Advertisement
ކ. މާލެ
|
14 ޖުލައި 2023 | ހުކުރު 11:40
ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް
ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް
ޖުމްހޫރީ ޕާޓީ
ވިލާ ކުންފުނީގެ ވާވެއްދިފަޅު
ވާވެއްދިފަޅު ވިއްކުން ހުއްޓުވަން އެންގި އެންގުން ބާތިލުކޮށްފި
އިތުރަށް އެ އެންގުން ދަމަހައްޓަން ޖެހޭ ސަބަބެއް ނެތް
އޭސީސީން ބަލަނީ އަމިއްލަ ފަރާތަކުން ހުށަހަޅާފައިވާ މައްސަލައެއް

އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ވިލާ ކުންފުނީގެ ވާވެއްދިފަޅު ވިއްކުން ހުއްޓުވުމަށް އެންގި އެންގުން ބާތިލުކޮށްފިއެވެ.

އޭސީސީގެ އޮފިޝަލަކު "ރާއްޖެއެމްވީ" އަށް ވަނީ މިކަން ކަށަވަރު ކޮށްދެއްވާފައެވެ. އެގޮތުން، މިއީ އިތުރަށް އެ އެންގުން ދަމަހައްޓަން ޖެހޭ ސަބަބެއް ނެތުމުން ނިންމި ނިންމުމެއް ކަމަށް އެ އިދާރާއިން ވަނީ ބުނެފައެވެ.

ވިޔަފާރިވެރިޔާ، އަދި ރައްޔިތުންގެ މަޖިލީހުގެ މާމިގިލި ދާއިރާގެ މެންބަރު ގާސިމް އިބްރާހީމްގެ ކުންފުނި، ވިލާއިން ވާވެއްދިފަޅު ވިއްކުމުގެ މުއާމަލާތް ކުރަމުންދަނިކޮށް އޭސީސީން ވަނީ އެ މުއާމަލާތް ހުއްޓުވާފައެވެ. އެގޮތަށް އޭސީސީން އެދުނީ އެ ފަޅުގެ ވެރިފަރާތް ބަދަލު ކުރަން ޓޫރިޒަމަށް ހުށަހެޅުމުން އެކަން އާންމު އުސޫލުން މިނިސްޓްރީއިން އިއުލާނުކުރި ހިސާބުންނެވެ. އޭސީސީން މި މުއާމަލާތް ހުއްޓުވީ އެ އިދާރާއިން ކުރަމުންދާ ތަހުގީގަކާ ގުޅިގެންނެވެ. ނަމަވެސް އެ ތަހުގީގާ ގުޅޭ އިތުރު ތަފްސީލެއް އޭސީސީން ހާމައެއް ނުކުރެއެވެ. މި މައްސަލަ އޭސީސީއަށް ހުށަހަޅާފައިވަނީ އަމިއްލަ ފަރާތަކުންނެވެ.

ވާވެއްދިފަޅު ވިއްކުން ހުއްޓުވުމަށް އޭސީސީން އެންގުމުން ގާސިމް ވަނީ އެކަމާ ނުރުހުން ފާޅުކުރައްވައި އެއީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިހު ކުރެއްވި ކަމެއް ކަމަށް ތުހުމަތު ކުރައްވައި، އެމަނިކުފާނަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ. މި މައްސަލައިގައި ރައީސް ޤާނޫނުއަސާސީއާ ޚިލާފުވެވަޑައިގެންފައިވާ ކަމަށް ވެސް ގާސިމް ތުހުމަތު ކުރެއްވިއެވެ.

Advertisement

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް ރައީސް އިބްރާހީމް މުޙައްމަދު ސާލިޙަށް އަމާޒު ކުރައްވައި ކުރެއްވި ތުހުމަތުތަކަށް އެމަނިކުފާނު ވަނީ ރައްދު ދެއްވާފައެވެ. އެގޮތުން، ރައީސް ވިދާޅުވީ މިހާތަނަށް ވެރިކަމުގައި ހޭދަ ކުރެއްވި މުއްދަތުގައި މަސައްކަތް ކުރައްވަމުން ގެންދަވާފައިވާނީ ޤާނޫނު އަސާސީއާއި ޤާނޫނުގެ އިމުގެ ތެރެއިން ކަމަށެވެ. އެ އިމުގެ ތެރެއިން ބޭރަށް ވަޑައިނުގަންނަވާނެކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ކިތަންމެ ގާތް މީހެއް ކަމުގައިވިޔަސް، ޕާޓީގެ މީހެއްކަމުގައިވިޔަސް އަދި އާއިލާގެ މީހެއްކަމުގައި ވިޔަސް ޤާނޫނުއަސާސީން ބޭރަށްވަޑައިނުގަންނަވާނެ ކަމަށާއި މަސައްކަތް ކުރައްވާނީ ޤާނޫނު އަސާސީގައި އޮންނަ ގޮތަށް ކަމަށެވެ.

ރައީސް އިތުރަށް ވިދާޅުވީ މިނިވަން މުއައްސަސާތަކުން ކުރާ ކަންކަން އެ އޮތްގޮތަށް ކުރިއަށްދާނެ ކަމަށާއި، އޭގެ ތެރެއަށް ރައީސުލްޖުމްހޫރިއްޔާ ނުފޫޒު ފޯރުއްވުމަކީ މިހާތަނަށްވެސް ކުރައްވާފައިވާނެ ކަމެއް ނޫން ކަމަށެވެ. އަދި އެކަން ނުވެސް ކުރައްވާނެކަމަށެވެ.

ވާވެއްދިފަޅަކީ ވިލާ ކުންފުންޏަށް ދީފައި އޮތް ފަޅަކަށްވި ނަމަވެސް 2015 ވަނަ އަހަރު ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ވިލާގެ އެހެން ބައެއް ތަންތަން ހިމެނޭހެން ވާވެއްދިފަޅު ވެސް އަތުލިއެވެ. މި މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅުމުން ވިލާއަށް ވަނީ އެ ފަޅު އަނބުރާ ލިބިފައެވެ. ސުޕްރީމް ކޯޓުން މިގޮތަށް ނިންމީ ކުރީ ސަރުކާރުން އެއްބަސްވުން ބާތިލުކުރީ ޤާނޫނާ ހިލާފަށް ކަމަށް ބުނެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް