ގްރޭޑް 12 ގެ ދަރިވަރުންނަށް ވައުޗަރު ނުލިބޭ މައްސަލައިގައި ސުވާލު ކުރުމަށް ގުޅުމުން، އެޑިއުކޭޝަން މިނިސްޓްރީގެ އިސްވެރިން ކޯފާ ވެއްޖެ އެވެ.
އަލަށް ގްރޭޑް 12 އަށް ވަންނަ ދަރިވަރުންނަށް ވައުޗާ ނުލިބޭއިރު، ގިނަ ބެލެނިވެރިން އަދި ދަރިވަރުން ވެސް ވަނީ އެކަމުގެ ކަންބޮޑުވުން ފާޅު ކޮށްފަ އެވެ. އެގޮތުން މީގެ ކުރިން ދަރިވަރުން ގްރޭޑް 12 އަށް ވަނުމާ އެކު، ވައުޗަރު ލިބޭ ކަމަށާއި، މިހާރު ނުލިބޭ ކަމަށް ވަނީ ފާހަގަ ކޮށްފަ އެވެ.
އެގޮތުން މިފަހަރު ދަރިވަރުންނަށް ވައުޗަރު ލިބޭނީ މިހާރު ގްރޭޑް 12 ގައި ތިބި ދަރިވަރުން އިމްތިހާނު ނިންމައި، ގްރްޖުއޭޓްވުމުން ކަމަށް މިނިސްޓްރީ އިން އަންގާފައިވާ ކަމަށް، ސެންޓަރ ފޯ ހަޔަރ ސެކަންޑްރީ އެޑިއުކޭޝަން (ސީއެޗްއެސްއީ)ގެ އިސްވެރިން ބައެއް ދަރިވަރުންނަށް އަންގާފައިވާ ކަމުގެ މައުލޫމާތު ވެސް ލިބިފައިވެ އެވެ.
އެކަމާ ގުޅޭ ގޮތުން ސުވާލު ކުރުމަށް ރާއްޖެ ޓީވީގެ ފަށާއިރު ޕްރޮގްރާމް އިން އެޑިއުކޭޝަން މިނިސްޓްރީ އަށް ގުޅުމުން، އެ މައުލޫމާތު ދެވޭނީ މިނިސްޓްރީގެ ޑިރެކްޓަރ ޖެނެރަލް އިބްރާހީމް އާސިފް ރަޝީދު ކަމަށް ބުނެ، އެ ބޭފުޅާގެ އޮފީސް ނަންބަރު ދިނެވެ. އެއާއެކު އެ ބޭފުޅަށް އަށް ގުޅައި، މައުލޫމާތު ސާފު ކުރަން އެދުމުން ވަނީ ވަރަށް ބޮޑަށް ކޯފާވެ ހުންނަވައި، ރުންކުރު ގޮތެއްގައި ވާހަކަ ދައްކަވައިފަ އެވެ.
އެގޮތުން އެ ބޭފުޅާ ވަނީ ކޮންމެ ޑިރެކްޓަރ ޖެނަރަލް އަކު މީޑިއާ ތަކަށް މައުލޫމާތު ދޭން ނުޖެހޭނެ ކަމަށާއި، އެކަމަށްޓަކައި މިނިސްޓްރީގެ މީޑިއާ އަަށް ގުޅަން ޖެހޭ ކަމަށް ވިދާޅުވެފަ އެވެ. ނަމަވެސް، ތަކުރާރުކޮށް ވާހަކަ ދައްކަން މަސައްކަތް ކުރުމުން ވެސް އެ ބޭފުޅާ ވަނީ ކޯފާވެ ވާހަކަ ދައްކަވައިފަ އެވެ.
ނަމަވެސް މިނިސްޓްރީ އަށް ގުޅުމުން އެ މައުލޫމާތު ސާފު ކުރުމަށް އެ ބޭފުޅާގެ ނަންބަރު ދެއްވި ކަމަށާއި، ގުޅަން ޖެހުނީ އެ ސަބަބާ ހުރެ ކަމަށް ބުނުމުން، ދެން ވަނީ ވާހަކަ ދައްކަން ފުރުސަތު ދީފަ އެވެ. އެއާ އެކު ގްރޭޑް 12 ގެ ކުދިންނަށް ވައުޗަރު ނުލިބޭ މައްސަލައިގެ ސުވާލު ކުރުމުން އެ ބޭފުޅާ ވިދާޅުވީ، އެކަން އެހެން ގޮތް ކަމެއް އެނގިވަޑައި ނުގަންނަވާ ކަމަށެވެ.
ފޯން ކޯލް: ގްރޭޑް 12 ގެ ދަރިވަރުންނަށް ވައުޗަރ ނުލިބޭ މައްސަލައިގަ ސުވާލު ކުރުމުން އެޑިއުކޭޝަން މިނިސްޓްރީގެ ވެރިއަކު ކޯފާވެއްޖެ pic.twitter.com/81Zl4ecZvE
— RaajjeTV (@Raajje_tv) October 28, 2025