ޓްރީޓޮޕް ހޮސްޕިޓަލުން ރާއްޖޭގައި ފުރަތަމަ ފަހަރަށް އައިވީއެފް ޚިދުމަތް ދޭން ފަށައިފިއެވެ.
ހޯމަ ދުވަހު ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި މި ޚިދުމަތް ފައްޓަވައިދެއްވީ، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހެވެ.
މި ސެންޓަރު މެދުވެރިކޮށް ރާއްޖެއިން ބޭރުން ދަރިމައިވުމައި ގުޅޭ ޚިދުމަތްތައް ހޯދުމުގެ ބަދަލުގައި އަމިއްލަ ގައުމުގައި އާއިލާއާނގާތުގައި މި ޚިދުމަތްތައް ހޯދޭނެ އިންތިޒާމް ހަމަޖެހިގެންދާނެއެވެ.
މިޚިދުމަތާއި ގުޅޭގޮތުން އެ ހޮސްޕިޓަލްގެ ސީއޯއޯ އާދިލް މޫސާ ވިދާޅުވީ ފާޓިލިޓީ މި ސެންޓަރަކީ ރާއްޖޭގެ ސިއްހީ ދާއިރާއަށް ލިބުނު އިންގިލާބީ ބޮޑުކުރިއެރުމެއް ކަމަށާއި، ގިނަ އަދަދެއްގެ އާއްމުންނަށް އުފާވެރިކަން ލިބޭނެ ކަމަށެވެ. އަދި 15.4 މިލިއަނެއްހާ ރުފިޔާ ޚަރަދުކޮށްގެން ގާއިމްކުރި ސެންޓަރުން ރާއްޖޭގައި ޚިދުމަތް ދެނީ 46،000 ރުފިޔާކަން އާދިލް ފާހަގަކުރެއްވިއެވެ.
ޓްރީ ޓޮޕް ހޮސްޕިޓަލްގައި ފާޓިލިޓީ ސެންޓަރު ހުންނާނީ ތިން ވަނަ ފަންގިފިލާގައި ވިމަން އެންޑް ޗައިލްޑް ސެންޓަރުގައެވެ.
ޓްރީ ޓޮޕް ހޮސްޕިޓަލްގެ ދަރިމައިވުމުގެ ތަޖުރިބަކާރުން، ދަރިމައިވުމައި ގުޅޭ ޚާއްސަ ފަރުވާތަކެއް މި ސެންޓަރުން ފޯރުކޮށްދޭނެއެވެ. މިފަރުވާތަކުގެ ތެރޭގައި އިން ވިޓްރޯ ފަރޓިލައިޒޭޝަން (އައިވީއެފް) އަދި އިންޓްރައުޓަރިން އިންސެމިނޭޝަން (އައިޔޫއައި) ފަދަ މި ދާއިރާގައި ކުރިއަރާފައިވާ ޚިދުމަތްތައް ހިމެނެއެވެ.
އާއިލާއެއްގެ ހުވަފެން ދެކެމުން އަންނަ ދެމަފިރިންނަށް އެ ހުވަފެން ހަގީގަތަކަށް ހެދުމަށް އެހީތެރިވުމަށް ޚާއްސަވެފައިވާ ހުނަރުވެރި އަދި އޯގާތެރި ދަރިމައިވުމުގެ ސްޕެޝަލިސްޓުންގެ ޚިދުމަތް ފޯރުކޮށްދިނުމަކީ ހޮސްޕިޓަލަށް ލިބޭ ވަރަށް ބޮޑު ކުރިއެރުމެއް ކަމަށް ޓްރީ ޓޮޕް ހޮސްޕިޓަލުން ބުނެއެވެ. އަދި ދަރިމައިނުވުމުގެ މައްސަލަތަކަށް ފަރުވާ ދިނުމުގައި އަހަރުތަކެއްގެ ތަޖުރިބާ ލިބިފައިވާ ތަޖުރިބާކާރުންގެ ޓީމަކީ އެންމެ ފައިދާހުރި އަދި އެންމެ ޕާސަނަލައިޒްޑް ފަރުވާގެ ޕްލޭންތައް ފޯރުކޮށްދިނުމަށް އެންމެ ފަހުގެ ޓެކްނޮލޮޖީއާއި ޒަމާނީ ވަސީލަތްތައް މެދުވެރިކޮށް ފަރުވާކޮށްދޭނެ ޓީމެއް ކަމަށް އެ ހޮސްޕިޓަލުން ބުނެއެވެ.
ޓްރީ ޓޮޕުން މި ޚިދުމަތް ފަށާފައިވަނީ އިންޑިއާގެ ސައިމާ ސެންޓަރާ ގުޅިގެންނެވެ.
ޓްރީ ޓޮޕް ހޮސްޕިޓަލަކީ ރާއްޖޭގެ ގިނަ ބައެއްގެ އިތުބާރު ހޯދައިފައިވާ، ޒަމާނީ ފެންވަރަށް ސިއްޚީ ހިދުމަތް ފޯރުކޮށްދެމުން އަންނަ ހޮސްޕިޓަލެކެވެ. އެގޮތުން މިހާރުވެސް އެ ހޮސްޕިޓަލުން އަންނަނީ އެންމެ ފަހުގެ ވަސީލަތްތަކާއެކު އައު ހިދުމަތްތައް ތައާރަފުކުރަމުންނެވެ.