ރާއްޖޭގެ ކުރީގެ ރައީސުލްޖުމްހޫރިއްޔާ އިބުރާހީމް މުހައްމަދު ޞާލިހު އާއި ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމުގެ އިތުރުން އެމްޑީޕީގެ އިސް ބޭފުޅުން "ލޫޓުވައިފި ލޫޓުވައިފި" ބޮޑު އެއްވުމުގެ އެންމެ ކުރީސަފުގައި ހަރަކާތްތެރިވާން ފަށައިފި އެވެ.
އެމްޑީޕީގެ އިސްބޭފުޅުން މުޒާހަރާގެ އިސްސަފުގައި ހަރަކާތްތެރިވަމުން ގެންދާއިރު، ސަރުކާރަށް ތާއީދުކުރާ ދޮގު ޕްރޮޕަގެންޑާ ފަތުރާ ފަރާތްތަކުން ބުނަމުން ގެންދަނީ އެމްޑީޕީގެ ލީޑަރޝިޕްގެ ބޭފުޅުން މުޒާހަރާ ދޫކޮށް ފިލާފައިވާ ކަމަށެވެ.
އެމްޑީޕީ ގެ ބޮޑު އެއްވުމާއި އެކު ރައީސް މުއިއްޒުގެ ސަރުކާރަށް ބޮޑު ސިހުމެއް ލިބިގެންދިޔަ އިރު، މުޒާހަރާ ފެށުމުގެ ކުރިން ސަރުކާރުން ވަނީ މުޒާހަރާ ހުއްޓުވުމަށް އެކިގޮތްގޮތުން ގިނަ މަސައްކަތްތަކެއް ކޮށްފަ އެވެ. އެގޮތުން ފުލުހުން ލައްވައި މާލޭގެ ބޮޑު ބައެއް ބަންދުކޮށް މީހުންނަށް އާޓިފިޝަލް ބީޗު ސަރަހައްދަށް ނުވަދެވޭނޭ ހެން ބެރިކޭޓް ޖަހައި ބަންދުކުރި އެވެ.
އަދި މި އެއްވުމަކީ ގައުމު ހަލަބޮލިކޮށް، ގައުމުގެ އަމަންއަމާންކަން ނަގާލުމަށް ކުރިއަށްގެންދާ އެއްވުމެއް ކަމަށް ބުނެ ފުލުހުންލައްވައި ބަޔާންތައް ވެސް ވަނީ ނެރެފަ އެވެ.
ޚާއްސަކޮށް ހޯމް މިނިސްޓަރ އަލީ އިހުސާން ވެސް ވިދާޅުވެފައި ވަނީ މި އެއްވުމަކީ ސުލްހެވެރި އެއްވުމެއް ނޫންކަމަށެވެ.
މީގެ އިތުރުން މާފަންނު ހުޅަނގު ދާއިރާގެ މެންބަރު މުހައްމަދު މުސްތަފާ އިބްރާހިމް އެކްސްގައި ކުރި ޕޯސްޓެއްގައި އެމްޑީޕީ އަށް ނިސްބަތްކޮށް ވިދާޅުވީ މި ރީނދޫ ބައިގަނޑު ގައުމުން ފުހެލަން ޖެހޭ ކަމަށެވެ. އަދި އެ ބައިގަނޑު ފޮހެލައިގެން ނޫނީ ގައުމުގައި ހަމަޖެހުމާއި ކުރިއެރުން ލިބޭނެ ކަމަށެވެ. އަދި މި ނުބައި ހަދާފަ އެމްޑީޕީ ބޮޑުންތައް ފިލާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ސަރުކާރާއި ސަރުކާރަށް ތާއީދުކުރާ ފަރާތްތަކަށް ބޮޑު ސިހުމެއް ގެނުވި މި ބޮޑު އެއްވުން އަދި ވެސް އެއް ރޫހެއްގައި ކުރިޔަށް ދާއިރު، ފުލުހުން ވަނީ ނުހައްގު ބާރުގެ ބޭނުންކޮށް މުޒާހަރާގެ ބައިވެރިންގެ ލޮލަށް ޕެޕަރ ސްޕްރޭ ޖަހައި އެތައް އަނިޔާތަކެއް ވެސް ދީފަ އެވެ. އެގޮތުން މިހާރު ވަނީ މުޒާހަރާގެ ތެރެއިން ބައެއް މީޙުން ވަރަށް އަނިޔާވެރިކޮށް ހައްޔަރުވެސް ކޮށްފަ އެވެ.
ހުކުރު ދުވަހުގެ ރޭ ކުރިއަށްދާ މުޒާހަރާގައި ފުލުހުން ވަނީ އެ މު އެއްވުން ކަވަރ ކުރަމުން ގެންދިޔަ ނޫސްވެރިންނަށް ހުރަސްއަޅައި ނޫސްވެރިންގެ މޫނަށް އަމާޒުކޮށް ޕެޕަ ސްޕްރޭ ވެސް ޖަހައިފަ އެވެ.