ކ. މާލެ
|
28 ޖޫން 2023 | ބުދަ 21:57
ޓީޗަރަކު ސްކޫލެއްގައި ކިޔަވައިދެނީ
ޓީޗަރަކު ސްކޫލެއްގައި ކިޔަވައިދެނީ
މިނިސްޓްރީ އޮފް އެޑިއުކޭޝަން
ޓީޗަރުން އިތުރުވުން
މުސާރައަށް އައި ބަދަލާއެކު ގިނަ އަދަދެއްގެ ޓީޗަރުން ދާއިރާއާ ދަނީ ގުޅެމުން: މިނިސްޓްރީ
ދިވެހި ޓީޗަރުންނަށް އިސްކަންދޭ
ސާނަވީ ނިންމާ ގިނަ ކުދިންތަކެއް ދާއިރާއާ ގުޅޭ

މުސާރައަށް އައި ބަދަލާއެކު ގިނަ އަދަދެއްގެ ޓީޗަރުން ދާއިރާއާ ގުޅެމުންދާކަމަށް އެޑިޔުކޭޝަން މިނިސްޓްރީން ބުނެފިއެވެ.

ރާއްޖެޓީވީގައި ވާހަކަފުޅުދައްކަވަމުން އެޑިއުކޭޝަން މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު މުހައްމަދު އިހުސާން ވިދާޅުވީ، މިސަރުކާރުން ޓީޗަރުންގެ މުސާރައަށް ގެނެސްދިން ބަދަލާއެކު ދާއިރާ ދޫކޮށް އެހެނިހެން ދާއިރާގައި މަސައްކަތްކުރި ގިނަ އަދަދެއްގެ ޓީޗަރުން އަލުން ދާއިރާއާ ގުޅެމުންދާ ކަމަށާއި، އެކަން އަތޮޅުތެރޭގެ ސްކޫލުތަކުން ވަރަށް ބޮޑަށް ފާހަގަވާކަމަށެވެ.

އިހުސާން ވިދާޅުވީ، ސާނަވީ ތަައުލީމު ނިންމައި ނުކުންނަ ގިނަ އަދަދެއްގެ ކުދިންވެސް ޓީޗިންގ ދާއިރާއަށް ގުޅެން ބޭނުންވެ، ދާއިރާއިން ކޯސް ހެދުމަށް ޝައުގުވެރިކަން ފާޅުކުރާ ކުދިން ގިނަ ކަމަށެވެ. އަދި މިހާރުވެސް މިދާއިރާއިން ގިނަ އަދަދެއްގެ ދަރިވަރުން ކޯސް ފުރިހަމަކުރަމުންދާކަން އޭނާ ފާހަގަކުރެއްވިއެވެ.

ތައުލީމީ ދާއިރާގައި ދިވެހި ޓީޗަރުންނަށް އިސްކަންދޭން ފާހަގަކުރައްވައި އިހުސާން ވިދާޅުވީ ބޭރުން ޓީޗަރުން ގެންނަނީ ދިވެހިން އެމަގާމުތަކަށް ނުލިބުމުން ކަމަށެވެ.

މުދައްރިސުންގެ މުސާރައަށް ގެނެވުނު ބަދަލާ ގުޅިގެން ދާއިރާ ދޫކޮށް އެހެނިހެން ދާއިރާގައި މަސައްކަތްކުރި ގިނަ އަދަދެއްގެ ޓީޗަރުން އަލުން ދާއިރާއާ ގުޅެމުން އެބަދޭ. އަތޮޅުތެރޭގެ ރަށްރަށުން އެކަން ވަރަށް ބޮޑަށް ފާހަގަވޭ. އޭގެ އިތުރުން މުދައްރިސުންގެ ތަމްރީން ހެދުމަށް ސާނަވީ ނިންމައިގެން ގުޅޭ ކުދިންގެ އަދަދު އިތުރު. ރަނގަޅު ކުރިއެރުމެއް އާދޭ. މުސާރައަށް ގެނެވުނު ބަދަލުގެ ފައިދާ ފޮނިމީރުކަން ކުރިއަށް އޮތް ފަސް އަހަރު އަޅުގަނޑުމެންނަށް ފެންނަން ފަށާނެ. އަތޮޅުތެރޭގައާ މާލޭގަވެސް ދިވެހި ޓީޗަރުން ކުރިއަށްވުރެ މާބޮޑަށް އިތުރު. ވަރަށް މަދު މާއްދާތަކަށް މުދައްރިސުން ބޭނުންވަނީ. އެ މާއްދާތަކަށް މުދައްރިސުން ހޯދުމުގެ މަސައްކަތް މި ކުރަމުން މިދަނީ. އާއްމުކޮށް މިގެންނަނީ އިންޑިއާ ޓީޗަރުން.
އެޑިއުކޭޝަން މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު، މުހައްމަދު އިހުސާން

މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ޕަރމަނަންޓް ސެކްރެޓަރީ އަހްމަދު އަލީ ވިދާޅުވީ މިހާރު ބޭރުން ގެންނަ ޓީޗަރުން ވަރަށް ބޮޑަށް މަދުވެފައިވާ ކަމަށެވެ. އަދި މިއަހަރު ވެސް މަދުވާނެކަން އޭނާ ފާހަގަކުރެއްވިއެވެ.

އަހްމަދު އަލީ ވިދާޅުވީ މިދިޔަ އަހަރު ތަފާސްހިސާބުތައް ބަލާއިރު، ބޭރުން ރާއްޖެއަށް ގެނައި ޓީޗަރުންގެ އަދަދު އުޅެނީ ގާތްގަނޑަކަށް 1900ގައި ކަމަށެވެ. ނަމަވެސް މީގެ ކުރީ އަހަރުތަކުގައި އެ އަދަދު 2000ށްވުރެ މަތިކަމަށް އޭނާ ވިދާޅުވިއެވެ.

މުސާރައަށް އައި ބަދަލާއެކު ގިނަ އަދަދެއްގެ ޓީޗަރުން ދާއިރާއާ ގުޅެމުންދާއިރު، ޓީޗަރުންގެ މުސާރައަށް ބަދަލު ގެނެސްފައިވަނީ، 5 ރޭންކަކަށް ބަހާލައިގެންނެވެ. އޭގެ ތެރެއިން ޑިޕްލޮމާ ފެންވަރުގެ ޓީޗަރެއްގެ މުސާރަ 10،000ން 13،000ށް އިތުރުވެގެންދާއިރު، ޑިގްރީ ފެންވަރުގެ ޓީޗަރުންގެ މުސާރަ 13،000ން 19،000ށް ބޮޑުވެގެންދެއެވެ. މާސްޓަރސް ފެންވަރުގެ ޓީޗަރުންގެ މުސާރަ 15،000ން 20،000ށް އިތުރުވެގެންދެއެވެ.

- ކޮމެންޓް
29 ޖޫން 2023 | ބުރާސްފަތި 16:26
ޓަކި
އެވަރުންވެސް ބިދޭސީން ބޭރުކުރެވޭވަރެއް ނުވޭ.