ރާއްޖެއާ އިންޑިއާ ސަރުކާރާ ދެމެދު، ސިއްހީ ދާއިރާ ކުރިއެރުވުމާ ގުޅޭގޮތުން މަޝްވަރާކޮށްފިއެވެ.
ހެލްތު މިނިސްޓްރީން ބުނިގޮތުގައި އެ މަޝްވަރާތައް ކޮށްފައިވަނީ ރާއްޖޭގެ ސިއްހީ ދާއިރާ ކުރިއެރުވުމަށް ދިވެހި ސަރުކާރާ އިންޑިއާ ސަރުކާރާ ދެމެދު ސޮއިކޮށްފައިވާ "މެމޮރެންޑަމް އޮފް އަންޑަސްޓޭންޑިންގ އިން ދަ ފީލްޑް އޮފް ހެލްތު"ގެ ދަށުން ކަމަށެވެ. އެ މަޝްވަރާތައް ކުރީ އެ އެއްބަސްވުމުގެ ދަށުން ފުރިހަމަ ކުރަންޖެހޭ ކަންތައްތައް ކުރިއަށްދާގޮތް ބެލުމަށް އެކުލަވާލެވިފައިވާ ވޯރކިން ގްރޫޕުގެ ބައްދަލުވުމުގެ ތެރެއިން ކަމަށެވެ.
ވޯރކިން ގްރޫޕްގެ ދެވަނަ ބައްދަލުވުން ވަރޗުއަލްކޮށް ބާއްވާފައިވަނީ ބުދަ ދުވަހުއެވެ.
ދިވެހިރާއްޖޭގެ ފަރާތުން މި ވޯކިންގ ގްރޫޕްގައި އިސް ބޭފުޅެއްގެގޮތުން ބައިވެރިވެވަޑައިގަތީ މިނިސްޓްރީ އޮފް ހެލްތުގެ ޕަރމަނަންޓް ސެކްރެޓަރީ، އާއިޝަތު ސާމިޔާއެވެ. އިންޑިއާގެ ފަރާތުން އިސްބޭފުޅެއްގެ ގޮތުގައި ބައިވެރިވެލެއްވީ އިންޑިއާގެ މިނިސްޓްރީ އޮފް ހެލްތު އެންޑް ފެމިލީ ވެލްފެއަރގެ އެޑިޝަނަލް ސެކްރެޓަރީ، މިސްޓަރ ލަވް އަގަރްވާލްއެވެ.
މި ބައްދަލުވުމުގައި ރާއްޖޭގެ މިނިސްޓްރީ އޮފް ހެލްތާއި އިންޑިއާގެ ހެލްތު މިނިސްޓްރީގެ އިސް ބޭފުޅުންގެ އިތުރުން މިނިސްޓްރީ އޮފް ފޮރިން އެފެއަރޒާއި ރާއްޖޭގައި ހުންނަ އިންޑިއާ އެމްބަސީގެ ބޭފުޅުން ބައިވެރިވެވަޑައިގަތެވެ. މިގެ އިތުރުން އާސަންދަ ޕްރައިވެޓް ލިމިޓެޑާއި ނެޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީން ބައިވެރިވެފައިވާ ކަމަށް ހެލްތު މިނިސްޓްރީން ވަނީ ބުނެފައެވެ.
ބުދަ ދުވަހުގެ މި ބައްދަލުވުމުގައި ސިއްހީ ދާއިރާއިން މީހުން ބިނާކުރުމުގައި އިންޑިއާގެ އެހީތެރިކަން ހޯދުމާ ގުޅޭގޮތުން މަޝްވަރާކުރެއްވިއެވެ.
އަދި ހަމައެެހެންމެ، އާއްމު ސިއްހަތު ކުރިއެރުވުމުގައި ފަންނީ އެހީތެރިކަން ހޯދުމާއި ޑިޖިޓަލް ހެލްތު ރާއްޖޭގައި ހަރުދަނާ ކުރުމުގެ އިތުރުން، މެޑިކަލް ވެލިއު ޓްރެވަލް އަދި އިންޑިއާގެ ކޮލިޓީ ރެގިއުލޭޓަރީ ކައުންސިލާ ގުޅިގެން ބޭސް ޓެސްޓުކުރުން އިތުރަށް ހަރުދަނާކުރުމާ ގުޅޭގޮތުން މަޝްވަރާތައް ކޮށްފައިވެއެވެ. މީގެ އިތުރުން ސިއްހީ ދާއިރާ އިތުރަށް ތަރައްގީކުރެވޭނެ ގޮތްތަކާ ބެހޭގޮތުން މަޝްވަރާކުރެވުނެވެ.