ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު، އައްޑޫ ސިޓީ ކައުންސިލް މެންބަރުންނާ ބައްދަލުކުރައްވައި އައްޑޫސިޓީގެ ތަރައްޤީއާ ގުޅޭ މުހިންމު ކަންކަމާގުޅޭގޮތުން މަޝްވަރާކުރައްވައިފިއެވެ.
މި ބައްދަލުކުރެއްވުން ބޭއްވެވީ އައްޑޫސިޓީ ކައުންސިލުގެ އިދާރާގައެވެ.
މި ބައްދަލުކުރެއްވުމުގައި ސިޓީ ކައުންސިލުގެ މެންބަރުން ވަނީ ޚާއްޞަގޮތެއްގައި އައްޑޫ ސިޓީގެ ޞިއްޙީ ޚިދުމަތްތައް ތަރައްޤީކުރުމަށް ކުރެވިފައިވާ މުހިންމު ގިނަ ކަންތައްތަކެއް ޝުކުރުވެރިކަމާއެކު ފާހަގަކުރައްވާފައެވެ. އެގޮތުން އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލުގައި ގިނަ އައު ޚިދުމަތްތަކެއް ތައާރަފްކުރެވި އަދި ކެތްލެބްގެ މަސައްކަތް ވެސް ނިމުމަކާ ގާތްވެފައިވާކަމާއި ހުޅުމީދޫގެ ޞިއްހީ މަރުކަޒުގެ ޚިދުމަތްތައް އިތުރަށް ފުޅާކުރެވި ރައްޔިތުންނަށް އޭގެ ލުއިފަސޭހަތައް ލިބެމުން އަންނަކަން ސިޓީ ކައުންސިލުގެ މެންބަރުން ފާހަގަކުރެއްވިއެވެ. މީގެ އިތުރުން ތަޢުލީމީ ދާއިރާއިން އައްޑޫ ސިޓީގެ ސްކޫލުތަކުގެ ޖާގައިގެ މައްސަލަ ޙައްލުކޮށްދެއްވުމަށް ކޮށްފައިވާ މަސައްކަތްތަކާއި އަދި ތަޢުލީމީ ދާއިރާއިން ލިބެމުން އަންނަ ކުރިއެރުންތައް ވެސް ސިޓީ ކައުންސިލުގެ މެންބަރުން ފާހަގަކުރެއްވިއެވެ.
ކައުންސިލުން ފާހަގަކުރެއްވި އިތުރުކަންކަމުގެ ތެރޭގައި މަސްވެރިންނަށް ކުރިމަތިވާ ދަތިތަކާއި، ކުނި މެނޭޖުކުރުމުގައި ކުރިމަތިވާ ދަތިތަކުގެ އިތުރުން ސިޓީ ކައުންސިލުގެ އިންސާނީ ވަޞީލަތް އިތުރުކުރުމަށް ބޭނުންވާކަން ފާހަގަކުރެއްވުން ހިމެނެއެވެ. މީގެ އިތުރުން އިޤްތިޞާދީ އިޖުތިމާޢީ ދާއިރާއިން އައްޑޫ ސިޓީގެ ތަރައްޤީއަށް މުހިންމު އިތުރުކަންކަމާއި އަދި ޙައްލު ހޯދުމަށް ބޭނުންވާ މުހިންމު ކަންކަން ކައުންސިލުގެ މެންބަރުން ފާހަގަކުރެއްވިއެވެ.
މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި މަސްވެރިނަށް ލުއި ފަސޭހަ ހޯދައިދިނުމުގެ ގޮތުން މިހާރު ވެސް މަސައްކަތްތަކެއް ކުރިޔަށްދާކަމަށް ވިދާޅުވިއެވެ. މީގެ އިތުރުން ވެސް ކައުންސިލުން ފާހަގަކުރެއްވި ކަންކަމުގައި ސަރުކާރުގެ ކަމާގުޅޭ އިދާރާތަކާއި މަޝްވަރާކުރައްވާނެކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާ އައްޑޫސިޓީއަށް ކުރައްވާ 3 ދުވަހުގެ ދަތުރުފުޅުގައި އެމަނިކުފާނުގެ އަރިހުގައި ސަރުކާރުގެ މަތީ ފަންތީގެ ވަފުދެއް ބައިވެރިވެވަޑައިގަންނަވައެވެ.