ކ. މާލެ
|
17 ޖޫން 2023 | ހޮނިހިރު 00:07
ދިވެހި ސާފް ލީގުގެ ތެރެއިން
ދިވެހި ސާފް ލީގުގެ ތެރެއިން
ސާފިން އެސޯސިއޭޝަން އޮފް މޯލްޑިވްސް
ދިވެހި ސާފް ލީގު
ގާމާދޫކޮޅު: މެންސް އޯޕަންގެ ކުއާޓާ އަދި ޖޫނިއާ ސެމީގައި ވާދަކުރާ ބައިވެރިން ކަށަވަރުވެއްޖެ
ހިންމަފުށީގައި ކުރިއަށްދާ ގާމާދޫކޮޅު އިވެންޓުގެ ހީޓުތައް ހޮނިހިރު ދުވަހު ފެށުމަށް ހަމަޖެހިފައިވަނީ ހެނދުނު 8:00 ގައި

މޯލްޑިވްސް ސާފިން އެސޯސިއޭޝަން (އެމްއެސްއޭ) އިން ކުރިއަށްގެންދާ ދިވެހި ސާފް ލީގުގެ މި އަހަރުގެ ތިން ވަނަ އިވެންޓު، "ގާމާދޫކޮޅު" ގެ މެންސް އޯޕަން ކުއާޓާ އަދި ޖޫނިއާ ސެމީގައި ވާދަކުރާ ބައިވެރިން ކަށަވަރުވެއްޖެއެވެ.

މި މަހުގެ 14 ވަނަ ދުވަހު ފެށި ގާމާދޫކޮޅު އިވެންޓު ކުރިޔަށްދަނީ ކ.ހިންމަފުށީގައެވެ. އެގޮތުން ހުކުރު ދުވަހު ވަނީ މެންސް އޯޕަންގެ ފަސް ވަނަ ރައުންޑު ނިމި، ކުއާޓާގައި ވާދަކުރާނެ ބައިވެރިން ކަށަވަރުވެފައެވެ. އަދި ޖޫނިއާ ބައިގެ ކުއާޓާ ނިމި، ސެމީގައި ވާދަކުރާނެ ބައިވެރިން ވެސް ވަނީ ކަށަވަރުވެފައެވެ.

މެންސް އޯޕަން ކުއާޓާގެ ފުރަތަމަ ހީޓުގައި ވާދަކުރާނީ ހުސައިން އަރީފް އަދި ހަސަން ނާސިހެވެ. އަރީފް ވަނީ 13.67 ގެ ސްކޯއަކާއެކު ފަސް ވަނަ ރައުންޑުގެ ފުރަތަމަ ހީޓުން އެއްވަނަ ހޯދާފައެވެ. އަދި 9.84 ގެ ސްކޯއަކާއެކު އެ ރައުންޑުގެ ދެވަނަ ހީޓުގައި ނާސިހަށް ލިބުނީ ދެވަނަ އެވެ.

ކުއާޓާގެ ދެވަނަ ހީޓުގައި ވާދަކުރާނީ އަހުމަދު އާގިލް (އަންމަޑޭ) އަދި އާދަމް މުއީން އިބްރާހީމެވެ. ފަސް ވަނަ ރައުންޑުގެ ދެވަނަ ހީޓުން އަންމަޑޭ އެއްވަނަ ހޯދީ 12.10 ގެ ސްކޯއަކާއެކުއެވެ. އަދި ފުރަތަމަ ހީޓުގެ ދެވަނަ މުއީން އަށް ލިބުނީ 10.43 ގެ ސްކޯއަކާއެކުއެވެ.

ކުއާޓާ ފައިނަލްގެ ތިން ވަނަ ހީޓުގައި ހޫދު އަހުމަދު (ހޫބްޒް) ވާދަކުރާނީ އިބްރާހީމް އައިމަން އާރިފް އާއެވެ. ހޫބްޒް ވަނީ 12.00 ގެ ސްކޯއަކާއެކު ފަސް ވަނަ ރައުންޑުގެ ތިން ވަނަ ހީޓުން އެއްވަނަ ހޯދާފައެވެ. އަދި ހަތަރު ވަނަ ހީޓުގެ ދެވަނަ އައިމަން އަށް ލިބުނީ 7.90 ގެ ސްކޯއަކާއެކުއެވެ.

މި އިވެންޓުގެ ކުއާޓާގެ ފަހު ހީޓުން އަޒްލީ ނަސީމް ޖާގަ ހޯދީ ފަސް ވަނަ ރައުންޑުގެ ހަތަރު ވަނަ ހީޓު 8.00 ގެ ސްކޯ އިން ކާމިޔާބުކޮށްގެނެވެ. އަދި އިސްމާއިލް މިގްލާލް (ކުޑަ އިއްސެ) ޖާގަ ހޯދީ 8.73 ގެ ސްކޯއަކާއެކު ތިން ވަނަ ހީޓުގެ ދެވަނަ ހޯދައިގެނެވެ.

ޖޫނިއާ އިވެންޓުގެ ސެމީގެ ފުރަތަމަ ހީޓުގައި ވާދަކުރާނީ ޝާނިފް ޝަފީގް އަދި ޔާސިން އަހުމަދު ނާޝިދެވެ. ޝާނިފް ސެމީ އިން ޖާގަ ހޯދީ ކުއާޓާގައި 9.50 ގެ ސްކޯ އަކާއެކު އިސްމާއީލް މަދުހު އަހުމަދު ބަލިކުރުމަށްފަހުއެވެ. އަދި ޔާސިން ވަނީ ކުއާޓާގައި 14.00 ގެ ސްކޯއަކުން މުހައްމަދު ސުމަންގެ މައްޗަށް ކުރިހޯދާފައެވެ. ސެމީގެ ދެވަނަ ހީޓުގައި މުހައްމަދު އިނާން އަބްދުލް ހަންނާން ވާދަކުރާނީ ކަޔާން އަބްދުﷲ އަރީފް އާއެވެ. ކުއާޓާގެ ތިން ވަނަ ހީޓު 10.00 ގެ ސްކޯއަކުން އިނާން ކާމިޔާބުކުރިއިރު، ހަތަރު ވަނަ ހީޓު ކަޔާން ކާމިޔާބުކުރީ 16.33 ގެ ސްކޯއަކުންނެވެ.

ހިންމަފުށީގައި ކުރިއަށްދާ ގާމާދޫކޮޅު އިވެންޓުގެ ހީޓުތައް ހޮނިހިރު ދުވަހު ފެށުމަށް ހަމަޖެހިފައިވަނީ ހެނދުނު 8:00 ގައެވެ.

- ކޮމެންޓް