ތިން އަހަރަށްފަހު ރާއްޖޭގައި ކުލަގަދަކޮށް މިނިވަން ދުވަސް ފާހަގަކުރުމަށް ސަރުކާރުން ނިންމައިފިއެވެ.
ސަރުކާރުން މިނިވަން ދުވަސް ފާހަގަކުރުމަށް ނިންމާފައިވަނީ 25ށް ޖުލައި އިން ފެށިގެން އޮގަސްޓް 4އާ ހަމައަށެވެ.
ރާއްޖެޓީވީގެ ފަލަސުރުޚީ ޕްރޮގްރާމުގައި ވާހަކަދައްކަވަމުން ހޯމް މިނިސްޓްރީގެ ސީނިއަރ އެގްޒެކްޓިވް ޑިރެކްޓަރު އަރުޝަދު އަޝްރަފް ވިދާޅުވީ މިފަހަރު މިނިވަން ދުވަސް ކުލަގަދަކޮށް ފާހަގަކުރުމަށް ނިންމެވީ ރައީސް އޮފީހުން ކަމަށެވެ.
އެގޮތުން ޖުލައި 26 ވަނަ ދުވަހުގެ ހެނދުނު ޖުމްހޫރީ މައިދާނުގައި ދިދަ ނެގުމުގެ ރަސްމިއްޔާތު ކުރިއަށްދާނެ ކަމަށް ވިދާޅުވިއެވެ. އަދި އެއަށްފަހު ހެނދުނު 10:00 ޖަހާއިރު މިނިވަންދުވަހުގެ ރަސްމީ ޖަލްސާ ސޯޝަލް ސެންޓަރުގައި ކުރިއަށްދާނެ ކަމަށެވެ.
މިނިވަން އުފާގެ ނަމުގައި ބާއްވާ ޝޯއެއް ހެނދުނު 6ން ފެށިގެން ރޭގަނޑު 11 ޖެހުމާއި ހަމައަށް ކުރިއަށްދާނެކަން ފާހަގަކުރައްވާ އަރުޝަދު ވިދާޅުވީ 26 ވަނަ ދުވަހުގެ ޚާއްސަ ހުރިހާ ހަރަކާތެއް ޝޯގެ ތެރެއިން ފެނިގެންދާނެ ކަމަށެވެ. މީގެއިތުރުން 27 ވަނަ ދުވަހުގެ ހަވީރު ޕެރޭޑް އޮންނާނެ ކަމަށާއި އަދި އެ ރޭ ފުޅަނދުބުރު އޮންނާނެ ކަމަށް ވިދާޅުވިއެވެ. މިނިވަންދުވަހާއި ގުޅިގެން މާލެސިޓީގެ އިތުރުން އައްޑޫ އަދި ކުޅުދުއްފުށި ސިޓީގައި ހަވާއެރުވާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
މިނިވަން ދުވަހާއި ގުޅިގެން، "މިނިވަން އުފާ"ގެ ނަމުގައި ކާނިވަލެއް ބޭއްވުމަށް ވެސް ވަނީ ނިންމާފައެވެ.
މިދިޔަ އަހަރު ފުޅަނދުބުރާއި މިނިވަންދުވަހުގެ ޚާއްސަ ޖަލްސާ ބޭއްވުމަށް ސަރުކާރުން ނިންމި ނަމަވެސް، ޚަރަދު ކުޑަކުރުމުގެ ގޮތުން ދިދަ ނެގުމުގެ ހަރަކާތް ފިޔަވައި އެހެނިހެން ހަރަކާތްތައް ވަނީ ކެންސަލްކޮށްފައެވެ.