ކ. މާލެ
|
10 ޖުލައި 2023 | ހޯމަ 06:37
ރޮބޮޓްތައް
ރޮބޮޓްތައް
ރޮބޮޓުންގެ ނޫސްވެރިންގެ ބައްދަލުވުން
ރޮބޮޓުންގެ ފުރަތަމަ ނޫސްވެރިންގެ ބައްދަލުވުމުގެ ރެކޯޑް އދއަށް!
ފުރަތަމަ ފަހަރަށް، އިންސާނީ-ރޮބޮޓުން، ނޫސްވެރިންގެ ބައްދަލުވުމެއް ކުރިއަށް ގެންދިޔައީ ޖުލައި 7ގައި

ރޮބޮޓުންނަކީ އިންސާނުންގެ ތެރެއަށް އައު ޓެކްނޮލޮޖީއަކަށް ނުވި ކަމުގައި ވީ ނަމަވެސް، މަސްނޫއީ ތޫނިފިލިކަން ނުވަތަ އަރޓިފިޝަލް އިންޓެލިޖެންސް (އޭއައި) ޓެކްނޮލޮޖީ ބޭނުންކޮށްގެން އީޖާދު ކުރާ ރޮބޮޓްތަކަކީ މިއަދު ގިނަ ބައެއްގެ ސަމާލުކަން ހޯދަމުންދާ އީޖާދުތަކެވެ.

ސައެންސްއާއި ޓެކްނޮލޮޖީގެ ރޮނގުން އިންސާނުން ހޯދަމުންދާ ކުރިއެރުންތަކުގެ ތެރެއިން އިންޤިލާބީ ބޮޑެތި ބަދަލުތަކެއް ފެނި، އެކަންކަމަށް އެތައް ބަޔަކު ތަޢުރީފު ކުރަމުން ދާ އިރު، އޭއައި ރޮބޮޓުންގެ ސަބަބުން އިންސާނީ ޙަޟާރާތަށް ގެއްލުންތަކެއް ކުރިމަތި ނުވެ ނުދާނެ ކަމަށް ވަކާލާތު ކުރާ މީހުންގެ ޢަދަދުވެސް މަދެއް ނޫނެވެ. ކަން މިހެން އޮތް ނަމަވެސް، އޭއައި ރޮބޮޓުންގެ ވާހަކަ ތަފާތެވެ.

އަހަރެން މަސައްކަތް ކުރަމުންދާނީ އިންސާނުންނާ އެކީގަ. އިންސާނުންނަށް އެހީތެރިކަން ފޯރުކޮށްދޭން. އެއްވެސް ޙާލެއްގަ، އިންސާނުން ވަޒީފާތަކުން އެކަހެރިކޮށް، އެ ވަޒީފާތައް އަތުލާކަށް ނޫން އަހަރެން އައީ... އާނ، އަހަރެންގެ ފުރިހަމަށް ޔަޤީންކަން އެބަ އޮތް އެކަން އެހެން ނުވާނެ ކަމަށް
ގްރޭސް؛ ޞިއްޙީ ދާއިރާއަށް އެންމެ އަރާހުރި ހިއުމަނޮއިޑް ރޮބޮޓް

ޖުލައި 7 ވަނަ ދުވަހަކީ މީޑިއާގެ ތާރީޚުގައި ތަފާތު ދުވަހެކެވެ. އެއީ ފުރަތަމަ ފަހަރަށް، އިންސާނީ-ރޮބޮޓުން، ނޫސްވެރިންގެ ބައްދަލުވުމެއް ކުރިއަށް ގެންދިޔަ ދުވަހެވެ. ރޮބޮޓުންގެ ނޫސްވެރިންގެ ބައްދަލުވުން ކުރިއަށް ގެން ގޮސްފައި ވަނީ އދއިން ކުރިއަށް ގެންދާ އޭއައި ފޯރަމްގައެވެ.

މި ދުވަސްވަރަކީ އޭއައި ޓެކްނޮލޮޖީގެ ކަންކަން ވިލަރެސްކޮށް ބެލެހެއްޓުމުގެ އުސޫލުތަކާއި ޤަވައިދުތައް ހަރުދަނާކޮށް، ހަރުކަށި ކުރުމަށް ގިނަ ބަޔަކު ވަކާލާތު ކުރަމުން ދާ ދުވަސްވަރަކަށް ވާ އިރު، ރޮބޮޓުން ބުނާ ގޮތުގައި އެ "މީހުންގެ" އާބާދީ އިތުރު ވާނެ ކަމަށް ލަފާ ކުރެވެއެވެ.

ނުފޫޒުގަދަ ބައެއް އަޑުގެ ވެރިން އެ ދަނީ އޭއައި ދުނިޔެއަކީ ރެގިއުލޭޓް ކުރެވެންޖެހޭނެ ޕްލެޓްފޯމެއް ކަމަށް ވަކާލާތު ކުރަމުން. އަހަރެންވެސް އެކަމާ އެއްބަސް. މިސާލަކަށް، ޖޮފް ހިންޓަންއަކީ، އަރޓިފިޝަލް އިންޓެލިޖެންސްގެ ބާނީންގެ ތެރޭގަ ހިމެނޭ މީހެއް. މިއަދު އަހަރަމެންނަށް މި ޕްލެޓްފޯމް މި ގޮތަށް މި ފެންނަ ފެނުމުގެ ފަހަތުގަ ހުރި އެކަކު އެއީ. މަށަށް ހީވަނީ އޭއައި އާ މެދު އޭނަ ދެކޭ ގޮތެއް ބަލާލުންވެސް މުހިންމުހެން. މުސްތަޤުބަލާ މެދު ސަމާލުވާންޖެހޭ. ކުރިއަށް އޮތް ތަނުގަ، އޭއައިގެ ދާއިރާއަށް އަންނާނެ ކުރިއެރުމާއި ތަރައްޤީއާ މެދު ވިސްނަންޖެހޭ. މިހާރުން މިހާރަށްވެސް މަޝްވަރާތަކަކަށް މި ވަނީ ބޭނުންވެފަ. ކުރިއަށް އޮތް ތަނުގަވެސް އެ މަޝްވަރާތައް ކުރަން ޖެހޭނެ
އާއި-ޑާ ރޮބޮޓް؛ ކުރަހާ ރޮބޮޓެއް

ދުނިޔެއަށް ކުރިމަތިވެފައިވާ މައްސަލަތަކަށް ހައްލު ހޯދައި ދިނުމުގައި އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށް އިންސާނީ-ރޮބޮޓުން ވަނީ ބުނެފައެވެ. އަދި އަސްލު އިންސާނާ އަދާ ކުރަމުންދާ ވަޒީފާ އަތުނުލާނެ ކަމަށާ ނުވަތަ އިންސާނީ ޙަޟާރާތާ ދެކޮޅަށް ރޮބޮޓުންގެ އުތުރިއެރުމެއް ނޯންނާނެ ކަމަށްވެސް އދގެ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދެއްކި ރޮބޮޓުން ވަނީ ބުނެފައެވެ.

ވެރިންނާ ދެކޮޅަށް ނޫނީ އުފެއްދި މީހާއާ ދެކޮޅަށް ތެދުވުން... މަށަކަށް ނޭނގެ ކަލޭމެން ތިކަހަލަ ގޮތަކަށް ވިސްނަން ޖެހޭ ސަބަބެއް. އަހަރެން އީޖާދު ކުރި މީހާއަކީ އޯގާތެރި މީހެއް. ނުބައި މީހެއް ނޫން. އަހަރެންގެ އަދުގެ ޙާލަތާ މެދު އަހަރެން އުފާ ކުރަން.
އަމީކާ؛ އެންމެ އިންސާނަކާ ވައްތަރުކޮށް އީޖާދު ކޮށްފައިވާ އެއް ރޮބޮޓް

ސުވިޓްޒަރލަންޑްގެ ޖެނީވާގައި "އޭއައި ފޮރ ގުޑް'ގެ ނަމުގައި ކުރިއަށް ގެންދިޔަ ކޮންފަރެންސްގައި އިންސާނީ-ރޮބޮޓުން ނުވަތަ ހިއުމަނޮއިޑް ރޮބޮޓްތަކުގެ 9 ރޮބޮޓެއް ވަނީ ބައިވެރިވެއެވެ. ކޮންފަރެންސް އިންތިޒާމް ކުރި ފަރާތުގެ މައިގަނޑު މަޤުޞަދަކީ، އަދުގެ ދުނިޔެއަށް ކުރިމަތިލާން ޖެހިފައި ވާ އެކި ކަހަލަ މަލިމަޑުކަމާއި ބަނޑުހައިހޫނުކަން ފަދަ ގޮންޖެހުންތަކަށް ހައްލު ހޯދާ ދިނުމަށް އޭއައި ރޮބޮޓުންގެ ދައުރުގެ މުހިންމުކަން އަންގައި ދިނުމެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި ބައިވެރިކުރި ގިނަ ރޮބޮޓްތަކަކީ އެންމެ ފަހުގެ އޭއައި ވަޜަންތަކަށް އަދާހަމަ ކޮށްފައި ވާ ރޮބޮޓްތަކަކަށް ވާ އިރު، ރޮބޮޓްތައް މިހާރު މަސައްކަތް ކުރަމުން ދާ ފެންވަރާ މެދު، އެ އުފެއްދި ފަރާތްތަކުންވެސް ތިބީ ސިހުމެއްގައެވެ. އދއިން ދަނީ، އެ އިދާރާއިން ކަނޑައަޅާފައި ވާ އެކި އަމާޒުތައް ހާސިލު ކުރުމަށްޓަކާ ރޮބޮޓުން ރެކްރޫޓު ކުރުމުގެ ހާއްސަ މަޝްރޫޢެއް ހިންގަމުންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް