ކ. މާލެ
|
4 ޖޫން 2023 | އާދީއްތަ 07:13
އައްޑޫ ސިޓީގެ ބިން ހިއްކުމުގެ މަޝްރޫއު އިފްތިތާހުކޮށްދެއްވާ ރައީސް ވާހަކަފުޅުދައްކަވަނީ
އައްޑޫ ސިޓީގެ ބިން ހިއްކުމުގެ މަޝްރޫއު އިފްތިތާހުކޮށްދެއްވާ ރައީސް ވާހަކަފުޅުދައްކަވަނީ
ރައީސް އޮފީސް
ގެސްޓްހައުސް އިމާރާތް ކުރުން
އަމިއްލަ ފަރާތްތަކުގެ ގެސްޓްހައުސްތައް އިމާރާތްކޮށް ނިންމައިދޭ ކޮންޓްރެކްޓަރ ފައިނޭންސް މޮޑެލްއެއް އައްޑޫއަށް ގެންނަނީ
 
މިއީ ޖުމްލަ 2870 ޓޫރިސްޓް އެނދު ހިމެނޭ މަޝްރޫޢެއް
 
އައްޑޫގެ އެކި ރަށްރަށުން ފަތުރުވެރިކަމަށް ދޫކޮށްފައިވާ ބިންތައް، އެ ތަންތަން ދިގު މުއްދަތަށް ނަގާފައިވާ ފަރާތްތަކަށް ގެސްޓްހައުސް އަޅައި ނިންމައިދެވޭނެ

އަމިއްލަ ފަރާތްތަކުގެ ގެސްޓްހައުސްތައް އިމާރާތްކޮށް ނިންމައިދޭ ކޮންޓްރެކްޓަރ ފައިނޭންސް މޮޑެލްއެއް އައްޑޫ ސިޓީއަށް ގެންނަވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިޙު ވިދާޅުވެއްޖެއެވެ.

ރައީސް މިފަދައިން ވިދާޅުވީ އައްޑޫ ސިޓީއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން އައްޑޫ ސިޓީގެ ފަތުރުވެރިކަމާއި ގުޅިފައިވާ އައްޑޫ ސިޓީގެ ބިން ހިއްކުމުގެ މަސައްކަތް ރަސްމީކޮށް ފައްޓަވައި ދެއްވާ ވާހަކަފުޅު ދައްކަވަމުންނެވެ.

މި މޭރުމުން ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ އެސް.ޑީ.އެފް.ސީ.ގެ ފަރާތުން އަމިއްލަ ފަރާތްތަކުގެ ގެސްޓްހައުސްތައް އިމާރާތްކޮށް ނިންމައިދޭ ކޮންޓްރެކްޓަރ ފައިނޭންސް މޮޑެލް އައްޑޫއަށް އަންނާނެ ކަމަށެވެ. އަދި އައްޑޫގެ އެކި ރަށްރަށުން ފަތުރުވެރިކަމަށް ދޫކޮށްފައިވާ ބިންތައް، އެ ތަންތަން ދިގު މުއްދަތަށް ނަގާފައިވާ ފަރާތްތަކަށް ގެސްޓްހައުސް އަޅައި ނިންމައިދެވޭނެ ކަމަށެވެ.

އެއީ ދިގު މުއްދަތުން އަނބުރާ ދައްކާގޮތަށް ހިންގޭ މަޝްރޫޢެއް. މި ދެންނެވި ގޮތަށް ދޫކުރެވިފައިވާ 73 ބިމެއް އެބަވޭ. އޭގެތެރެއިން 44 ފަރާތަކުން 58 ބިމުގައި ގެސްޓްހައުސް އިމާރާތް ކުރުމަށް މިހާރުވަނީ އެދިފައި. މިއީ ޖުމްލަ 2870 ޓޫރިސްޓް އެނދު ހިމެނޭ މަޝްރޫޢެއް. އައްޑޫގެ ގޯތިތައް ފަޅުވެ، ގެތައް ވީރާނާވެ، ގަސްބޯވެ، ވާވަނުމަކީ އައްޑޫ ރައްޔިތުން ހެޔޮ ބަދަލަށްޓަކައި ވީ ޤުރްބާނީއާއި، ކުރި އުންމީދުގައި އޮތް ކަމެއް ނޫން. އައްޑޫ ރައްޔިތުން ބޭނުންވީ، އައްޑޫ އާބާދުވެ، އާރާސްތުވެ ކުރިއަރައިދިޔުން. އެ މަގުތައް މިދަނީ ކޮށައި އަލިވެ އާރާސްތުވަމުން.
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހް

ރައީސް ވިދާޅުވީ ތަރައްޤީގެ މަގުގައި އެޅޭ އެންމެ ހަރުދަނާ ފިޔަވަޅަކީ އިންސާނީ ވަސީލަތް ތަރައްޤީ ކުރެއްވުން ކަމަށެވެ. އަމިއްލަ ޒާތުގައި ހިނގާ، އަރަފޯދިގެންވާ ސަރަޙައްދީ އިޤްތިޞާދެއްގެ މުހިންމުކަން ރާއްޖެއަށް ކިތަންމެހާ ވެސް ބޮޑު ކަމަށާއި، އެކަންކަން ހިންގައި ދެމެހެއްޓެނިވި ކުރެވޭނީ، އުފެދޭ ވަޒީފާތަކަށް ޤާބިލް މުވައްޒަފުން ލިބިގެން ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ އެމަނިކުފާނުގެ މި ދައުރު ފެށުމާއެކު، އެންމެ އިސްކަންދެއްވި މަޝްރޫޢަކީ، ސަރުކާރުން ހިންގަން ފެށި ހިލޭ ޑިގްރީ ޕްރޮގްރާމް ކަމަށެވެ. މިހާތަނަށް އައްޑޫ ސިޓީއަށް ނިސްބަތްވާ 1467 ޒުވާނުންނަށް ހިލޭ ޑިގްރީގެ ފުރުޞަތު ދެވިފައިވާ ކަމަށާއި، އޭގެތެރެއިން 928 ދަރިވަރުން ހިލޭ ޑިގްރީ ހާސިލުކޮށްފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި އައްޑޫ ސިޓީގެ 539 ދަރިވަރުން މިހާރު ވެސް ހިލޭ ޑިގްރީއަށް ކިޔަވަމުން އެބަދާ ކަމަށާއި، ހިނގަމުންމިދާ މަޝްރޫޢުތައް ނިމެމުން ފުރިހަމަވަމުންދާއިރު، އުފެދޭ ގިނަ ވަޒީފާތަކަށް ޤާބިލް ޒުވާނުން އެދަނީ އުފެދެމުން ކަމަށް ރައީސް ވިދާޅުވިއެވެ.

ކޮމެންޓް