ކ. މާލެ
|
4 ޖޫން 2023 | އާދީއްތަ 07:53
ރައީސް ޞާލިހުގެ އަރިހުގައި ފޭދޫ ދާއިރާގެ މަޖިލިސް މެންބަރު މުހައްމަދު ނިހާދު
ރައީސް ޞާލިހުގެ އަރިހުގައި ފޭދޫ ދާއިރާގެ މަޖިލިސް މެންބަރު މުހައްމަދު ނިހާދު
އެމްޑީޕީ
އައްޑޫސިޓީގެ ތަރައްގީ
"އައްޑޫ ރައްޔިތުންގެ ހުވަފެންތަކުގައި ހަގީގީ ކުލަ ޖައްސަވައިދެއްވަނީ ރައީސް"
މެނިފެސްޓޯގައި ހިމެނޭ ކަންކަމަށް ދިއުމުގެ ކުރިން އަސާސީ ޚިދުމަތްތައް ގާއިމްކުރަންޖެހޭ

އައްޑޫގެ ރައްޔިތުން މިވީހާތަނަށް ދެކެމުން އައި ހުވަފެނުގެ ހަގީގީ ކުލަ ޖައްސަވައިދެއްވަނީ ރައީސް އިބްރާހީމް މުހައްމަދު ޞާލިހު ކަމަށް ފޭދޫ ދާއިރާގެ މެންބަރު މުހައްމަދު ނިހާދު ވިދާޅުވެއްޖެއެވެ.

ނިހާދު މިހެން ވިދާޅުވީ އައްޑޫ ސިޓީ ފޭދޫ އެމްޑީޕީ ޖަގަހަ ރަސްމީކޮށް ހުޅުވުމަށް ހޮނިހިރު ދުވަހުގެރޭ ބޭއްވި ރަސްމިއްޔާތުގެ ތެރެއިން "ރާއްޖެޓީވީ"އަށް ދެއްވި އިންޓަރވިއުއެއްގައެވެ.

ނިހާދު ވިދާޅުވީ އައްޑޫ ސިޓީގެ ރައްޔިތުންގެ ފަރާތުން 2018 ވަނަ އަހަރުގެ ކެމްޕޭނުގައި ރައީސް އިބްރާހީމް މުހައްމަދު ޞާލިހަށް މެނިފެސްޓޯއެއް ހުށަހެޅުއްވި ކަމަށެވެ. އެ މެނިފެސްޓޯ އެއްކޮށް ރައީސް ބައްލަވައިގެންނެވި ކަމަށާއި އަދި މެނިފެސްޓޯގައި ހިމަނާފައިވާ ކަންކަން ކޮށްދެއްވަން ވައުދުވެވަޑައިގެންނެވި ކަން ނިހާދު ފާހަގަކުރެއްވިއެވެ.

މެނިފެސްޓޯގައި ފަތުރުވެރިކަން ތަރައްގީކޮށް އިގްތިސާދު އިތުރުކުރުން ހިމަނާފައިވާއިރު، ފަތުރުވެރިކަން ތަރައްގީކުރުމަށް އަސާސީ ޚިދުމަތްތައް ގާއިމްކުރަންޖެހޭކަމަށް ނިހާދު ވިދާޅުވިއެވެ. އަދި ރައީސް ޞާލިހު އެންމެ ފުރަތަމަ އިސްކަން ދެއްވީ މި ކަންތައްތަކަށް ކަމަށް ނިހާދު ވިދާޅުވިއެވެ.

މިހާރު އެ ޕަވަރހައުސް ނިމެނީ. ނަރުދަމާއާއި ފެން އައްޑޫ ސިޓީގެ ހުރިހާ ރަށެއްގައި މިހާރު އެއޮތީ ގުޅިފައި. ވޭސްޓް މެނޭޖްމެންޓް ޕްރޮޖެކްޓު ނިމި އިރާދަކުރެއްވިއްޔާ ސެޕްޓެމްބަރު މަސް ތެރޭގައި ޚިދުމަތް ދޭން ފަށާނެ. އެހެންވީމަ މިހާރު އެ ފެށުނީ. އިގްތިސާދީ މަސައްކަތް ކުރަން ބޭނުންވާ ރިސޯޓު ނޫނީ ގެސްޓްހައުސް އެޅުމަށްޓަކައި ބޭނުންވާ ބިން އުފައްދަން.
ފޭދޫ ދާއިރާގެ މެންބަރު މުހައްމަދު ނިހާދު

ނިހާދު ވިދާޅުވީ ފަތުރުވެރިކަމުގެ ފެސިލިޓީތަކަށް ބޭނުންވާ ބަނދަރުތަކާއި، ޕޯޓުތައް ތަރައްގީކުރުމާއި، މިނޫންވެސް ބޮޑެތި މަސައްކަތްތައް މިހާރު ކުރިއަށްދާކަމަށާއި، މިއީ ވަޒީފާތައް އުފެދި، އިގްތިޞާދު ކުރިއަރާނެ ކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ.

އައްޑޫ ސިޓީގެ ޖުމްލަ 194.3 ހެކްޓަރުގެ ބިން ހިއްކުމުގެ މަސައްކަތް ހޮނިހިރު ދުވަހު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު ވަނީ ފައްޓަވައިދެއްވާފައެވެ. މިއީ އައްޑޫގައި ފަތުރުވެރިކަން ތަރައްގީކުރެވި ސިޓީ އިތުރަށް ތަރައްގީވެ، އިގްތިސާދީގޮތުން ކުރިއަރައިދާނެ މަޝްރޫއެއް ކަމަށް ފޭދޫ ދާއިރާގެ މެންބަރު ނިހާދު ވިދާޅުވިއެވެ.

- ކޮމެންޓް