އަންނަ ސެޕްޓެމްބަރު މަހުގެ 9 ވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިޚާބުގައި ވޯޓުލުމުގެ ޙައްޤު ލިބިފައިވާ މީހުންގެ ދާއިމީ ވޯޓަރސް ލިސްޓަށް ޝަކުވާ ހުށަހެޅުމަށް ހުޅުއްވައިލި ފުރުސަތުގައި މިހާތަނަށް 40 ޝަކުވާ ލިބިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބުނެފިއެވެ.
އިލެކްޝަންސް ކޮމިޝަނުން ބުނީ ވޯޓަރސް ލިސްޓަށް ހުށަހެޅި ޝަކުވާތަކުގެ ތެރޭގައި މަރުވެފައިވާ މީހުން ނަން އޮތުމުން 28 ޝަކުވާއާއި އެޑްރެސް ބަދަލުވެފައިވާތީ 9 ޝަކުވާއާއި ލިސްޓުގައި ނަން ނެތުމުން 1 ޝަކުވާ އާއި އައިޑީކާޑު ބަދަލުވެގެން 1 ޝަކުވާ އަދި ދާއިރާ ބަދަލުވެގެން 1 ޝަކުވާ ލިބިފައިވާ ކަމަށެވެ.
އިލެކްޝަންސް ކޮމިޝަނުން ޢާންމުކުރި ލިސްޓަށް ހުށަހެޅުނު އިދާރީ ޝަކުވާތަކަށްފަހު، ވޯޓަރސް ލިސްޓުގެ ޝަކުވާތަކަށް ހުޅުވާލި ލިސްޓުން އުނިކުރި ނަންތަކާއެކު މިހާރު ވޯޓު ދިނުމުގެ ޙައްޤު ލިބެނީ 282،672 މީހުންނަށެވެ. ނަމަވެސް ދާއިމީ ލިސްޓަށް ހުށަހަޅާ ޝަކުވާތައް ބެލުމަށްފަހު ލިސްޓަށް އަދިވެސް ބަދަލުތަކެއް އަންނާނެ ކަމިގައި އިލެކްޝަންސް ކޮމިޝަނުން ބުނެއެވެ.
އެ ކޮމިޝަނުން ބުނީ ވޯޓުލާމީހުންގެ ލިސްޓުގައި ނަން އޮތްތޯ ނުވަތަ ނަން އޮތީ ރަނގަޅަށްތޯ ޗެކުކުރުމަކީ ވޯޓުލާމީހުންގެ ސައްހަ ލިސްޓެއް ތައްޔާރުކުރުމަށްޓަކައި ޕާޓީތަކުންނާއި ކެނޑިޑޭޓުންނާއި ފަރުދީގޮތުން ވެސް ކުރުން ވަރަށް މުހިންމުކަމެެކެވެ.
އެގޮތުން 1414 އަށް ގުޅައިގެން ނުވަތަ އެސް.އެމް.އެސްއެއް ފޮނުވައިގެން ވެސް ޗެކު ކުރުމުގެ އިންތިޒާމް ހަމަޖައްސާފައިވެއެވެ. އަދި މި ލިސްޓު އީސީގެ ވެބްސައިޓުންނާއި، ރަށު ކައުންސިލްތަކާއި، ސިޓީ ކައުންސިލްތަކުގެ އިދާރާއިން ވެސް ބެލޭނެއެވެ. އެސްއެމްއެސް ފޮނުވާނީ VR (space) ID number to 1414 އަށެވެ.
އިލެކްޝަންސް ކޮމިޝަނުން އިންތިޚާބަށް ވަމުންދާ ތައްޔާރީތަކާއި ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން އެ ކޮމިޝަނުގެ ރައީސް ފުވާދު ތައުފީޤް ވިދާޅުވީ ދުވަހުން ދުވަހަށް ޝަކުވާތަކަށް ބަލަމުންދަނީ ޝަކުވާ ހުށަހެޅުމުގެ މުއްދަތު ހަމަވާއިރު ފައިނަލް ލިސްޓް ވީހާވެސް އަވަހަށް އެކުލަވާލުމަށްކަމަށެވެ. ފައިނަލް ލިސްޓު އާންމުކުރުމާއެކު ދެން ލިސްޓަށް ބަދަލުނުގެނެވޭނެކަން ފާހަގަކުރައްވާ ފުވާދު ވިދާޅުވީ މިމުއްދަތުގެ ތެރޭގައި ލިސްޓުގައި އެމީހެއްގެ ނަން އޮތްތޯ ޗެކްކޮށް ޝަކުވާ ހުށަހެޅުން ވަރަށް މުހިންމު ކަމަށެވެ.