ހުޅުމާލެ ފޭސް 2ގައި ހުންނަ ހިޔާ ފްލެޓްގެ ދެ އެޕާޓްމަންޓެއްގެ އިންފާރު ތަޅާލައި އެއްކޮށްލުމުން، ކޮންމެ އެޕާޓްމެންޓެއް 14 ދުވަހުގެ ތެރޭގައި އާބަންކޯއާ ހަވާލުކުރުމަށް އެންގި އެންގުމާއި ގުޅިގެން، އެކަން ހުއްޓުވުމުގެ ވަގުތީ އަމުރަކަށް އެދިއްޖެއެވެ.
އެއްކޮށްލި ދެ އެޕާޓްމަންޓް އާބަންކޯއަށް ނެގުން ހުއްޓުވުމަށް ސިވިލް ކޯޓުގައި އެ ފަރާތުން ވަގުތީ އަމުރަކަށް އެދިފައިވާއިރު، އެ މައްސަލަ މިހާރު ވަނީ އެ ކޯޓުގައި ރަޖިސްޓްރީ ކޮށްފައެވެ.
އާބަންކޯއިން ބުނީ ހިޔާ ފްލެޓުތަކުގެ އިމާރާތެއްގެ ދެ އެޕާޓްމަންޓް އެއްކޮށްލައިގެން ހަދާފައިވާ މައްސަލާގައި، އެ ކޯޕަރޭޝަނުން ހަދާފައިވާ އުސޫލުތަކާ ހިލާފަށް ދެފަރާތުން ދެ އެޕާޓްމަންޓުގެ މެދު ފާރު ތަޅާލައި، 4 ކޮޓަރީގެ އެއް އެޕާޓްމަންޓަކަށް ބަދަލުކޮށްފައިވާކަމަށެވެ.
މި މައްސަލަ ބެލުމަށްފަހު ކޮންމެ އެޕާޓްމަންޓެއް، 100،000 ރުފިޔާއިން ޖޫރިމަނާކޮށް، ފަސް ދުވަހުގެ ތެރޭގައި ދެ ފަރާތުންވެސް އެ ފައިސާ ދެއްކުމަށް އޭރު އެންގިއެވެ.
އަދި 10 ދުވަހުގެ ތެރޭގައި, އެޕާޓްމަންޓް ހަވާލު ކުރެވުނުއިރު ހުރި ގޮތަށް އިއާދަކުރުމަށްވެސް ވަނީ އަންގާފައެވެ. ނަމަވެސް މިކަން މި މުއްދަތުގައި ކޮށްފައިނުވާތީ، 14 ދުވަހުގެ ތެރޭގައި އެ ކޯޕަރޭޝަނަށް އެޕާޓްމަންޓް ހަވާލުކުރުމަށް އާބަންކޯއިން ވެރިފަރާތަށް ވަނީ އަންގާފައެވެ.
ރާއްޖެއެމްވީއަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އެޕާޓްމަންޓް ހަވާލު ކުރެވުނުއިރު ހުރި ގޮތަށް އިއާދަކުރުމުގައި އޭރު ދިމާވި ގޮންޖެހުންތައް އެ ފަރާތުން ވަނީ އާބަންކޯއަށް ހިއްސާވެސް ކޮށްފައެވެ.
މިމައްސަލަ ފާހަގަވުމާ ގުޅިގެން އެ ދެ އެޕާޓްމަންޓު ޖޫރިމަނާކޮށްފައިވަނީ 05 މެއި 2023ގައެވެ.
ހިޔާ ފްލެޓުގައި ދިރިއުޅޭ ކޮންމެ މީހަކުވެސް އެތަނުގައި ދިރިއުޅެނީ އާބަންކޯއާއެކު ވެފައިވާ އެއްބަސްވުމެއްގެ ދަށުންނެވެ.
ހިޔާގެ ފުލެޓުތައް ދޫކޮށްފައިވާ އެއްބަސްވުމުގައި އާންމުންގެ ސަލާމަތާއި ރައްކާތެރިކަން ގެއްލޭނެފަދަ އެއްވެސް އަމަލެއް ކުރުމާއި އުނދަގޫވާނެ ކަންކަން ކުރުމަކީ މަނާކަމެއް ކަމަށް ބަޔާންކޮށްފައިވެއެވެ.
މީގެ ތެރޭގައި ސިނގިރޭޓު ބުއިމާއި، އަލިފާން ރޯކުރުމާއި، އިމާރާތަށް ގެއްލުން ދިނުމާއި، ބެލްކަނީގައި ނުވަތަ ކޮރިޑޯގައި ވޭޕްކުރުމާއި, ސިނގިރޭޓު ބުއިން، އަދި އަޅި ކެނޑުމަކީވެސް މަނާކަމެކެވެ.
އެއްބަސްވުމާ ހިލާފުވެފައިވާ މިންވަރަށް ބަލައި 1،000 ރުފިޔާއާ 100،000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުމާއި، އިހުމާލުވެފައިވާ ފަރާތްތަކުގެ ޔުނިޓް އަތުލުމުގެ ހައްގުވެސް އާބަންކޯއަށް ލިބިގެންވެއެވެ.