ކ. މާލެ
|
19 ޖޫން 2023 | ހޯމަ 07:40
އިލެކްޝަންސް ކޮމިޝަންގެ ރައީސް ފުއާދު ތައުފީގު
އިލެކްޝަންސް ކޮމިޝަންގެ ރައީސް ފުއާދު ތައުފީގު
އިލެކްޝަންސް ކޮމިޝަން
އިލެކްޝަންސް ކޮމިޝަން
އަޅުގަނޑަކަށް ނުފޫޒެއް ނެތް، ނުވެސް ފޯރުވޭނެ، މަސައްކަތްކުރަނީ ގާނޫނާއި ގަވާއިދުގެ ތެރެއިން - ފުއާދު
2 މެންބަރަކު ވޯޓުދެއްވީ އަލުން ފޯމް ޗެކްކުރަން އަދި ދެ މެންބަރަކު ވޯޓު ދެއްވީ ހުއްދަ ދިނުމަށް
ކޮމިޝަންގެ މެންބަރަކު ހުންނެވީ ހައްޖު ޗުއްޓީގައި، 5 މެންބަރުން ތިއްބަވާ
ކޮމިޝަންގެ އެއްވެސް މެންބަރަކަށް އެއްވެސް ފަރާތެއްގެ ނުފޫޒެއް އޮތްކަމަށް ގަބޫލެއް ނުކުރައްވާ

އޭނާގެ މައްޗަށް އެއްވެސް ނުފޫޒެއް ނެތް ކަމަށާއި، "ދަ ޑިމޮކްރެޓްސް" އުފެއްދުމަށް ދޭން ޖެހޭ ހުއްދައާއި ގުޅިގެން ކޮމިޝަންގެ މެންބަރުންގެ މެދުގައި ނެގުނު ވޯޓުގައި، ވޯޓު ދެއްވީ މިނިވަންކަމާއެކުގައި ކަމަށް އިލެކްޝަންސް ކޮމިޝަންގެ ރައީސް ފުއާދު ތައުފީގު ވިދާޅުވެއްޖެއެވެ.

"ދަ ޑިމޮކްރެޓްސް" ސިޔާސީ ޕާޓީއެއްގެ ގޮތުގައި އުފެއްދުމަށް ބާއްވަން ޖެހޭ ޖަލްސާ ބޭއްވުމުގެ ހުއްދަ ދިނުމުގެ މައްސަލައިގައި އެކި ފަރާތްތަކުން ދައްކަމުން އަންނަ ވާހަކަތަކާއި ގުޅިގެން، "ރާއްޖެ އެމްވީ" އަށް ދެއްވި އިންޓަރވިއެއްގައި ފުއާދު ވިދާޅުވީ ޑިމޮކްރެޓްސް އުފައްދަން ދޭންޖެހޭ ހުއްދައާއި ގުޅިގެން، މެންބަރުންގެ ތެރޭގައި ހިޔާލު ތަފާތުވުމެއް އުފެދުނު ކަމަށެވެ. ފޯމްތައް ޗެކްކޮށް ފުރަތަމަ ރައުންޑްގައި 86 ފޯމެއް ނޫން ހުރިހާ ފޯމެއް ރަނގަޅުވެފައިވާ ކަމަށާއި، ގާނޫނުން ލާޒިމްކުރާ އަދަދަށް ފޯމް ހުރީ ޗެކްކުރެވި، 3000 ހަމަވެފަކަމަށް 2 މެންބަރަކަށް ފެނިވަޑައިގެންނެވި ކަމަށެވެ. ނަމަވެސް އަނެއް ދެ މެންބަރުންނަށް ފެނިވަޑައިގެންނެވީ އަދި އިތުރަށް ޗެކްކޮށްފައި ނޫނިއްޔާ 3000 ހަމަވީކަމަށް ނުބެލުމަށް ކަމަށެވެ.

ފުއާދު ވިދާޅުވީ އަގުލަބިއްޔަތުން ނިންމަންޖެހޭ ނިންމުމަކަށް ވުމުން، ޖަލްސާ ބާއްވާ ގޮތަށް ހުއްދަ ނުދެވުނު ކަމަށެވެ. ކޮމިޝަނުގައި 5 މެންބަރުން ތިއްބެވި ނަމަވެސް، އެއް މެންބަރަކު މިވަގުތު ހުންނެވީ ހައްޖު ޗުއްޓީގައި ކަމުން، ދެން ތިއްބެވި 4 މެންބަރުންގެ ތެރޭގައި ވޯޓު ނަގާފައިވެއެވެ. އަދި ހުއްދަ ދޭން ފެންނަ ކަމަށް ވޯޓު ދިނީ 2 މެންބަރުންނެވެ. އަދި އިތުރަށް ޗެކްކުރުމަށް 2 މެންބަރުން ނިންމިއެވެ.

އެއްވަރުވީމަ ދެން ކުރިއަށް ނުގެންދެވިފައިވަނީ. ދެން އިތުރަށް ޗެކްކުރުމުގެ މަސައްކަތް ކުރިއަށްދަނީ މިހާރު. ޑިޕާޓްމަންޓް އޮފް ނެޝަނަލް ރަޖިސްޓްރޭޝަންގައި ހުރި މައުލޫމާތުތަކައި ފޯމުގައި ހުރި މައުލޫމާތު ދިމާވޭތޯ ޗެކްކުރުމާއި އިތުރު މަސައްކަތް ކުރިއަށްދަނީ.
އިލެކްޝަންސް ކޮމިޝަންގެ ރައީސް ފުއާދު ތައުފީގު

ފުއާދުގެ މައްޗަށް ނުފޫޒެއް އޮތްކަމަށް މެންބަރުން ވިދާޅުވި ވާހަކައާއި ގުޅިގެން ފުއާދު ވިދާޅުވީ އެއްވެސް ފަރާތެއްގެ ނުފޫޒެއް އޭނާގެ މައްޗަށް ނެތް ކަމަށެވެ. ވޯޓު ދެއްވީ މިނިވަންކަމާއެކީގައި ކަމަށާއި، އެއީ އެއްވެސް ފަރާތެއްގެ ނުފޫޒެއް އޮވެގެން ނޫން ކަމަށެވެ. އަދި އެއްވެސް ފަރާތަކުން ނުފޫޒެއް ފޯރުވަން ނޫޅުއްވާ ކަމަށާއި، އޭނާއަކީ އޭނާގެ ޒަމީރު ގަބޫލުކުރާ ގޮތަށް ވޯޓު ދެއްވާ މީހެއް ކަމަށް ފުއާދު ވިދާޅުވިއެވެ.

އަޅުގަނޑު ބަލާނީ ގާނޫނާއި ގަވާއިދުގެ ތެރެއިން ރައްޔިތުންނަށް އެންމެ ލުއިފަސޭހަ ގޮތަކަށް ރައްޔިތުންގެ ހައްގު ހޯދައިދެވޭތޯ އެއީ އަޅުގަނޑުގެ ވިސްނުން ހުންނަ ގޮތަކީ. އަޅުގަނޑާ ހިޔާލު ތަފާތު ބޭފުޅުންނާ އެކީގައި މަސައްކަތް ކުރާ އިރު ކަންކަން ނިމޭނީ އަޅުގަނޑު އެދޭގޮތަކަށް ނޫން. އެހެންނަމަވެސް އެ ނިންމާ ނިންމުމަކަށް އަޅުގަނޑު އިހްތިރާމް ކުރާނަން. ކޮމިޝަންގެ އެހެން މެންބަރެއްގެ މައްޗަށް ނުފޫޒެއް އޮތްކަމަށް އަޅުގަނޑަށް ނޭނގޭ. އެހެން މެންބަރުން ނުފޫޒު އޮތްކަމަށް ވިދާޅުވެފައިވާތީ، އަޅުގަނޑަކީ ކޮމިޝަންގެ ރައީސްކަމުގައިވާތީ އަޅުގަނޑު މަސައްކަތް ކުރީ އަޅުގަނޑުގެ ވިސްނުން އެހެން ބޭފުޅުންނާ ހިއްސާކުރެވޭތޯ. އެގޮތަށް ކަންތައް ކުރެއްވީމާ ބައެއް މެންބަރުންނަށް ހީވަނީ އަޅުގަނޑު ވަކި ވިސްނުމެއް ވިއްކަން ވެގެން ނުވަތަ ނުފޫޒެއްގެ ދަށުގައި ހުރެގެންނޭ.
އިލެކްޝަންސް ކޮމިޝަންގެ ރައީސް ފުއާދު ތައުފީގު

ފުއާދު ވިދާޅުވީ އޭނާ ދައްކަވަނީ އޭނާގެ ޒަމީރުގަބޫލުކުރާ ވާހަކަތައް ކަމަށެވެ. އަދި މަސައްކަތް ކުރައްވަނީ ރައްޔިތުންގެ ހައްގުތައް ގާނޫނާއި ގަވާއިދުގެ ތެރެއިން އެންމެ އަވަހަށް އެންމެ ފުރިހަމައަށް ފޯރުކޮށްދެވޭތޯ ކަމަށާއި، އެއްވެސް ކަމެއް އެކަށީގެންވާ ސަބަބެއް ނެތި ލަސްކުރުމުގެ ވިސްނުމެއް ނުގެންގުޅުއްވާ ކަމަށެވެ.

ކޮމިޝަންގެ އެހެން މެންބަރުންނަށް ނުފޫޒެއް އޮތްތޯ ކުރެވުނު ސުވާލުގެ ޖަވާބުގައި ފުއާދު ވިދާޅުވީ ކޮމިޝަންގެ އެހެން އެއްވެސް މެންބަރަކަށް ނުފޫޒެއް އޮތްކަމަށް ދެކެވަޑައިނުގަންނަވާ ކަމަށެވެ. އަދި އެކި ބޭފުޅުން ވިސްނުން ތަފާތުވާނެކަމަށް ދެކެވަޑައިގަންނަވާ ކަމަށެވެ.

މީގެ ކުރިންވެސް 3000 ފޯމް ހަމަވެއްޖެއްޔާ ހުއްދަ ދެމުން ގެންދަނީ. ދާދި ފަހުން ވެފައިވާ ކަމަކީ ބައެއް ފަރާތްތަކަށް ހުއްދަ ދޭ ފަހުން، އޭގެ ތެރޭގައި ސައްހަ ނޫން ފޯމް ހުންނަކަން އެނގެނީ ބައެއް ފަރާތްތަކުގެ ޝަކުވާވެސް ލިބުމާއެކު. އެހެންވެ މިހާރު އެންމެ ފަހުން އުފެއްދުނު ޕާޓީ އުފެދުނު ފަހުން ގެނެވުނު ތަފާތު ވިސްނުމެއް އެއީ. މިފަހަރު އިތުރަށް ވެސް ޗެކްކުރެވިފައިވަނީ، ހުރިހާ އެންމެންގެ ނަންތައް ވާނީ ވެބްސައިޓްގައި ޝާއިއުކޮށްފައި ޝަކުވާއަށް ހުށަހަޅާފައި. އަދި އޭގައިވާ ފޯން ނަންބަރުތަކަށް މެސެޖްކުރެވިފައިވާނީ ފޯމް ފުރިތޯ ބަލަން. މީގެ ކުރިން ނުކުރެވޭވަރަށް ޗެކްކޮށް ނިންމާފައި ފޯމްތަކުގެ ހުރި މައުލޫމާތު ޗެކްކުރެވުނު. އޭގެ ތެރެއިން ފެނުނު އައިޑީކާޑުގެ މުއްދަތު ހަމަވެފައި ހުރި ފޯމްތަކެއް ވެސް. އަދި އެކި ސަބަބުތަކާ ހުރެ އިނގިލީގެ ނިޝާން ސާފުނުވުން ފަދަ ފޯމްތައް އެއްފަރާތްކޮށްފައި ވެސް 86 ފޯމެއް އެއްފަރާތް ކުރެވުނީ.
އިލެކްޝަންސް ކޮމިޝަންގެ ރައީސް ފުއާދު ތައުފީގު

ފުއާދު ވިދާޅުވީ 3560 ފޯމުގެ ތެރެއިން 3480 ފޯމް ސައްހަ ފޯމުގެ ގޮތުގައި އެބައޮތް ކަމަށެވެ. ކުރިން އަމަލުކުރަމުން އަންނަ އުސޫލުންނަމަ އެހާވަރަށް ފޯމް ހުރެއްޖެނަމަ، ހުއްދަ ދެމުން ގޮސްފައިވީ ނަމަވެސް، މިފަހަރު ދެ މެންބަރަކު ބޭނުންފުޅުވީ ފޯމުގައި މަންމަގެ ނަމާއި، އައިޑީކާޑުގައި އެމީހެއްގެ ނަމާއި، ފޯމުގައި އިން ނަން ދިމާވޭތޯ ބެލުމަށް ކަމަށެވެ.

ފުއާދު ވިދާޅުވީ އޭނާގެ ވިސްނުމަކީ ޑިމޮކްރަސީގައި ވީހާވެސް ގިނަ ބަޔަކަށް ފުރުސަތު ދިނުން އެއީ މުހިންމު ކަމެއްގެ ގޮތުގައި ކަމަށެވެ. 3560 މީހަކު ފޯމް ފުރާފައި ލުމުން އެއަށް ވީހާވެސް އަވަހަށް އެޓެންޑް ވުމަކީ މުހިންމުކަމެއް ކަމަށް ދެކެވަޑައިގަންނަވާކަމަށް ވެސް ފުއާދު ވިދާޅުވިއެވެ.

އިތުރަށް ބަލަންޖެހޭ ކަންތައްތަކެއް ހުރި ކަމަށް ބަޔާންކޮށް، "ދަ ޑިމޮކްރެޓްސް" ރަޖިސްޓްރީ ކޮށްދެވެން ނެތް ކަމަށް އިލެކްޝަން ކޮމިޝަނުން ވަނީ ބުނެފައެވެ. ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު އިސްވެ ހުންނަވާ އުފައްދަވަން މަސައްކަތް ކުރާ ސިޔާސީ ޕާޓީ "ދަ ޑިމޮކްރެޓްސް" ރަޖިސްޓްރީ ކުރަން 3،560 މީހުންގެ ފޯމް ހުށަހެޅީ ޖޫން މަހުގެ އެއް ވަނަ ދުވަހުއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް