އައްޑޫ ސިޓީގެ މަގު ހެދުމުގެ މަޝްރޫއު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު ބައްލަވާލައްވައިފިއެވެ.
ސަރުކާރުން އައްޑޫ ސިޓީގައި ކުރިއަށްގެންދާ މަގު ހެދުމުގެ މަޝްރޫއު ރައީސް ބައްލަވާލައްވާފައިވަނީ އައްޑޫ ސިޓީއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން އާދީއްތަ ދުވަހު މެންދުރު ކުރިން ހިތަދޫގައެވެ.
ރައީސް ވަނީ އައްޑޫގެ މަގު ހެދުމުގެ މަޝްރޫއުގެ މަސައްކަތް ގޮސްފައިވާ ބައެއް ހިސާބުތަކަށް ޒިޔާރަތްކުރައްވާ، އެ މަސައްކަތް ހަވާލުކޮށްފައިވާ އެފްކޮންސްގެ ބޭފުޅުންނާ ބައްދަލުކުރައްވާ މައުލޫމާތު އޮޅުން ފިލުއްވާފައެވެ. އަދި މަގު ހެދުމުގެ މަޝްރޫއާއި ގުޅޭގޮތުން ޕްލޭނިންގ މިނިސްޓްރީގެ އޮފިޝަލުންނާ ވެސް ބައްދަލުކުރައްވާ މަސައްކަތުގެ މައުލޫމާތު އެމަނިކުފާނު ސާފުކުރެއްވިއެވެ.
އިންޑިއަން އެގްޒިމް ބޭންކުގެ 800 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓް ފެސިލިޓީގެ ދަށުން, އައްޑޫ ސިޓީގެ މަގުހެދުމާއި ފެން ހިންދުމުގެ ނިޒާމް ގާއިމްކުރުމަށްޓަކައި 21 ފެބްރުއަރީ 2021 ގައި މިނިސްޓްރީ އޮފް ނެޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރާ އިންޑިއާގެ އެފްކޯންސް އިންފްރާސްޓްރަކްޗަރ ލިމިޓެޑާ ދެމެދު ސޮއިކުރެވުނެވެ.
މި މަޝްރޫއުގެ އަގު 77،630،898.00 (ހަތްދިހަ ހަތް މިލިއަން ހަސަތޭކަ ތިރީސް ހާސް އަށްސަތޭކަ ނުވަދިހަ އަށް) ޔޫއެސް ޑޮލަރަށް އަރާއިރު, އެއީ ދިވެހި ރުފިޔާއިން ބަލާނަމަ 1,197,068,447.16 (އެއްބިލިއަން އެއްސަތޭކަ ނުވަދިހަ ހަތް މިލިއަން ފަސް ދޮޅަސް އަށްހާސް ހަތަރުސަތޭކަ ސާޅީސް ހަތް ރުފިޔާ ސޯޅަ ލާރި)އެވެ. މި މަޝްރޫއު ނިންމުމަށް ދީފައިވަނީ 730 ދުވަހެވެ.
މި މަޝްރޫޢުގައި މުޅި އައްޑޫ ސިޓީގައި 103 ކިލޯމީޓަރުގެ ސްޓޯމް ވޯޓަރ ޑްރެއިނޭޖް ޤާއިމުކުރުމަށް ހަމަޖެހިފައިވެއެވެ. އަދި މި މަޝްރޫޢުގެ މަގުހެދުމުގެ މަސައްކަތުގެ ދަށުން އައްޑޫ ސިޓީ ހިތަދޫ، މަރަދޫ، މަރަދޫ ފޭދޫ، ހުޅުދޫ އަދި މީދޫގައި 40 ކިލޯމީޓަރުގެ މަގު، ތާރު އަޅައިގެންނާއި ގައު އަޅައިގެން ތަރައްޤީކުރެވޭނެއެވެ. އަދި ގާތްގަޑަކަށް 67 ކިލޯމީޓަރުގެ މަގުގައި ސިމެންތި ސްޓިބިލައިޒްޑް ބޭސް ލޭޔަރ އެޅުމަށް ހަމަޖެހިފައިވެއެވެ.
މީގެ އިތުރުން އައްޑޫ ސިޓީގެ ހަންކެޑެ ހިމެނޭ ސަރަޙައްދުގައި މިހާރު ބޭނުންކުރަމުންދާ ލިންކްރޯޑުގެ ހުޅަނގުން ހަންކެޑައަށް ނާރާގޮތަށް، ހިތަދޫ ގައުކެޑިއާ މަރަދޫ ގުޅާލުމަށްޓަކައި 1.4 ކިލޯ މީޓަރުގެ 4 ލޭނުގެ އައު ލިންކްރޯޑެއް މި މަޝްރޫޢުގެ ދަށުން ހެދުމަށް ވަނީ ހަމަޖެހިފަ އެވެ. އަދި މި މަޝްރޫޢުގެ ދަށުން އައްޑޫ ސިޓީގައި މިހާރު ތާރު އަޅާފައިވާ މަގުތަކުގެ ތެރެއިން ޖުމްލަ 3.4 ކިލޯމީޓަރުގެ ރީސާފޭސިންގ މަސައްކަތާއި، ތަރައްގީ ކުރާ މަގުތަކުގައި މަގުބައްތިއާއި ސީސީޓީވީ ކެމެރާ ހަރުކުރުން އަދި އެހެނިހެން ޓާރެފިކް ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށް ވަނީ ހަމަޖެހިފައެވެ.