބަލިމީހާގެ ހުންނަ ސިއްހީ އެހެން މައްސަލައެއް ނުވަތަ މައްސަލަތަކެއްގެ ސަބަބުން ކަމަށް އައިޖީއެމްއެޗުން ބުނެއެވެ.

ޕެޕަރ ސްޕްރޭ ޖެހުމުން ވަގުތީ ގޮތުން ނޭވަޔަށް އުދަނގޫކޮށް، ކެއްސައި އަދި މިފަދަ ސްޓެރްސް ރެސްޕޮންސް ތައް އައި ނަމަވެސް ޕެޕަރ ސްޕްރޭ އަކީ ސީދާ އޭގެ ޒާތުން ހާޓް އެޓޭކެއް ޖެހޭފަދަ އެއްޗެއް ނޫންކަން ފާހަގަކޮށް ބަޔާނުގައި ބުނީ ތަފާތު ގޮތްގޮތުން އުފުލާ ބުރައިގެ ސަބަބުން އިސްވެ ބަޔާން ކުރެވުނު ފަދަ ސިއްހީ މައްސަލައެއް ހުންނަ މީހަކަށް ހާޓްއެޓޭކެއް ޖެހުން ފަދަ ކަމެއް ދިމާވެދާނެ ކަމަށެވެ.

މީގެ އިތުރުން އައިޖީއެމްއެޗުން ބުނީ، މި ހާދިސާއަށްފަހު ބަލި މީހާއަށް ފަރުވާދީ ހާލު ރަނގަޅުވެ، ބަލިމީހާ މިހާރު ސީސީޔޫގައި އެޑްމިޓް ކޮށްފައިވާ ކަމަށެވެ.

އައިޖީއެމްއެޗުން ވަނީ ފަރުވާ ހޯދާ ކޮންމެ ފަރާތަކަށްމެ އެފަރާތެއްގެ ހާތަލަށް ބަލައި އެވަގުތު ދޭންޖެހޭ ފަރުވާ އެންމެ ފުރިހަމައަށް އަބަދުވެސް ދޭނެކަމުގެ ޔަގީންކަން ވެސް ދީފައެވެ.

މުޒާހަރާ ރޫޅާލުމަށް ފުލުހުން ހާލަތާއި ނުބައްދަލު ބާރުގެ ބޭނުން ކުރުމުމުގެ ސަބަބުން ހާލު ސިރިއަސްވި، އެމްޑީޕީގެ ގައުމީ މަޖިލީހުގެ ހުޅުމާލެ ދެކުނު ދާއިރާގެ ނައިބު ރައީސް މުހައްމަދު ރަސްލާނުގެ ހާލު ރަނގަޅު ކަމަށް އައިޖީއެމްއެޗުން ބުނެފައިވާއިރު، އޭނާގެ ހާލު ރަނގަޅު ނޫން ކަމަށް އާއިލާއިން ބުނެފައިވެއެވެ. އަދި ސީސީޔޫގައި ފަރުވާ ދެމުންދާއިރު، އެއީ ހާޓް އެޓޭކް ނުވަތަ ސީރިއަސް ހާޓް ފެއިލިއަރ ފަދަ ސީރިއަސް ކާޑިއަކް ކޮންޑިޝަންސް ހުންނަ ބަލިމީހުންނަށް އިންޓެންސިވް ކެއާ އާއި މޮނިޓަރިންގ ފޯރުކޮށްދޭ ޚާއްސަ ޔުނިޓެކެވެ.

އައިޖީއެމްއެޗްގެ މިބަޔާނާ ގުޅިގެން ގިނަ ބައެއްގެ ފާޑުކިޔުން އެ ހޮސްޕިޓަލަށް ވަނީ އަމާޒުވެފައެވެ. ބަލި މީހެއްގެ ހާލު ރަނގަޅު ކަމަށް ވެސް މިހާރު ނިންމަނީ ސިޔާސީ ގޮތުން ކަމަށާއި، ހޮސްޕިޓަލް ވެސް ސިޔާސީ ކޮށްފައިވާ ކަމަށް އެމީހުން ބުނެއެވެ. މިސަރުކާރާއެކު ސިޔާސީ ނުފޫޒު ނުފޯރާ އެއްވެސް ތަނެއް ގައުމުގައި ނެތް ކަމަށާއި، ހޮސްޕިޓަލްގެ ޚިދުމަތުގެ ފެންވަރު ދަށްވެ، ރައްޔިތުންގެ އިތުބާރު އެއްކޮށް ގެއްލިފައިވާ ކަމަށް ފާޑު ކިޔާ މީހުން ބުނެފައިވެއެވެ.

އައިޖީއެމްއެޗުން ރައީސް މުއިއްޒުގެ ސަރުކާރުން ދިފާއުކުރި ނަމަވެސް ޕެޕަރ ސްޕްރޭއިން ހާޓް އެޓޭކް ޖެހެން މެދުވެރިވާކަން ދިރާސާތަކުން ފެންނަން އެބަހުރި ކަމަށް ބުނެ ވެސް އެ ހޮސްޕިޓަލްގެ ނަން ވެސް ބަދަލުކުރުމަށް ބައެއް މީހުން ގޮވާލާފައިވެއެވެ.

މީގެ އިތުރުން ޑޮކްޓަރުންނާއި، ނަރުހުން އަދި ސިއްހީ ޚިދުމަތްތެރިންގެ އަގު ވައްޓާނުލައި، އައިޖީއެމްއެޗްގެ ސީއީއޯ އިބްރާހީމް އަބްދުއްރައްޒާގު ހަލީމްގެ އިސްތިއުފާއަށް ވެސް ގޮވާލާފައިވެއެވެ. އަދި ދުވަހަކަށްވުރެ ދުވަހެއް އައިޖީއެމްއެޗްގެ ޚިދުމަތުގެ ފެންވަރު ދަށަށްދާ ކަމަށާއި، މެނޭޖްނުކުރެވޭ ކަމަށް ވެސް ތުހުމަތުކޮށްފައިވެއެވެ.

އައިޖީއެމްއެޗްގެ އިހުމާލުން ބައެއް މީހުންގެ ފުރާނަ ގޮސްފައިވާ މައްސަލަތަކާއި، އިތުރަށް ބަލިބޮޑުވެ، ރާއްޖެއިން ބޭރަށް ފަރުވާއަށް ދާންޖެހޭ ކަމަށް ބުނެ ބައެއް އާއިލާތަކުން ބޮޑެތި ތުހުމަތުތައް ކޮށްފައިވެއެވެ. ނަމަވެސް ސިއްހީ އިހުމާލުގެ ބޮޑެތި މައްސަލަތަކުގައި އައިޖީއެމްއެޗުން ބަހެއް ނުބުނާކަން ފާހަގަކުރެވެއެވެ. އަދި މުޒާހަރާތަކާއި ގުޅިގެން އަނިޔާ ލިބޭ މީހުންނާ ގުޅުވައި،ފުލުހުންނާއި، ސަރުކާރުން ދިފާއުކޮށް ބަޔާން ވެސް ނެރިފައިނުވެއެވެ.

- ކޮމެންޓް