ކ. މާލެ
|
29 މެއި 2023 | ހޯމަ 14:47
ފުލުހުންގެ މައި އިދާރާ --
ފުލުހުންގެ މައި އިދާރާ --
މިހާރު
ނައީމާ މޫސާގެ މަރުގެ މައްސަލަ
ނައީމާ މޫސާ މަރާލި މައްސަލައިގައި ހައްޔަރު ކުރި މީހާގެ ބަންދަށް 30 ދުވަސް ޖަހައިފި
ފުލުހުން ބުނީ ނައީމާގެ މަރުގެ މައްސަލައިގައި ހައްޔަރުކޮށްފައިވަނީ 21 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށް
ނައީމާގެ ޕޯސްޓްމޯޓަމް ހަދަންޖެހޭ ސަބަބެއް ނެތްކަމަށް ފުލުހުންގެ ފޮރެންސިކް ޕެތޮލޮޖިސްޓް ނިންމުމުން ހަށިގަނޑު ވަނީ ވަޅުލާފަ
ނައީމާގެ ޚަބަރެއް ނުވާތާ ދެ ދުވަސް ފަހުން ފުލުހުންނަށް ރިޕޯޓްކުރީ އޭޕްރީލް މަހުގެ 7 ވަނަ ދުވަހު

ނ. މަނަދޫ ނައީމާ މޫސާ މަރާލި މައްސަލައިގައި ހައްޔަރު ކުރި މީހާގެ ބަންދަށް 30 ދުވަސް ޖަހައިފިއެވެ.

ފުލުހުން ބުނީ ނައީމާގެ މަރުގެ މައްސަލައިގައި ހައްޔަރުކޮށްފައިވަނީ 21 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށާއި އޭނާ ހައްޔަރުކޮށްފައިވަނީ މާލެއިން ކަމަށެވެ. މިއީ މި މައްސަލައިގައި ހައްޔަރު ކުރި 3 ވަނަ މީހާއެވެ.

އަދި އޭނާގެ ބަންދަށް 30 ދުވަސް ދީފައި ވަނީ ހޯމަ ދުވަހު ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ނައީމާގެ މަރާއި ގުޅުންހުރި 2 މީހަކު މިމަހުގެ 26 ވަނަ ދުވަހު ވެސް ހައްޔަރުކޮށްފައިވެއެވެ.

ނައީމާ މޫސާގެ މަރުގައި ތުހުމަތުކުރެވޭ ކަންތައްތަކެއް ފާހަގަކުރެވިފައިވާތީ މި މައްސަލައިގެ ތަހުގީގު ކުރިޔަށްގެންދަނީ ހޮމިސައިޑް އިންވެސްޓިގޭޝަނެއްގެ ގޮތުގައި ކަމަށް ވާއިރު މީގެ ކުރިން މި މައްސަލައިގައި ދެމީހުން ހައްޔަރުކުރިއެވެ. އޭގެ ތެރެއިން އެކަކީ އުމުރުން 23 އަހަރުގެ އަޚުޒަމް އަބްދުއް ޝަކޫރު ނަމަކަށް ކިޔާ މީހެކެވެ.

ފުލުހުން ބުނީ މި ހާދިސާއާ ގުޅޭ ބައެއް ހެކިތައް ފުލުހުން ހޯދާފައި ވަނީ މި މައްސަލައިގައި ހައްޔަރު ކުރި އެކަކު ކުށަށް އިއުތިރާފުވެ، ދިން މައުލޫމާތުތަކަށް ބެލުމަށް ފަހުގައި ކަމަށެވެ.

އެގޮތުން ނައީމާ މޫސާ މަރާލުމަށް ބޭނުންކުރިކަމަށް ޝައްކު ކުރެވޭ ތޫނު 2 ހަތިޔާރާއި ހަމަލާ ދިން ވަގުތު އެކަމުގައި ބައިވެރިވި މީހުން ލައިގެންތިބި އަންނައުނު ފެނިފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ފުލުހުން އެ ތަކެތި ނަގާފައި ވަނީ ވަޅުގަނޑެއް ކޮނެ އެތަކެތި އަޅައި، އަންދައިލުމަށްފަހު ފަސްއަޅައި ފޮރުވާފައިވަނިކޮށެވެ.

މި މައްސަލައާ ގުޅިގެން ނައީމާގެ ގޭ ކައިރީގައި އުޅުނު ބައެއް މީހުންގެ ޑީއެންއޭ ސާމްޕަލް ވެސް ވަނީ ނަގާފައިވެއެވެ. މީގެ އިތުރުން ނައީމާ ދިރިއުޅޭ ގެއަށް އޭނާ ހޯދުމަށް ދިޔަ ބައެއް މީހުންގެ ހަށިގަނޑުގެ ޑީއެންއޭ ސާމްޕަލް ވެސް ނަގާފައިވެއެވެ.

ނައީމާގެ ޚަބަރެއް ނުވާތާ ދެ ދުވަސް ފަހުން ފުލުހުންނަށް ރިޕޯޓްކުރީ އޭޕްރީލް މަހުގެ 7 ވަނަ ދުވަހުއެވެ. އެއާއި އެކު ފުލުހުން އޭނާ ދިރިއުޅޭ ގެއަށް ގޮސް، އެ ގެއަށް ވަނީ، އޭނާ ދިރިއުޅޭ ކޮޓަރީގެ ދޮރު ވައްޓާލައިގެން ކަމަށް ފުލުހުން ބުނެއެވެ. 

ނައީމާގެ ހަށިގަނޑު ބަލައި ތަހުލީލުތަކަށް ބޭނުންވާ ސާމްޕަލް ނެގުމަށްފަހު، ޕޯސްޓްމޯޓަމް ހަދަންޖެހޭ ސަބަބެއް ނެތްކަމަށް ފުލުހުންގެ ފޮރެންސިކް ޕެތޮލޮޖިސްޓް ނިންމުމުން ހަށިގަނޑު ވަނީ ވަޅުލާފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
ކޮމެންޓް