ސިއްހީ ދާއިރާގެ ގާބިލުކަން އިތުރުކުރުމަށް 40ށް ވުރެ ގިނަ މަޝްރޫޢު ހިންގާފައިވާކަމަށާއި އަދިވެސް އިތުރު މަޝްރޫޢުތައް ކުރިއަށްދާ ކަމަށް ނާއިބު ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު އެފަދައިން ވިދާޅުވީ ރާއްޖޭގެ ޞިއްޙީ ދާއިރާ ޑިޖިޓަލައިޒްކޮށް އައިޓީ އިންފްރާސްޓްރަކްޗަރ ތަރައްޤީކުރުމަށް ސަރުކާރުން ކުރިއަށްގެންދާ މަސައްކަތުގެ ތެރެއިން، ރާއްޖޭގެ 5 ރީޖަނަލް ހޮސްޕިޓަލް، 15 އަތޮޅު ހޮސްޕިޓަލް އަދި 163 ޞިއްޙީ މަރުކަޒަށް އައިޓީ އިކުއިޕްމަންޓް ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ. މިއީ އެއްފަހަރާއި އެންމެ ގިނަ އަދަދަކަށް ސިއްހީ ޚިދުމަތްދޭ ތަންތަނަށް ވަސީލަތްތައް ހަވާލުކުރި ފަހަރު ކަަމަށް ވެސް ނާއިބު ރައީސް ވިދާޅުވިއެވެ.
މީގެ އިތުރުން މިއަދަކީ ޓެކްނޮލޮޖީގެ ޒަމާނެއް ކަމަށް ފާހަގަކުރައްވާ އެމަނިކުފާނު ވިދާޅުވީ ރާއްޖެ ވެސް އެނބުރެމުން ދަނީ ޑިޖިޓަލް ޒަމާނަކަށް ކަމަށެވެ. އެގޮތުން ފަސޭހަކަމާ އެކު ޚިދުމަތްތައް ލިބޭނެ މަގުފަހިކޮށްދިނުމަށްޓަކައި ސަރުކާރުން ވަރަށް ގިނަ މަސައްކަތްތައް ކުރައްވަމުންދާކަމަށް ވިދާޅުވިއެވެ. ރާއްޖެ އަކީ ކުދި ރަށްތަކެއްގެ މަައްޗަށް އެކުލެވޭ ގައުމަކަށްވުމާއެކު ޓެކްނޮލޮޖީ މެދުވެރިކޮށް ކަންކަން ކުރެވުމަކީ ލިބޭ ފަސޭހައެއްކަމަށް ނާއިބު ރައީސް ވިދާޅުވިއެވެ. އެ ހުރިހާކަމެއް ހިނގަނީ ރައީސް އިބްރާހީމް މުހައްމަދު ޞާލިހުގެ ދުރު ވިސްނުންފުޅާއި ހަރުދަނާ ސިޔާސަތުގެ ސަބަބުން ކަމަށް ވެސް ނާއިބު ރައީސް ވިދާޅުވިއެވެ.
މީގެއިތުރުން ސިއްހީ ދާއިރާ އަށް މިހާރު އިންގިލާބީ ބަދަލުތަކެއް ގެނެވެމުންދާ ކަމަށާއި، ސިއްހީ ދާއިރާ އަށް ގެންނަ ބަދަލުތަކަކީ ހަމައެކަނި ދައްކާލާ ވާހަކައެއްގެ ގޮތުގައި އޮތް ކަމެއް ނޫން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ސިއްހީ ދާއިރާ އާއި ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ނާއިބް ރައީސް ވަނީ ކޮވިޑް-19ގެ ހާލަތުގައި ރާއްޖޭގެ ސިއްހީ މަސައްކަތްތެރިންނާއި ރައީސުލްޖުމްހޫރިއްޔާ ވެސް ދެއްކެވީ ނަމޫނާ އެއް ކަމަށް ސިފަކުރައްވާފައެވެ. އަދި ކުރިއަރާފައިވާ ޤައުމުތަކަށް ވުރެ ފުރިހަމަ އަށް އެ ދަނޑިވަޅުގައި ރާއްޖޭގެ ސިއްހީ ކަންކަން ބެލެހެއްޓުނީ އެންމެން ގުޅިގެން ކުރި މަސައްކަތުން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.