އައްޑޫ ސިޓީ
|
4 ޖޫން 2023 | އާދީއްތަ 17:33
ގަން އިންޓަރނޭޝަނަލް އެއަރޕޯޓުގެ އަމަލީ މަސައްކަތް ރައީސް ފައްޓަވައިދެއްވައި ވާހަކަފުޅުދައްކަވަނީ
ގަން އިންޓަރނޭޝަނަލް އެއަރޕޯޓުގެ އަމަލީ މަސައްކަތް ރައީސް ފައްޓަވައިދެއްވައި ވާހަކަފުޅުދައްކަވަނީ
ރައީސް އޮފީސް
ގަން އެއަރޕޯޓުގެ ތަރައްގީ
"އިޚްލާސްތެރިކަމާއެކު ތެދުވެރި މަސައްކަތްތަކެއް ކުރެވުނުނަމަ، 66 އަހަރު ފަހުން މިރަސްމިއްޔާތު ބާއްވާކަށް ނުޖެހޭނެ"
އިނގިރޭސީން ފައިބައިގެން ދިޔަ ދުވަހުން ފެށިގެން އައްޑޫ ދިޔައީ ފަހަތަށް
އޭރު އެ އޮތް ބިނާގެ މައްޗަށް ތެދުނިޔަތަކާއެކު އައްޑޫ ބިނާކުރިނަމަ، މިއަދު މިކުރާ މަސައްކަތް ކުރާކަށް ނުޖެހޭނެ

އިޚްލާސްތެރިކަމާއެކު ތެދުވެރި މަސައްކަތްތަކެއް ކުރެވުނުނަމަ، 66 އަހަރު ފަހުން ގަން އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީކުރުމުގެ އަމަލީ މަސައްކަތް ރަސްމިއްޔާތެއްގެގޮތުގައި ބާއްވާކަށް ނުޖެހޭނެކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ވިދާޅުވެއްޖެއެވެ.

ގަން އިންޓަރނޭޝަނަލް އެއަރޕޯޓުގެ އަމަލީ މަސައްކަތް ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުއްދައްކަވަމުން ރައީސް ވިދާޅުވީ، މިއީ އިންޑިއާ ކަނޑުގެ ދެކުނުގައި ވަނިކޮށް ބަޔަކަށް ފެންނާނެ، އިސްތިރާޖީ ގޮތުން އެންމެ މުހިންމު އެއް ޕޮއިންޓުކަމަށެވެ. އިނގިރޭސިން ގަން ޚިޔާރުކުރީ އެ ސަބަބަށްޓަކައި ކަމަށާއި، އޭރު އައްޑޫގައި އޮތް މަދަނިއްޔަތުގެ ފައިދާ އެންމެ އުތުރުން ތުރާކުނުގެ ބޮލި ހުރާ ކޮޅާހަމައަށް ފޯރިކަމަށެވެ.

ނަމަވެސް، ކުރިއަރާފައި އޮތް އައްޑޫއިން، އިނގިރޭސީން ފައިބައިގެން ދިޔަ ދުވަހުން ފެށިގެން، އައްޑޫ ދިޔައީ ފަހަތަށްކަމަށް ރައީސް ވިދާޅުވިއެވެ. އަދި ގަމުގައި ހުރި، އޭރުގެ އެންމެ ޒަމާނީ އާލާތްތަކާއި ވަސީލަތްތައް އައްޑޫއިން ބޭލިކަމަށެވެ.

ދަގަނޑު ތާނގީތައް ގޭސްކަޓަރުން ކަފާ ކުދިކުރި. ހައިވޯލްޓޭޖް ކޭބަލްތަށް ނަގާ ބުރިކޮށް، ބޮނޑި ބަނދެ، ކޮނޑުޖަހައިގެން ބޭރުކުރި. ތެދުފުޅެއް! އޭރު އެއޮތް ބިނާގެ މައްޗަށް ތެދުނިޔަތަކާއެކު އައްޑޫ ބިނާކުރިނަމަ، މިއަދު މިކުރާ މަސައްކަތް ކުރާކަށް ނުޖެހޭނެ. އެހެން ނަމަވެސް ފެންނަން އޮތް ހަގީގަތް ކިތަންމެހާވެސް ހިތި. އައްޑޫ، ހުވަދޫ އަދި ފޯއްމުލަކަކީ ރާއްޖޭގެ ދެކުނުކޮޅު. އިޚްލާސްތެރިކަމާއެކު ތެދުވެރި މަސައްކަތްތަކެއް ކުރެވުނު ނަމަ، 66 އަހަރު ފަހުން މިރަސްމިއްޔާތު ބާއްވާކަށް ނުޖެހޭނެ.
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު

ރައީސް ވިދާޅުވީ ގަން އެއަރޕޯޓުގެ ޕްރެޒެންޓޭޝަންގައި ވާ ފެންވަރަށް އެއަރޕޯރޓް ނިންމަވާނެ ކަމަށެވެ. ގަން އިންޓަރނޭޝަނަލް އެއަރޕޯޓަކީ އައްޑޫގެ ފަޚުރަކަށް ވުމަށް އައްޑޫ ސިޓީގެ ރައްޔިތުން އެދިވަޑައިގަންނަވާ ވަރަށް އެމަނިކުފާނުވެސް އެދިވަޑައިގަންނަވާ ކަމަށެވެ.

މިއީ ޒަމާނީ ހުރިހާ ވަސީލަތްތަކާއެކު އަހަރަކު 1.5 މިލިއަން ފަތުރުވެރިންނަށް ޚިދުމަތްދެވޭގޮތަށް ތަރައްގީކުރެވޭ ބައިނަލްއަގުވާމީ އެއާޕޯޓެއްކަމަށާއި، މި މަޝްރޫއަކީ ދިވެހިރާއްޖެއާ އިންޑިއާއާ ދެމެދުއޮތް ޒަމާންވީ ގުޅުން ރަމްޒުކޮށްދޭ މަޝްރޫއެއް ކަމަށް ރައީސް ވިދާޅުވިއެވެ.

މީގ އިތުރުން މި މަސައްކަތް ކުރިއަށްގެންދިއުމުގައި އިންޑިއާ ސަރުކާރާއި އިންޑިއާ އެގްޒިމް ބޭންކުން ދޭ އެހީތެރިކަން ރައީސް ވަނީ ފާހަގަކުރައްވާފައެވެ.

- ކޮމެންޓް