އިލެކްޝަންސް ކޮމިޝަނުގެ ރައީސް ފުވާދު ތައުފީޤަށް އިތުބާރު ނެތްކަމަށް އެ ކޮމިޝަނުގެ އަޣުލަބިއްޔަތުން ފާސްކޮށްފިއެވެ.
އިލެކްޝަންސް ކޮމިޝަނުގައި ޖުމްލަ ފަސް މެންބަރުން ތިބެއެވެ.
އިތުބާރު ހުރި މަސްދަރަކުން ރާއްޖެއެމްވީއަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، ފުވާދުގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހެޅި، އެޖެންޑާ ކުރެވިގެން ކުރިއަށް ގެންގޮސްފައިވަނީ މި މަހުގެ 18 ވަނަ ދުވަހު ކަމަށެވެ. އެގޮތުން ހަތަރު މެންބަރުން ޖަލްސާގައި ބައިވެރިވެފައިވާކަމަށް ރާއްޖެއެމްވީއަށް ވަނީ އެނގިފައެވެ.
އެ ޖަލްސާގައި ފުވާދު ބައިވެރިވެވަޑައިގެންފައެއް ނުވެއެވެ.
މި ޖަލްސާގައި ފާސްކޮށްފައިވަނީ، ރައީސްކަމުގައި ފުވާދު ހުންނަވައި ކަންކަން ކުރައްވަމުން ގެންދަވާ ގޮތުން، ރައީސަށް ކޮމިޝަނުގެ މެންބަރުންގެ އިތުބާރު ނެތް ކަމަށާއި، ރައީސްކަމުގައި ފުވާދު މިހާރު އެ ހުންނަވަނީ ކޮމިޝަނުގެ މެންބަރުންގެ އިތުބާރު ނެތި ކަމަށެވެ.
އެގޮތަށް ފާސްކޮށްފައިވަނީ ޖަލްސާގައި ބައިވެރިވެވަޑައިގެންނެވި 4 މެންބަރުންގެ ތެރެއިން 3 މެންބަރުންގެ އަޣުލަބިއްޔަތުންނެވެ.
އިލެކްޝަންސް ކޮމިޝަނުގެ މެންބަރުން ވަކިކުރެވޭނީ ރައްޔިތުންގެ މަޖިލީހުންނެވެ.
މިކަމާ ގުޅޭގޮތުން އިލެކްޝަންސް ކޮމިޝަނުގެ މެންބަރު އިސްމާއިލް ޙަބީބް ވިދާޅުވީ، އިލެކްޝަންސް ކޮމިޝަންގެ ރައީސް ފުއާދު ތައުފީގު ކަންތައްތައް ކުރައްވާގޮތުން، ރައީސްއާ މެދު 3 މެންބަރެއްގެ އިތުބާރު ނެތްކަމަށް، ޖުލައި 18 ވަނަ ދުވަހު ބޭއްވި ކޮމިޝަންގެ 794 ވަނަ ޢާންމު ޖަލްސާގެ އަޣުލަބިއްޔަތުން ފާސްކޮށްފައިވާ ކަމަށެވެ.
އެހެންނަމަވެސް، މި ވޯޓަކީ ކޮމިޝަންގެ ރައީސް ފުވާދު ތައުފީގު ކޮމިޝަންގެ ރައީސް ކަމުގެ މަގާމުން ދުރުކުރުމަށް ނެގުނު ވޯޓެއް ނޫން ކަމަށާއި، ސަބަބަކީ ގާނޫނީ ގޮތުން ކޮމިޝަންގެ ރައީސް މަގާމުން ވަކިކުރުމުގެ ބާރު މެންބަރުންނަށް ލިބިދީފައި ނުވާތީކަމަށް ޙަބީބް ވިދާޅުވިއެވެ. އެބާރު ލިބިދެނީ ރައްޔިތުންގެ މަޖިލީހަށްކަން ޙަބީބުވެސް ވަނީ ފާހަގަކުރައްވާފައެވެ.