މ.އަތޮޅުގައި އަވައްޓެރި ފުލުހުންގެ ޚިދުމަތް ރަސްމީކޮށް ފަށަން ތައްޔާރުވެއްޖެއެވެ.
ފުލުހުން އެފަދައިން ބުނެފައި ވަނީ މިނިސްޓަރ އޮފް ހޯމްއެފެއާޒް އިމްރާން ޢަބްދުﷲ އާއި ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ހަމީދު މ.އަތޮޅަށް ކުރައްވާ ރަސްމީ ދަތުރުފުޅުގެ މައުލޫމާތު ހިއްސާކުރައްވަމުންނެވެ.
ފުލުހުން ބުނީ އެ ދެބޭފުޅުން ކުރައްވާ ދަތުރުފުޅުގައި، ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް ޢަބްދުލް މަންނާން ޔޫސުފް، ލޯކަލް ޕޮލިސިންގ ކޮމާންޑުގެ ހެޑް އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު މުޙައްމަދު، އަދި ފުލުހުންގެ އެގްޒެކެޓިވް ބައެއް އޮފިސަރުން ބައިވެރިވެވަޑައިގަންނަވާ ކަމަށެވެ.
މޭއި 29 އިން 30 އަށް ކުރައްވާ މި ދަތުރުފުޅަކީ މ.އަތޮޅުގައި އަވައްޓެރި ފުލުހުންގެ ޚިދުމަތް ރަސްމީކޮށް ފައްޓަވައިދެއްވުމާއި މަޑުއްވަރީ ޕޮލިސް ޕޯސްޓު ހުޅުވައިދެއްވުމަށް ކުރައްވާ ދަތުރުފުޅެއް ކަަމަށް ފުލުހުން ވަނީ ބުނެފައެވެ.
މީގެ އިތުރުން މިދަތުރުފުޅުގައި، މިނިސްޓަރ އޮފް ހޯމްއެފެއާޒް އިމްރާން ޢަބްދުﷲ އާއި ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ހަމީދު އަދި ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް ޢަބްދުލް މަންނާން ޔޫސުފްގެ އިތުރުން ދަތުރުގައި ބައިވެރިވެލައްވާ ފުލުހުންގެ އެގްޒެކެޓިވް އޮފިސަރުން، މ.އަތޮޅުގެ އަތޮޅުގެ ރަށްރަށުގެ ކައުންސިލުތަކާ އަދި ރައްޔިތުންނާ ބައްދަލުކުރައްވާނެއެވެ.