ރާއްޖޭގެ ރިސޯޓެއް ކަމަށްވާ ދަ ރިޓްޒް ކާލްޓަން މޯލްޑިވްސް ފަރި އައިލެންޑްގައި ފަތުރުވެރިއަކު ރޭޕްކުރި ކަމަށް ބުނާ މައްސަލާގައި މިހާތަނަށް އެއްވެސް މީހަކު ހައްޔަރުނުކުރާކަމަށާއި، ތަހުގީގު ކުރިއަށްދާކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ބުނެފިއެވެ.
މި މައްސަލައާ ގުޅިގެން ފުލުހުން ބުނީ ކ އަތޮޅު ރަށެއްގައި ޗުއްޓީ ހޭދަކުރަމުންދިޔަ ފަތުރުވެރިޔަކު ރޭޕްކޮށްފައިވާ މައްސަލައެއް ޖޫން 11 ވަނަ ދުވަހު ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ. މި ރިޕޯޓު ކުރުމާ ގުޅިގެން އެ ރިސޯޓަށް ފޮރެންސިކް ޓީމް ފޮނުވާފައިވާފައި ވާކަމަށާއި، ފޮރެންސިކް ސާމްޕަލާއި މީހުންގެ ބަޔާން ނަގާފައިވާ ކަމަށެވެ.
ފުލުހުން ބުނީ މިމައްސަލާގައި މިހާރު ލިބިފައިވާ އެވިޑެންސާއެކު ތަހުގީގު ކުރިއަށްދާއިރު، މައްސަލައާ ގުޅުންހުރި އިތުރު މީހުންގެވެސް ސާމްޕަލް ނަގާފައިވާކަމަށެވެ. އަދި ސާމްޕަލްތަކުގެ ނަތީޖާ ލިބުމުން އިތުރަށް ބަލަންޖެހޭ ކަންކަން ބަލާނެކަމަށް ފުލުހުން ބުނެއެވެ.
މީގެ އިތުރުން ފުލުހުން ބުނީ ރޭޕްގެ ޝިކާރައަކަށްވިކަމަށް ބުނާ އަންހެން މީހާއަށް ސިއްހީ ފަރުވާ ދީފައިވާކަމަށާއި، ރައްކާތެރިކަން ކަށަވަރުކޮށްދެވުނު ކަމަށެވެ.
މި މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ތަހުގީގުކުރަމުން ދާއިރު، ދަ ރިޓްޒް ކާލްޓަން މޯލްޑިވްސް ފަރި އައިލެންޑް ރިސޯޓުން ބުނެފައިވަނީ ރޭޕް މައްސަލައިގެ ތަހުގީގަށް ފުރިހަމައަށް އެއްބާރުލުން ދޭނެކަމަށެވެ.
ރޭޕްގެ ޝިކާރައަކަށްވިކަމަށް ބުނާ ޗައިނާ ފަތުރުވެރިޔާ މީސް މީޑިއާގައި ބުނެފައިވަނީ އޭނާ ރާއްޖެ އައީ ޖޫން މަހުގެ ހަވަނަ ދުވަހު، ޑައިވް ގުރޫޕަކާ އެކުގައި ކަމަށެވެ. 26 އަހަރުގެ މި އަންހެން މީހާ ވަނީ އިންސާފު ހޯދައިދިނުމަށް އެދި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހާއި ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ސިޓީއެއް ފޮނުވާފައެވެ. އަދި އެސިޓީވެސް ސޯޝަލް މީޑިއާގައި އާއްމުކޮށްފައިވެއެވެ.