2028 ނިމޭއިރު ރާއްޖޭގެ އިޤްތިޞާދު ދެގުނަ ވެގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިޙު ވިދާޅުވެއްޖެއެވެ.
ރައީސް ވިދާޅުވީ މި ފަސް އަހަރުތެރޭ މި ކުރެވުނު މަސައްކަތާއި، ކުރަންހުރި ކަންކަމުގެ މައްޗަށް ފެންނަ ނަތީޖާއެއް ވާ ކަމަށެވެ. އެއީ ރާއްޖޭގެ ޙާލަތު ވަރުހުރި އިޤްތިޞާދެއްގެ މައްޗަށް ބިނާކުރެވޭނެ ކަމުގެ އުންމީދުގެ ބޮޑުކަން ކަމުގައި ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ 2028 ނިމޭއިރު، ރާއްޖޭގެ އިޤްތިޞާދު ދެގުނަ ވެގެންދާ ދިޔުމަކީ ކުރު މުއްދަތަކުން ގެނެވޭނެ އެންމެބޮޑު އެއް ބަދަލު ކަމަށެވެ. މީގެ ފަސް އަހަރު ކުރިން 2018 ވަނަ އަހަރު ރާއްޖޭގެ ޖުމްލަ އުފެއްދުންތެރިކަމަކީ 81 ބިލިއަން ރުފިޔާ ކަމަށާއި، މީގެ ފަސް އަހަރު ފަހުން ރާއްޖޭގެ އިޤްތިޞާދު ދެގުނަކޮށް 2028 ވަނަ އަހަރު ރާއްޖޭގެ އުފެއްދުންތެރިކަން 177 ބިލިއަން ރުފިޔާއަށް ގެންދެވޭނެ ކަމަށް ރައީސް ވިދާޅުވިއެވެ.
އެކަމަށް ބޭނުންވާ ހުރިހާ މަސައްކަތެއް މިހާރު މިދަނީ ކުރަމުން. ރާއްޖޭގެ އުތުރާއި ދެކުނުގައި ސަރުކާރުން މި ވިއްދަނީ މުޅި ރާއްޖެ އެކުގައި އުފުލާލަދޭނެ އިޤްތިޞާދީ ދުންކަރާސް. އޭގެ ބުޑު ބަހައްޓާނެ ބިން އައްޑޫ ސިޓީގައި މިދަނީ ސަރާސަރުވެ ފެތުރެމުން. ރާއްޖެ އެކުގައި ތަރައްޤީނުވެ، ދިވެހިން ބޭނުންވާ މަންޒިލެއް ނުހިފޭނެ. ހަމަހަމަ، އުފާވެރި، ތަނަވަސް ޖަޒީރާ ދިރިއުޅުމެއް ދިވެހިންނަކަށް ނުލިބޭނެ. ރާއްޖޭގެ ދެކުނުގެ ކުރިއެރުމާއި ތަރައްޤީގެ މުގޫލައިގަންނަންޖެހޭ އެންމެ ވަރުގަދަ އެއްތަނަކީ ހަމަ އައްޑޫ ސިޓީ.ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު
ރައީސް ވިދާޅުވީ ހަމަ މިގޮތަށް ރާއްޖޭގެ އުތުރަށް ބޭނުންވާ ހުރިހާ އިންތިޒާމެއް މި އަމާޒުގައި ސަރުކާރުން ހިންގަމުންދާ ކަމަށެވެ. މިއީ ފަސް އަހަރެއްގެ ފެށުމާއި، އަނެއް ފަސް އަހަރެއްގެ ނިމުމަކަށް ހިންގޭ ދިހަ އަހަރުން ދިވެހިރާއްޖޭގެ އިޤްތިޞާދު ދެގުނަކުރެވޭ އިޤްތިޞާދީ ބޮޑުބަދަލުގެ ދިހަ އަހަރު ކަމަށް ރައީސް ވިދާޅުވިއެވެ. އަދި ގަން އިންޓަރނޭޝަނަލް އެއަރޕޯޓުގެ ބޮޑު މަޝްރޫޢުގެ ޢަމަލީ މަސައްކަތް ވެސް ފެށިގެންދާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ރާއްޖޭގައި މިހާރު ކުރިއަށްދާ މިފަދަ ގިނަ، ބޮޑެތި ހުރިހާ ޕްރޮޖެކްޓްތަކަކީ އިންޑިއާގެ ހިލޭ އެހީއާއި ލޯނު އެހީގެ ދަށުން ހިނގަމުންދާ ޕްރޮޖެކްޓްތައް ކަމަށެވެ. ހަނިމާދޫ އެއަރޕޯޓާއި މާލޭ ހައުސިންގ ޕްރޮޖެކްޓާއި ތިލަމާލޭ ކަނެކްޓިވިޓީ ބްރިޖާއި އައްޑޫ މަގުހެދުމާއި ބިން ހިއްކުމާއި ގަން އެއަރޕޯޓުގެ މަސައްކަތް ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ މިފަދަ އެތައް އެތައް ދީލަތި އެހީތަކެއް އިންޑިއާ ސަރުކާރުން ރާއްޖެއަށް މިވަގުތު ވަމުންދާ ކަމަށެވެ.